ވެރިކަމާ ހަވާލުވުމަށްފަހު ރައީސް ޞާލިހް ފުރަތަމަފަހަރަށް އުފަން ރަށަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަފަހަރަށް އަމިއްލަފުޅު ރަށް ޅ.ހިންނަވަރަށް ޒިޔާރަތްކުރައްވައިފިއެވެ.
މިއީ އެމަނިކުފާނު މިހާރު ރ އަދި ނ އަތޮޅުގެ ދެރަށަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެތެރެއިން ހިންނަވަރަށް ކުރެއްވު ނުރަސްމީ ޒިޔާރަތެއްކަން ފާހަގަކޮށްލަންޖެހެއެވެ.
ރައީސް ޞާލިހް ވަނީ އަމިއްލަފުޅު ރަށް ވަޑައިގެން އެމަނިކުފާނުގެ އަމިއްލަ ގެކޮޅަށްވެސް ޒިޔާރަތްކުރައްވާފައެވެ. ރައީސް ޞާލިހްގެ މި ދަތުރުފުޅާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ރައީސް ޞާލިހް ވިދާޅުވިގޮތުގައި ކުޑަ ވަގޮތުކޮޅަކަށް ނަމަވެސް ހިންނަވަރަށް ޒިޔާރަތްކުރެއްވުނީތީ އުފާ ކުރައްވާކަމަށެވެ.
ރައީސް ޞާލިހަކީ ރައީސްކަމާ ހަވާލުވުމާ ހަމަޔަށް މަޖިލިސް ހިންނަވަރު ދާއިރާ ތަމްސީލް ކުރައްވަމުނެ ގެންދެވި މެންބަރެވެ. އަދި ޞާލިހަކީ އަތޮޅުތެރެއިން ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ރައީސް ޞާލިހް ރ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ރ. ދުވާފަރުގައި ބޭއްވެވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މާދަމާ ނ އަތޮޅުގެ ހެނބަދޫއަށް ވަޑައިގެން ނަރުދަމާ ނިޒާމުގެ ހިދުމަތް އިފްތިރާހްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް