ރައީސް ޔާމީންގެ ފަހަތުން ބެރުޖަހައި އެއްޗެހި ގޮވަމުން ހިނގާލުމެއް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވަދެފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާތަކާއިބެހޭގޮތުން ފުލުހުންގެ އިދާރާއިން ފަށާފައިވާ ތަހްގީގަކަށް އެމަނިކުފާނު ފުލުހުންގެ އިދާރާއަށް މިއަދު ވަޑައިގެންނެވުމަށް ނުކުމެވަޑައިގަތުމުން އެމްޑީޕީގެ ސަޕޯޓަރުން އެމަނިކުފާނުގެ ފަހަތުން މަލާމާތާއި ފުރައްސާރައިގެ ބަސްތައް ގޮވަމުން، ބެރުޖަހަމުން މިއަދު ދާންވީ ކީއްވެގެންހެއްޔެވެ.
އެމްޑީޕީގެ ސެކްރެޓެރިއޭޓުން ބުނެފައިވަނީ އެޕާޓީގެ ސަޕޯޓަރުން ޔާމީންގެ ފަހަތުން މިދިޔައީ ރައީސް އަބްދުﷲ ޔާމީން ކުރައްވާފައިވާކަމަށް އެޕާޓީން ތުހުމަތުކުރާ ވައްކަންތައް އެމަނިކުފާނަށް ހަދާންކޮށްދިނުމަށެވެ. އެމްޑީޕީގެ މިއަމަލު ޔާމީންގެ ޕާޓީ ޕީޕީއެމުން ކުށްވެރިކުރެއެވެ. އެޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީން ފައިމަގުގައި ހިންގަވާފައި ފުލުހުންގެ އިދާރާއަށް ވަޑައިގެންނެވުމަށް ނިންމެވީ އެޕާޓީގެ ސަޕޯޓަރުން އެކަމަށް އެދިގެންނެވެ. އެބަޔާނުގައި ބުނެފައިވަނީ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ވަޑައިގަންނަވާއިރު އެމަނިކުފާނަށް ގޯނާކޮށް ހުރަސްއެޅުމަށް އެމްޑީޕީގެ ސަޕޯޓަރުންނަށް އެޕާޓީން ގޮވާލާފައިވާކަމަށާއި މިއީ ހަމަނުޖެހުން ހިންގައި ކުރިމަތިލުމަކަށް ދިއުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން އިސްވެ އޮވެގެން ކުރަމުންދާކަމެއްކަމަށެވެ.

" މިޕާޓީގެ ރައީސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ކަމަށް ވީހިނދު މިވަގުތާ ދިމާކޮށް މުޒާހަރާކޮށް ހަމަނުޖެހުން ހިންގުމަށް ގޮވާލާ މަގުތައް ހަލަބޮލިކުރުމަށް ގޮވާލާ ގޮވާލުންތައް ކުށްވެރިކޮށް މިފަދަ ޑިމޮކްރަސީއާ ބީރަށްޓެހި އަމަލުތައް ހުއްޓާލުމަށްވެސް މިޕާޓީން ގޮވާލަމެވެ" އެބަޔާނުގައި ވެއެވެ.
ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޚަލީލް އެމްޑީޕީއަށް ކުރަނީ ތުހުމަތެކެވެ. ޓުވީޓާގައި އޭނާ ބުނެފައިވަނީ " ރައީސް ޔާމީން ޕޮލިހަށް ހާޒިރުކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކާމެދު އުފެދޭނެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހިޔަނި އެޅުމަށް. އެއެއްބަސްވުންތަކުގެ ހަގީގަތް ރައްޔިތުންނަށް ސިއްރުކުރުމަށް"
ހޯމް މިނިސްޓަރ ޝެއިޚް އިމްޜާން އަބްދުﷲ ޓުވީޓާގައި ވިދާޅުވެފައިވަނީ "ރައްޔިތުންނަށް ލިބިފައިވާ އަނިޔާތަކަށް އިންސާފު ހޯދުމާއި، ރައްޔިތުންގެ މާލިއްޔަތުން ނުހައްގުން ގެއްލިފައިވާ މުއްސަނދިކަން އަނބުރާ ހޯދުމަކީ ( ސަރުކާރުގެ ) ބޮޑު އަމާޒެއް. ގާނޫންގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ. ގާނޫންގެ ބާރު އެންމެންގެ މައްޗަށް ހިނގާނެ. ތުހުމަތުތަކަށް ޖަވާބު ދާރީ ވާންޖެހޭނެ." ކަމަށެވެ.
އެމްޑީޕީގެ ސެކްރެޓޭރިއަޓްގެ ޓުވީޓްގައި ބުނެފައިވަނީ " ރައީސް ޔާމީންކޮށްފައިވާ ވައްކަންތައް އޭނާޔަށް ހަނދާންކޮށްދިނުމަށް ދިވެހި ރައްޔިތުން މަގުމައްޗަށް ނުކުމެއްޖެ" ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަދި މިކުރެވެނީ ތުހުމަތު ތަކެކެވެ. ފުލުސް އޮފީހަށް ހާޒިރުކުރަން މިފެށީ އެމަނިކުފާނުގެ މައްޗަށް ކުރާ އެމްއެމްޕީއާރްސީގެ ޚިޔާނުތުގެ ތުހުމަތުތައް އެހެން އޮއްވައި ވަރަށް އާދައިގެ އަދި އެއެކައުންޓެއްގެ ކަންކަން އިލްކެޝަންސް ކޮމިޝަނަށް އަންގައި އެކޮމިޝަނުން މޮނިޓަރކުރަމުންދިޔަ އެކައުންޓެއްގައި ހުރި ފައިސާގެ މައްސަލައެއްގައެވެ. މިއީ އެމްޑީޕީގެ ވެރިކަމުގައި މަރްހޫމް އަބްދުﷲ ހަމީދުގެ މައްޗަށް އުފުލުނުކަހަލަ ތުހުމަތު ތަކެކެވެ. އަބްދުﷲ ހަމީދަކީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުން ފެށިގެން ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ގާތްގަޑަކަށް ނިމުމާއި ހަމައަށް ދައުލަތަށް ޚިދުމަތްކުރައްވައި ސަރުކާރުގެ އެކިއެކި މަގާމްތައް ފުރުއްވައި އެޓޮލްސް މިނިސްޓަރކަން ދިގުމުއްދަތަކަށް ކުރައްވާފައިވާ ބޭފުޅަކަށްވީ ހިނދުވެސް އެމަނިކުފާނުގެ ކަރޮޕްޝަންގެ އަމަލެއްކަމަށް އެމްޑީޕީގެ ސަރުކާރަށް އޭރު ފާހަގަކުރެވުނީ އެއްލައްކަ ދިދަދައެއް ބަޔަކާ ހަވާލުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރެއްވުމެވެ. އެމައްސަލައިގެ ދައުވާކޮށްގެން އުޅުމުގެތެރޭގައި އަބްދުﷲ ހަމީދު އަވަހާރަވެދިޔައީއެވެ. އޭގެކުރިން އެމައްސަލަ ނަގަންވެގެން ރައީސް ނަޝީދުގެ ސަރުކާރުން ހަމީދުގެ ބޭފުޅުންނަށް އިޝާރާތްކުރުމުން އެބޭފުޅުން އެއްބަސްނުވީއެވެ. އެހެންވީމާ އެމްއެމްޕީއާރްސީގެ މައްސަލަ އޮތްގޮތަށް އޮއްވައި އެހެން ކުޑަ މައްސަލައެއްގައި ހިފައި ޔާމީން ދަމަންފެށީމައި ސަރުކާރުގެ އިންޓެންޝަނާމެދު އެބަ ސުވާލު އުފެދެއެވެ. މިމައްސަލައަކީ ހޯމް މިނިސްޓަރ ވިދާޅުވެފައިވާފަދަ އަނިޔާވެރިވުމުގެ މައްސަލަކަށް އަދި ނުވެއެވެ. އަނިޔާވެރިވުމުގެ މައްސަލައަކީ ސިޔާސީ ލީޑަރުންތަކަކަށް ޝަރީއަތް ހިންގުން ނޫންތޯއެވެ.
އެންމެ އަޅައިގަންނަކަމަކީ ސަރުކާރުން ކުރާ ތަހްގީގަކަށް ބެރުޖަހައި ލަވަކިޔައި ހުތުރުއެއްޗެހި ގޮވަން ވެރިކަންކުރާ އެމްޑީޕީގެ އެކްޓިވިސްޓުން މަގުމައްޗަށް ނެރެންޖެހުމެވެ. މިއީ ތަހްޒީބު މުޖްތަމައުތަކުގައި ސިޔާސީ ޕާޓީތަކުން ކުރާޒާތުގެ ކަންކަމެއް ނޫނެވެ. މިއީ މީގެކުރިންވެސް އެޕާޓީން ސަރުކާރު ހިންގި އިރު ކަންތައް ކުރިގޮތެވެ. ސަރުކާރުގައި ތިބޭއިރުވެސް ޕާޓީ މުޒާހަރާކުރަން މަގުމައްޗަށް ނެރެނީއެވެ. ސަރުކާރުގައި ނުތިބޭއިރުވެސް މުޒާހަރާއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވާފަދަ ސުލްހަވެރި ހަމަހިމޭން މާހައުލެއް އަޅުގަޑުމެންގެ މިކުޑަކުޑަ މާލޭގެ މަގުމައްޗަށް ގެންނާނީ ދެން ކިހިނެތް ހެއްޔެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް