މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
2026 ވަނަ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނުދިނުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މިކަން އިއުލާން ކޮށްފައިވަނީ، މިއަދު މިނިސްޓްރީ އޮފް ހައިއަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑެވަލޮޕްމެންޓުން ނެރުނު ރަސްމީ ބަޔާނެއްގައެވެ.
މީގެ އިތުރުން، ލޯން ސްކީމަށް މިނިސްޓްރީން ވަނީ ބައިވަރު ބަދަލުތަކެއް ގެންނަން ނިންމާފައެވެ. އެގޮތުން، ރާއްޖޭން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ އަތުން ދިރިއުޅުމުގެ ޚަރަދުތަކަށް ހޭދަކުރަންޖެހޭ މިންވަރު އިތުރުވަމުންދާތީ، މިހާރު ދޫކުރަމުންދާ ސްޓައިޕެންޑުން ދެކޮޅުނުޖެހޭކަމުގެ ޝަކުވާ ގިނަ ގައުމުތަކެއްގައި ކިޔަވާ ދަރިވަރުންގެ ފަރާތުން ލިބެމުން އަންނަކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓްރީ އޮފް ހައިއަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑެވަލޮޕްމެންޓުން ނެރުނު ބަޔާން
އެހެންކަމުން، ގިނަ ދުވަސްތަކެއް ވަންދެން ސްޓައިޕެންޑަށް ބަދަލެއް ގެނެސްފައި ނުވާތީ، މިނިސްޓްރީން ސްޓައިޕެންޑް ރިވިއުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ދިވެހި ދަރިވަރުން އެންމެ ގިނައިން ތައުލީމު ހާސިލުކުރާ މެލޭޝިޔާގައި ދިރިއުޅުމުގެ ޚަރަދުތަކަށް ދެވޭ ސްޓައިޕެންޑް ރިވިއުކުރުމުގެ މަސައްކަތް މިހާރު ނިމުމަކާއި ގާތްވެފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މި ބަދަލާއެކު، އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް، ދެން އެންމެ އަވަހަށް އަންނަ ސްޓައިޕެންޑް ސައިކަލުން ފެށިގެން އިތުރުކުރެވުނު ރޭޓުގައި ފައިސާ ދޫކުރަމުންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ލޯން ސްކީމްތަކަށް އެދި ހުށެހެޅޭނީ މިނިސްޓްރީގެ ޕޯޓަލް "ކުރި" މެދުވެރިކޮށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް