އާ ސަރުކާރުގެ ފުރަތަމަ 100: ރާއްޖެއިން ބޭރުގައިވެސް އާސަންދަ ލިބެނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އާ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި އާސަންދައިގެ ހިދުމަތް ރާއްޖެއިން ބޭރުގައިވެސް ލިބޭނެ ނިޒާމެއް ގާއިމްކުރުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގައިވާ ގޮތުގައި އިންޑިޔާ، ލަންކާ އަދި މެލޭޝިޔާ ގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ހޯދައިދެވުމުގެ މަސައްކަތް ފެއްޓުމަށް ވަނީ ނިންމާފައެވެ. އާ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި އާސަންދައިގެ ހިދުމަތަށް ވަނީ އާ ކަންކަން ތައާރަފްކުުރުމަށް ނިންމާފައެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަފާތު ތެރަޕިއުޓިކް ޚިދުމަތްތަކަކީ އާސަންދައިގެ ދަށުން ހިލޭ ދެވޭ ހިދުމަތްތަކަށް ހެދުމަށް ވަނީ ނިންމާފައެވެ. އަދި އެހެންމެ ނެޝަނަލް މެންޓަލް ހެލުތު އިންސިޓިޓިއުޓް އުފައްދާ، ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާ އާސަންދައިގެ ދަށުން ދިނުމަށް ވަނީ ހިމަނާފައެވެ.
މީގެ އިތުރުންވެސް ކުޑަކުދިންގެ ސިއްހަތުގެ ދާއިރާގައި ގިނަ ކަންކަން ކުރުމަށް ވަނީ ކުރިއަށް އޮތް ސަތޭކަ ދުވަހުގައި ރާވާފައެވެ. އެގޮތުން ސްކޫލު ނިޒާމުގެ ތެރެއިން ގަވައިދުން ކުޑަކުދިންގެ ސިއްހަތުބެލޭނެ ނިޒާމެއް ހަމަޖެހި، ރާއްޖޭގެ އެކިކަންކޮޅުގައި ތިބި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި އެހެނިހެން ފަރުވާތައް ފަސޭހަކަމާއިއެކު އެކުއްޖަކު ދިރިއުޅޭ ސަރަހައްދުތަކުން ލިބޭނެ ގޮތް ހަމަޖައްސާދެވޭނެކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި އެއާއި އެކު 9 އަހަރާއި 13 އަހަރުގެ ޢުމުރުފުރާގެ އަންހެން ކުދިންނަށް އެޗްޕީވީ ވެކްސިން ދިނުމަށްވެސް ވަނީ ނިންމާފައެވެ.
އާންމު ސިއްހަތުގެ ދާއިރާއިންވެސް ގިނަ ކަންކަން ކުރުމަށް ސަތޭކަ ދުވަހުގެ ޕްލޭންގައި ވަނީ ރާވާފައެވެ. އެގޮތުން ސިއްހަތަށް ރަނގަޅުނޫން ބާވަތްތަކާޢި (ދުންފަތް، ސުޕާރީ، އެނާޖީ ބުއިންތައް، ހަކުރުގިނަ ބުއިންތައް) ދުރުވުމަށް އާންމުން ހޭލުންތެރިކުރުމަށް ކުރާ ހޭދަ އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަމުގެ ޤައުމީ ސިޔާސަތާއި ސްޓްރެޓީޖިކް ޕްލޭން ތަންފީޒުކުރުމަށްވެސް ވަނީ އެކަށައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް