އުކުޅަހުން ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އއ. އުކުޅަހުން ރަޝިޔާގެ ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އުކުޅަހު ކައުންސިލުން މިކަން ހާމަކޮށް ނެރުނު ނޯޓިހެއްގައި ބުނެފައިވާގޮތުން ގެއްލިގެން ހޯދަމުންދަނީ އެ ރަށު، ލަ ޕަލްމާ ސޫޓްސްގައި ހުރި ފިރިހެން ފަތުރުވެރިއެކެވެ.
އޭނާ އެ ރަށުން ފުރަން އޮތީ މިއަދު ހެނދުނު ކަމަށާ އެހެން ނަމަވެސް އޭނާ ފުރާފައެއް ނުވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި އޭނާގެ މޯބައިލްފޯނާއި އެހެނިހެން ސާމާނު އޭނާ އުޅުނު ކޮޓަރި ތެރޭގައި ހުރިކަންވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެ މީހާ އެންމެ ފަހުން ފެނުނީ އިއްޔެ ހަވީރު ކަން ފާހަގަކޮށް އެ ކައުންސިލުން ވަނީ އެމީހާގެ ރައްކާތެރިކަމާމެދު ކަންބޮޑުވުންފާޅުކޮށްފައެވެ.
މި މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެ މީހާ ހޯދުމުގެ މަސައްކަތް ގެސްޓްހައުސް އާއި އެ ރަށު ކައުންސިލާއި ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ވޮއިސް އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ފަތުރުވެރިޔާ ގެއްލިގެން 13:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މިމައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު އެކަމުގެ މައުލޫމާތު ކަމާ ގުޅުންހުރި ފަރާތްތަކަށް ހިއްސާކޮށް މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާ ގެއްލިފައިވަނީ ރަޝިޔާ ރައްޔިތެއްކަމަށްވާ އިޔޫރޮޗްކިން ޕޯމާ ރޯމަން (48އ) ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން މީހާ އެންމެ ފަހުން ފެނިފައިވަނީ އޭނާ ޗުއްޓީ ހޭދަކުރަމުންދާ ގެސްޓް ހައުސް އިންކަމަށް ވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް