މީހުން ދިރިނޫޅޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ ފްލެޓްތަކުގެ ރައްކާތެރިކަމަށް އެތައް ބައެއްގެ ތައުރީފް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިއްޔެ ރާއްޖެ ސިއްސުވާލި ކުޑަ ކުއްޖެއްބޮަލަށް ސިމެންތި ބަސްތާވެއްޓުނު ހާދިސާއާއެކު މާލެ ސަރަހައްދުގައި އިމާރާތްކުރުމުގެ މަސައްކަތްކުރަމުންދާ ސައިޓްތަކުގެ ސަލާމަތްތެރިކަމާ މެދު ގިނަ ބައެއްގެ ކަންބޮޑުވުންތައް ހިއްސާކުރެވެންފެށުނެވެ.
ސޯޝަލް މީޑިއާގައި ސަލާމަތްތެރިކަން ކުޑަކޮށް މަސައްކަތްކުރަމުންދާ ސައިޓްތައްވަނީ އާއްމުކުރަން ފަށާފައެވެ. މިއާއެކު "ނަސީބު" ގަދަކަމުން މިފަދަ ހާދިސާތަކުން ސަލާމަތްވެފައިވާ ގިނަބަޔަކުވެސް އެމީހުންގެ ތަޖުރިބާ ދަނީ ހިއްސާކުރަމުންނެވެ.
މިއާއެކު ރައްކާތެރިކަމުގެ ފިޔަވަޅު އިންތިހާއަށް އަޅާފައިވާ ފަރާތްތަކުގެ ވާހަކަވެސް މިވަނީ ތިލަވެފައިކަން ފާހަގަކޮށްލަންޖެހެއެވެ.
އެގޮތުން މީހުން ދިރިނޫޅޭ ފަޅުކޮށް އޮންނަ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޗައިނާގެ ކުންފުނިތަކުން މިހާރު އިމާރާތްކުރަމުންދާ "ހިޔާ" ޕްރޮޖެކްޓްގެ 7000 ފްލެޓްގެ ސަލާމަތީ ކަންކަމަށް ވަނީ ގިނަބައެއްގެ ސަމާލުކަންލިބިފައެވެ.
މީހުން ދިރިނޫޅޭ ތަނެއްގައި އިމާރާތްކުރަމުންދާ މި ސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް ފެންނަނީ ވަރަށްވެސް ވަރުގަދަކޮށެވެ. މުޅި އިމާރާތް ވަށައި ދަނގަޑު ފްރޭމަކާއެކު ވަނީ ދާއަޅައި ބައްދާލާފައެވެ. މީގެ އިތުރުން މަތިން އެއްޗެހި ނުވެއްޓޭގޮތައް ދަންގަނޑު ފްރޭމުން ވަނީ އިތުރު ރައްކާތެރިކަމުގެ ފަށަލައެއް ލެވިފައެވެ.
މިއާއެކު ގިނަބަޔެއްގެ ތައުރީފު އަންނަނީ މިފަރާތައް އަމާޒުވަމުންނެވެ. އަދި ޗައިނާގެ ކުންފުނިތަކުން މިސާލު ނަގައިގެން ވެރިކަންކުރާ ހަލަބޮލި މާލޭގައި މިވަރަށް ރައްކާތެރިކަން ބެހެއްޓުމަށް ގިނަބަޔަކުދަނީ ގޮވާލަމުންނެވެ.
މާލޭގައި ކުރީގެ ނަސަންދުރަ ހިނގި ތަނުގައި ޗައިނާގެ ކުންފުންޏަކުން އިމާރާތްކުރާ އިމާރާތަކީ މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅު ނަމޫނާ ފެންވަރަކަށް އަޅާފައިވާނެއްކަން ފާހަގަވެގެންދެއެވެ.

ހުޅުމާލޭގައި އަޅަމުންގެންދާ ހިޔާ ފްލެޓްތަކަށް ކޮންސަލްޓޭޝަން ދެމުންގެންދާ ފަރާތަކުން "ވޮއިސް" އަށް މައުލޫމާތު ދިންގޮތުގައި މި ފްލެޓްތަކާ ކައިރިވެވެނީވެސް ސަލާމަތީ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިގެންކަމާއި، މުޅި ސަރަހައްދު ބެލުމަށް ވަކިން ޚާއްސަ ބަޔަކު ރަތް ހެލްމެޓްތަކެއްގައި ތިބޭކަމަށެވެ. ތަނުގެ އެންމެ އިސްވެރިއާކަމުގައި ވީނަމަވެސް ހެލްމެޓާއި ސޭފްޓީ ބޫޓްނެތި މިސައިޓްތަކަށް ނުވަދެވޭކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މިއީ ދިވެހި ކުންފުނިތަކުން މިކަމުން މިސާލުނަގައި އިސްލާހުކޮށް ކަމާ ބެހޭ ވުޒާރާތަކުން ރަނަގަޅަށް މޮނިޓާކުރަންޖެހޭކަމަށް ހަދަންޖެހެއެވެ. ރައްކާވެތިބިއްޔާ ދަތުރެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް