ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަނެއްކާވެސް ޝައިޚް ހަސީނާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް އަވާމީ ލީގުގެ ޝައިޚް ހަސީނާ ހޮވިވަޑައިގެންފިއެވެ.
ހަމަނުޖެހުންތަކާއި ވޯޓުފޮށި ވަގަށްނެގުން ފަދަ ކަންކަމާއި އެކު ކުރިއަށްގެންދިޔަ މި އިންތިޚާބު އެކަމަނާ ކާމިޔާބުކުރައްވާފައިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 287 ގޮނޑި ކާމިޔާބުކޮށްގެންނެވެ. އެއީ ސަރުކާރެއް އެކުލަވާލަން ހޯދަންޖެހޭ 151 ގޮނޑިއަށްވުރެ މާ ބޮޑު އަދަދެކެވެ.
އަވާމީ ލީގުއާއި ދެކޮޅަށް ވާދަކުރި ޚާލިދާ ޒިޔާގެ ބީއެންޕީގެ އެލަޔަންސްއަށް ލިބިފައިވަނީ އެންމެ ހަ ގޮނޑިއެވެ.
ބީއެންޕީގެ ބައެއް ފަރާތްތަކުން ވަނީ މި އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރާނެކަމަށާއި މިއީ އޮޅުވާލެވިފައިވާ އިންތިޚާބެއް ކަމަށް ބުނެފައެވެ. ރޮއިޓަރފަދަ ބޭރުގެ ނޫސްއެޖެންސީތަކުން ބުނެފައިވާގޮތުގައި ވޯޓް ފޮށިތައް ނުހުޅުވެނީސް ވޯޓްލާމަރުކަޒުތަކުގައި ފޮށިތަކަށް ވޯޓްކަރުދާސް އަޅާ ފުރާފައިވާ މަންޒަރު ނޫސްވެރިންނަށް ފެނިފައިވެއެވެ. ވޯޓް އޮޅުވާލިކަަމަށް ބުނާ މައްސަލަ ބަލާނެކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
ފާހަގަކުރެވޭ ގޮތުގައި މި އިންތިޚާބާއި ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ގިނަ އަދަދެއްގެ އިދިކޮޅު ފަރާތްތަކުން ހައްޔަރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް