އާ ސަރުކާރުގެ ފުރަތަމަ 100: ކަޅުވަކަރު މިސްކިތް އަލުން ހޯދަނީ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކަޅުވަކަރު މިސްކިތް އަލުން އަނބުރާ ހޯދަައި، ރޭވުމަށް ވައުދުވެއްޖެއެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގައިވާ ގޮތުގައި ކަޅުވަކަރު މިސްކިތް ހޯދާ، އަލުން އެ މިސްކިތް ރޭވުމަށް ވަނީ ނިންމާފައެވެ. ކަޅުވަކަރު މިސްކިތް ރޫޅާލާފައިވަނީ އެ މިސްކިތް ހުރި ސަރަހައްދުގައި ވިންޓަރ ތީމް ކޯނަރއެއް އެޅުމަށެވެ.
އެމިސްކިތް ރޫޅާލުމަށްފަހު، ސަރުކާރުން އޭރު ވަނީ މިސްކިތް އެކި ތަންތަނަށް ބަދަލުކުރުމުގެ ވާހަކަ ދައްކާފައެވެ. ނަމަވެސް، އެ މިސްކިތުގެ ބައިތައް އަދިވެސް ހުރީ ހެރިޓޭޖް ޑިޕާރޓްމެންޓްގެ ދަށުގައި ކަމަށް ވަނީ ބުނެފައެވެ.
އާ ރައީސްގެ ސަރުކާރުގައިވަނީ ތާރީހާއި ސަގާފަތަށް ހާއްސަ މިނިސްޓްރީއެއް ގާއިމްކޮށްފައެވެ. މައުމޫން ރިފޯމް މޫވްމެންޓްގެ ސްލޮޓެއްގައި މި މަގާމަށް އައިސްފައިވަނީ ޔުމްނާ މައުމޫންއެވެ.
ކަޅުވަކަރު މިސްކިތް އަލުން ހޯދައި އެތުރުމުގެ އިތުރުން ފުރަތަމަ ސަތޭކަ ދުވަހުގައި ވަނީ ކޮންމެ ރަށެއްގައިވެސް ހުރި ތަރިކައާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި، ތާރީޚާ ގުޅިފައިވާ ތަކެތި، ހިމާޔަތްކުރުން އެންމެހާ ފަރާތްތަކަށް ލާޒިމްވާގޮތަށް ގާނޫނީ ޒިންމާ ކަނޑައެޅި، ތަރިކައިގެ ލިސްޓެއް އެކުލަވާލެވި، ހަރުދަނާ އުސޫލަކުން އާސާރުބެލެހެއްޓޭން ފެށޭނެކަމަށްވެސް ކަނޑައެޅިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް