ސިޓީގެ މައްޗަށް ލިވަޕޫލް ކުރި ހޯދައިފިނަމަ ލީގު ނިމުނީ: ގާޑިއޯލާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ލިވަޕޫލް އޮތް މަގާމުގެ ގޮތުން ސިޓީއަށް ޕޮއިންޓްތަކެއް ގެއްލުވާލެވެން ނެތް ކަމަށައި އެކަން އެހެންވެއްޖެނަމަ ލިވަޕޫލްއަށް ލީގް ކާމިޔާބުވެ ނިމުނީ ކަމަށައި، ލިވަޕޫލް އަތުލެވުމަކީ ނާދިރުކަމެއް ކަމުގައި ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ކުރިއަށް މެޗް ތަކުން މަދުން ނަމަވެސް ލިވަޕޫލްއަށް ޕޮއިންޓްތަކެއް ގެއްލޭނެކަން ޔަގީންކުރާ ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.
ސިޓީއަކީ ކޮން ފެންވަރެއްގެ ޓީމެއްކަން އޮޅިގެން ނޫޅޭ ކަމަށައި ނަމަވެސް ބައެއް ފަހަރު ރަނގަޅަށް މަސައްކަތް ކުރަން ބޭނުންވުމަކުން އެކަނި ނުފުދޭކަމަށް ގާޑިއޯލާ ފާހަގަކުރިއެވެ.
ލީގުގައި މިހާތަނަށް 20 މެޗް ކުޅެވުނުއިރު ލިވަޕޫލް އެންމެ މެޗަކުންވެސް ބަލިވެފައެއް ނެތެވެ. އެންމެ ފަހުން ލިވަޕޫލް ކުޅުނު މެޗު އެޓީމް ކާމިޔާބު ކުރީ އާސެނަލްގެ މައްޗައް 5-1 ގެ ބޮޑު ނަތީޖާއަކުންނެވެ.
ޕެލަސް އަދި ލެސްޓާއާއި ކުޅުނު މެޗުތަކުން ސިޓީ ބަލިވި ނަމަވެސް ރޭ ސައުތްހެމްޕްޓަން އަތުން އެޓީމްވަނީ މޮޅުވެފައެވެ. އެ މެޗް ސިޓީ ކާމިޔާބު ކުރީ 3-1 ކުންނެވެ.
މެޗުން މޮޅުވުމުން ގާޑިއޯލާބުނީ އޭނާ އަދި އޭނާގެ ޓީމުން މިއުޅެނީ މެސެޖެއްދޭކަށް ނޫންކަމަށެވެ. ކުރިއަށް އޮތް މެޗުގައި ލިވަޕޫލް ކުރަންވީ ކަންތައް އެޓީމަށް އެނގޭ ކަމަށައި އަދި ސިޓީ ކުރަންވީ ކަންތައްވެސް ވަރަށް ސާފުކަމަށް އޭނާ ބުންޏެވެ.
މިހާރު ލިވަޕޫލް އަދި ސިޓީގެ ދެމެދުގައި އޮތް ހަތް ޕޮއިންޓުގެ ފަރަގަކީ ބޮޑު ފަރަގެއް ކަމަށައި ނަމަވެސް ސިޓީގެ އެއްތިހާދް ސްޓޭޑިއަމްގައި ކުޅޭ މެޗުން ސަޕޯޓަރުންގެ އެހީއާއެކު އެ ފަރަގު ކުޑަ ކުރެވޭނެކަމަށް ގަބޫލުކުރާ ކަމަށްވެސް ގާޑިއޯލާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް