އާ ސަރުކާރުގެ ފުރަތަމަ 100: މައްސަރު ޓެކްސް އުވާލަނީ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިރާއްޖޭގެ އާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އާ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހު ހާސިލްކުރަން ނިންމާފައިވާާ ކަންކަމުގެ ތެރޭގައި ޕެޑް އަދި ޓެމްޕޮން ފަދަ އަންހެނުންގެ ޒަރޫރީތަކެތިން ނެގޭ ޓެކްސް އުވާލުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައި ހާމަކޮށްފައިވާ އާ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ޕެޑް އަދި ޓެމްޕޮން ފަދަ މައްސަރުގެ ދުވަސްތަކުގައި ބޭނުންކުރާ ޒަރޫރީ ބާވަތްތަކުން ނެގޭ ޓެކްސް ވަނީ ކަނޑާލުމަށް ނިންމާފައެވެ. މިވަގުތު މިފަދަ ބާވަތްތަކަކީ 6 އިންސައްތައިން ޖީއެސްޓީ ނެގޭ ބާވަތްތަކެވެ.
ރައީސް އިބްރާހިމްގެ އާ ސަރުކާރުން މިގޮތަށް ނިންމާފައިވާއިރު، މީގެ ދެތިން އަހަރުން ފެށިގެން ސޯޝަލް މީޑިޔާގައިދަނީ މައްސަރު ޓެކްސް އުވާލުމަށް ބޮޑު ކެމްޕެއިންއެއް ކުރަމުންނެވެ. އާ ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ވޮއިސްއާއި ވާހަކަދައްކަމުން މި ކެމްޕެއިންގެ އެއް ފައުންޑަރ ޝަފާ ރަމީޒް ބުނީ މިއީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށާއި ޝަފާއާއި އޭނާގެ ދައްތަ އަފާ ފެއްޓި ކެމްޕެއިންއަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެކަމަށް ދެކޭ ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދުކުރަން ބަޔާންވެފައިވާ ގޮތަށް ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި މައްސަރު ޓެކްސް އުވާލެވޭނެކަމަށް"، ޝަފާ ބުންޏެވެ.
ޝަފާ ވަނީ މި ފުރުސަތުގައި މިކަމުގެ އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް، ވަކިން ޚާއްސަކޮށް ރާއްޖޭގެ ޓްވިޓަރ ކޮމިއުނިޓީއަށް ޝުކުރުއަދާކޮށް، އާ ސަރުކާރުގައި ކުރިއަށް އޮތް ތަނުގައިވެސް ޖިންސީ ތަފާތުކުރުންތައް ނައްތާލައި، ހަމަހަމަކަމާއި އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާާނެ ކަމަށް އުއްމީދުކުރާކަމަށް ބުނެފައެވެ.
ރައީސް އިބްރާހިމްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު އަންހެނުން ބާރުވެރިކުރުވުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ އެކަށައަޅާފައެވެ. އެގޮތުން ވިހެއުމާއި ގުޅިގެން ހަމަހުގެ މެޓާރނިޓީ ލީވްއެއް ދިނުމާއި، ވިހެއުމާއި ގުޅިގެން ޚާއްސަ ބޭބީ ބޮކްސްއެއް ދިނުމާއި، ކުޅިވަރުގެ ގައުމީ ޓީމްތަކުގައި ކުރެވޭ މުސާރައިގެ ތަފާތުކުރުންތައް ނައްތާލުން ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް