އެމެރިކާގެ އެހީގެ ފަހަތުގައިވަނީ އަނެއްކާވެސް ސޯފާ އެއްބަސްވުންތަ؟
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އެމެރިކާ ސަރުކާރުން ރާއްޖެއަށް އެހީދިނުމާބެހޭގޮތުން އެގައުމުގެ ވަފްދެއް ރާއްޖެއަށް ޒިޔާރަތްކުރަމުންދާ މިދަނޑިވަޅު ވަރަށް ތަފާތު ސުވާލުތަކެއް ހިތަށް އެބަ އަރައެވެ. އެހެން މިހިތަށް އަރަނީ ފަހަކަށް އައިސް ދިވެހި ޜާއްޖޭގެ ދާޚިލީ ކަންކަމުގެތެރޭގައި އެމެރިކާ ނުފޫޒުފޯރުވަމުންދާ މިންވަރުގެ ބޮޑުކަމުންނެވެ.
އަޅުގަނޑަށް އަޑުއިވިފައި އޮންނަ ވާހަކައެއް އޮވެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައްޔިތުންނަށް އެ އެއްބަސްވުމެއްގެ މާކަބޮޑު ތަފްސީލެއް އެގިފައިނުވާ، އިންޑިޔާއާއެކު ހެދި ސަލާމަތީ އެއްބަސްވުމަށްފަހު އިންޑިޔާގެ އަސްކަރީ މައުލޫމާތުއެއްކުރާ ރާޑަރުތައް ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ފަތުރައިލިއިރު އެއްރާޑަރު އައްޑުއަތޮޅުގައި ބަހައްޓަން އިންޑިޔާއިން ނިންމިއެވެ. މިރާޑަރު އިންޑިޔާއިން އެކްޓިވޭޓްނުކުރީ އެކްޓިވޭޓްކޮށްފިނަމަ އެރާޑަރު ނައްތާލާނެކަމަށް ދިވެހި ރާއްޖެއަށް އެމެރިކާއިން ދިން އިންޒާރަކަށްފަހުގައިކަމަށް އިވިފައިވެއެވެ. އެހެންކަމުން އިންޑިޔާގެ ރާޑަރުތައް ދެން ގޮސްބެހެއްޓީ ލ. އަތޮޅުގައެވެ.
އިންޑިޔާގެ ރާޑަރުތައް އައްޑޫސިޓީގައި ބަހައްޓަން އެމެރިކާއިން ދެކޮޅުހެދީ އައްޑުއާ މާ ދުރުނޫން ހިސާބެއްގައިވާ ފޯޅަވަހީގައި ގާއިމުކުރެވިފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކުގެ ހަރަކާތްތައް މޮނިޓަރކޮށް ޖާސޫސްކުރުމަށް ބޭނުންކޮށްފާނެ ރާޑަރުތަކަކަށް ވެދާނެކަމަށް ބަލާފައެވެ. ރާޑަރުތައް ބެހެއްޓިނަމަ އެމެރިކާއިން ނައްތާލާނީ ކިހިނެތްހެއްޔެވެ. އެތަނަށް ބޮން އަޅާނީހެއްޔެވެ. ނުވަތަ ޖޭމްކޮށްގެން ނައްތާލާނީ ހެއްޔެވެ. އަސްކަރީ ސިގްނަލްތައް ޖޭމްކޮށްގެން ހަމަލަދޭ މަންޒަރުތައް އިރާގު ހަނގުރާމައިގެތެރޭގައި އަޅުގަނޑުމެންނަށްވަނީ ފެނިގެންގޮސްފައެވެ.
އެމެރިކާއިން ދިވެހި ރާއްޖޭގެ ދާޚިލީ ކަންކަމަށް ލޯ އަޅަމުންދަނީއަކީ އިއްޔެއަކު މިއަދަކު ނޫނެވެ. އަދި ދުނިޔޭގެ އެހެން ބާރުތަކުންވެސް ދިވެހިރާއްޖެއަށް ހަމަ މިފަދައިން ލޯއަޅައެވެ.
އެމެރިކާގެ މަސްލަހަތުތަކުގެ ވާހަކަތައް ފަހުގެ ތާރީޚްތަކުން ފަށަމާތޯއެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެށްޓިގެންދިޔައިރު ނަޝީދުގެ އަތްޕުޅުގައި ހިފަން އެމެރިކާ ބޭނުންނުވީ އެމެރިކާގެ ޚާރިޖިއްޔާގައި ދިވެހި ރާއްޖެއާބެހޭ ކަންކަން ދިރާސާކުރަމުންދިޔަ ފަރާތްތަކަށް ގަބޫލުކުރެވުނީ ރައީސް މުހައްމަދު ނަޝީދު އެމެރިކާ އުއްމީދުކުރިފަދަ ޑިމޮކްރެޓިކް އިސްލާހީ ބަދަލުތަކެއް ގެންނެވި ބޭފުޅަކަށް ނުވިކަމެވެ. މުސްތަގްބަލްގައިވެސް ނަޝީދުއާމެދު އުއްމީދީގޮތަކަށް ނުބެލެވުނެވެ. އަޅުގަނޑަށް މިވާހަކަތައް އެނގުނީ އެޑެސްކްގައި ހަރަކާތްތެރިވި އެމެރިކާގެ ބޭފުޅުން ރާއްޖޭގެ މައުލޫމާތުތައް އެއްކުރުމަށް ވާހަކަދައްކަމުންދިޔަ ދިވެހިންގެ ފަރާތުންނެވެ. އިސްތިއުފާދެއްވުމަށްފަހު އެމަނިކުފާނާމެދު ވޮޝިންޓަނުން ދެކޭގޮތް ބަދަލުކުރެވޭތޯ އެމެރިކާއަށް ވަޑައިގެން، ގާނޫން ހަދާ މަޖިލީހުގެ އެކިއެކި ބޭފުޅުންނާ ބައްދަލުކުރައްވައި، ނޫސްތަކަށް އިންޓަވިއުދެއްވައި، ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ދީނާ ދުރު މަންހަޖެއް އުފެއްދެވިކަމާ، އިސްލާމީ ޝަރީއާއާއި ދުރު ނިޒާމަކަށް ޕްރޮޕޯޒްކުރެއްވިކަމަށް ވިދާޅުވެފައިވަނީ ވެސްޓަންފިލޯސަފީއަށް އަދި ވެލިއުސްއަށް އެމަނިކުފާނު އިހްތިރާމްކުރައްވާކަން ސާބިތުކޮށްދެއްވުމަށެވެ.
ކަންކަން ވަރަށް ގާތުން އެމެރިކާއިން ބަލަމުންދިޔައެވެ. ނަޝީދު އިސްތިއުފާ ދެއްވާ ހާލަތެއްގައި ރާއްޖޭގެ ވެރިކަމާ ހަވާލުވާން ތިބި ފަރާތްތަކެވެ. ނާއިބް ރައީސް މުހައްމަދު ވަހީދަކީ އެމެރިކާގެ ޔުނިވަރސިޓީތަކުން ކިޔަވައި ވިދާޅުވެ، އދގައި މަސައްކަތްކުރައްވައި، ވެސްޓަންފިލޯސަފީ ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅަކަށްވުމުން، ނަޝީދަށްފަހު ކަންކަން ރަނގަޅުވާނެކަމަށް އެމެރިކާ އުއްމީދުކުރިއެވެ. އެކަންއެގޮތަށް ދިޔައެވެ. ރާއްޖޭގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްއާއި އެމެރިކާގެ އަސްކަރީ އޮފިޝަލުންނާ ދެމެދު ވާހަކަދެކެވެމުންދިޔަ ސޯފާ އެއްބަސްވުން ލީކްވެ ރައީސް މުހައްމަދު ވަހީދު އެއެއްބަސްވުމާއިމެދު ވަރުގަދަ ނިންމެވުމެއް ނިންމަވަންދެނެވެ. ސޯފާ އެއްބަސްވުމަކީ ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތާއި މަސްލަހަތަށް ގެއްލުންފޯރާފާނެ އަދި އެހެންގައުމެއްގެ އަސްކަރީ ފައިތިލަ ރާއްޖޭގައި ސާބިތުކޮށްފާނެފަދަ އެއްބަސްވުމެއްކަމަށްވެދާނެކަމަށް އެއްބަސްވުން ލީކްވުމާއެކު ވާހަކަދެކެވެން ފެށުނެވެ. އަދި އެއެއްބަސްވުމަކީ ރައީސް މުހައްމަދު ވަހީދަށް އެގިވަޑައިނުގެން ހިގަމުންދިޔަ މަޝްވަރާތަކެއްގެތެރެއިން އުފެދެމުންދިޔަ އެއްޗެއްކަންވެސް އެގިގެންދިޔައެވެ. އެއެއްބަސްވުމާމެދު ވަހީދު ނިންމެވިގޮތް އެމެނަކުފާނުގެ ލައިފް ސްޓޯރީގައި ލިޔެފައި އެއޮތީއެވެ. އެއީ ހަގީގަތެވެ. އެއްބަސްވުން ގާއިމުކުރުމަށް އެމެރިކާގެ އޮފިޝަލުން ވަރަށް ބޮޑަށް މަސައްކަތްކުރިކަންވެސް އެގެއެވެ. އިމިގްރޭޝަންގައި މެލޭޝިޔާގެ ކުންފުންޏަކުން ބެހެއްޓި ބޯޑަރ ކޮންޓްރޯލް ސިސްޓަމް ބާތިލްކޮށް އެމެރިކާގެ އަސްކަރީ މައުލޫމާތު އެއްކުރާ ސިސްޓަމެއް ބެހެއްޓީވެސް ސަބަބުތަކެއް އޮވެގެންނެވެ. އެކަންހިގިގޮތްވެސް އެފޮތުގައި އޯތަރ މުހައްމަދު ޖަމީލު ސާފުކޮށް ގެނެސްދީފައި އެބައޮތެވެ.
ރާއްޖޭގެ ދާޚިލީކަންކަމުގެތެރެއަށް އެމެރިކާ ނުފޫޒުފޯރުވުން
ރައީސް ވަހީދުގެ ސަރުކާރު ބާއްވަން އެމެރިކާ ބޭނުންނުވީ ސޯފާ އެއްބަސްވުން ނުހެދުމުންނެވެ. ވަހީދުގެ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ރާއްޖެއައިސް މަސައްކަތްކުރި ގޮތާ ދިން އިންޒާރުތައްވެސް އެހެރީ ލިޔެވިފައެވެ. ކޮންމެއަކަސ ވަހީދުގެ ސަރުކާރު ނިމި ދެން އުފެދުނު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް އެމެރިކާ އުއްމީދުކުރިފަދަ ކަންކަމެއް ނުވިއެވެ. އަބްދުﷲ ޔާމީނަކީ އެއަށްވުރެ މާ ވަތަނީ މީހަކަށްވިއެވެ. ޔާމީން ގާތްކަން ބާއްވަނީ ރާއްޖެއަށް ގިނަ ލާރި ދޭ ބަޔަކާއެވެ. މާލީގޮތުން އެފަދަ އެހީތަކެއް ދޭން އެމެރިކާ ބޭނުމެއްނުވެއެވެ. ޗައިނާއާ މިސަބަބަށްޓަކައި ގާތްވެވުނުއިރު ޗައިނާވެފައިވަނީ އެމެރިކާގެ އާރާއިބާރަށް ނުވަތަ ދުނިޔޭގައި އެމެރިކާގެ ސްޕަރމަސީއަށް އެންމެ ނުރައްކާ އޮތް ގައުމަށްވެނިމި، ޗައިނާއާއި ދެކޮޅަށް އިގްތިސާދީ މައިދާނުގައާއި ޓެކްނޮލޮޖީގެ މައިދާނުގައި އެމެރިކާއިން ހަގުރާމަ އިއުލާންކޮށްފައިވެއެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާދެކޮޅަށް އެމެރިކާގެ މަތީފެންވަރުގެ ބޭފުޅުން ފާޑުކިޔައި ދަތިކުރުމުގެ ފިޔަވަޅު އެޅިދާނެކަމުގެ އިންޒާރުދިނީ މިސަބަބަށްޓަކައެވެ. ރިޔާސީ އިންތިޚާބުގައި ޔާމީނާ ދެކޮޅަށް ނެރޭނެ ކެންޑިޑޭޓަކުން ހޯދަން އެމެރިކާގެ ސަފީރު ރާއްޖެއެތަށްފަހަރަކު ޒިޔާރަތްކޮށް އެކިއެކިބެފުޅުންގެ ކައިރިއަށް ދިޔައެވެ. އެބޭފުޅުން އެއްބަސްވޭތޯއެވެ. މިކަން އަޅުގަނޑަށް އެގުނީ ސީދާ އެވާހަކަދެކެވުނު ބޭފުޅުންގެ ފަރާތްޕުޅުންނެވެ.
ކޮންމެއަކަސް ޔާމީންގެ ސަރުކާރު ނިމި އެމްޑީޕީ ސަރުކާރެއް ހޮވި އިބްރާހިމް މުހައްމަދު ސާލިހް ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށްވަޑައިގެންނެވި އެމެރިކާގެ އޮފިޝަލުން ރާއްޖެއިން ފުރުމުގެ ކުރިން ޖެހިގެންއައި ބަންދުދުވަހު ރާއްޖޭގެ ފިނޭންސް މިނިސްޓަރާއި ފިނޭންސް މިނިސްޓްރީގައި ބައްދަލުކޮށް ރާއްޖެއަށް އެހީދިނުމާގުޅޭގޮތުން މަޝްވަރާފެށިއެވެ. ޚާރިޖިއްޔާގެތެރެއިންނާ އަދި އެހެންއޮފިޝަލުންގެފަރާތުން އަޅުގަނޑަށް އެގިފައިވާގޮތުގައި މިއިންޒަމާނަކުވެސް އެމެރިކާގެ ވަފްދެއް ރާއްޖޭގެ ފިނޭންސް މިނިސްޓްރީއަށް ޒިޔާރަތްކޮށްފައެއް ނުވެއެވެ. އެހެންވީމާ މިކަން މިއީ ބޮޑުކަމެއްގެ ފެށުންކަމަށް އެބޭފުޅުން ލަފާކުރައްވައެވެ.
އެމެރިކާގެ ވަފްދެއް މިހާރު ރާއްޖެއައިސް އެކިރޮނގުތަކުން އެމެރިކާއިން ރާއްޖެއަށް ދެވިދާނެ އެހީތަކުގެ ވާހަކަ ދައްކަމުން އެބަދެއެވެ. ފައިސާގެ އެހީއެއް ނޫނެވެ. ޓެކްނިކަލް އެހީތަކެއްގެގޮތުގައެވެ. އެކަމަކު އެމެރިކާއާ މިގާތްކަން އޮންނަނަމަ އައި.އެމް.އެފާއި، ވޯލްޑްބޭންކުފަދަ އިންސްޓިޓިއުޝަންތަކުން ލޯންހޯދަން ފަސޭހަވާނެއެވެ.
އަޅުގަޑުމެންނަށް ނޭގޭކަމަކީ އާ ސަރުކާރުގެތެރެއިން އެމެރިކާއިން ކުރަން އުޅޭކަމެކެވެ. ސޯފާ އެއްބަސްވުމަށް އަލުން ރުޖޫއަކުރާނީތޯއެވެ. މިފަދަ އެއްބަސްވުމެއްގައި ފިޒިކަލީ އަސްކަރީ ބޭހެއް ނުއުފެއްދިޔަސް އަސްކަރީ ބޭހެއްގެ ރޯލް ކުޅެވިދާނެ ކިތަންމެ ގޮތްތަކެއް ހުރެއެވެ. ސަރުކާރުގެތެރެއިން ކަންކަން ނުވާނެކަމަށް ބެލެވެން ނެތެވެ. ޓްރާންސްޕޭރަންސޭ ވިދާޅުވަމުންދިޔަޔަސް އިސްލާމީ ޝަރީއާގެ ހުކުމެއް ތަންފީޒުނުކުރުމަށް އދގެ ގަރާރެއްގައި ބައިވެރިވާން ހިގައިދިޔަ ކަންތައްތަކާ އެކަން އޮއްބާލުމަށްޓަކައި ދިވެހި ޚާރިޖިއްޔާއިން އަމަލުކުރިގޮތާއި އަދި ރައްޔިތުންނަށް ސަރުކާރުގެ އެނިންމުން ހާމަކޮށްފައި ނުވުމުން އެގޮތަށް އެގޮތަށް ވާހަކަދެއްކޭނެ ޖާގައެބައޮތެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް