ފެން ކުންފުނީގެ އެމްޑީ މުވައްޒަފުންނާއި ގާތަށް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއަަހަރުގެ ނޮވެމްބަރ މަހުގެ ސަތާރަ ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދަކީ ރައްޔިތުންގެ އަސާސީ ޚިދުމަތްތައް، ވީހާވެސް ފުރިހަމަކޮށް ރައްޔިތުންނާއި ގާތުން ފޯރުކޮށްދިނުމެވެ. މިކަމުގައި ހަމަގައިމުވެސް އެންމެ މުހިންމު އެއް ފަރާތަކަށް ވާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ.
އަދުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް ލޭބަލްކޮށްފައި އޮތީ ކޮރަޕްޝަންގެ ހާލިތަކެއްގެ ގޮތުގައެވެ. ރަނގަޅަށް ނުހިންގި، ނިޒާމުތައް ބޮއްސުންލާފައިވާކަމަށް ބުނެ ރިޔާސީ އިންތިޚާބުގައި މި ކުންފުނިތައް އިސްލާހުކުރަން އޮތީ ވައުދުވެފައެެވެ. މިގޮތުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަކީ އަދުގެ ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއެރުވުމަށް ރާވާފައިވާ ތަނެކެވެ.
އެމްޑަބްލިޔުއެސްސީ ހިންގުމާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އާދަމް އާޒިމްއާއި އެވެ. ކުރީގެ ސަރުކާރުގައި އެސްޓީއޯގެ އެމްޑީކަން ކުރެއްވިއިރުވެސް ގިނަ ޕްރޮޖެކްޓްތަކެއް ހިންގެވި އާޒިމްއާއި އެމްޑަބްލިޔުއެސްސީ ހަވާލުކުރުމުން ގިނަ ފަރާތްތަކުން ވަނީ އާޒިމްގެ ދަށުން އެކުންފުނިން ބޮޑެތި ކުރިއެރުންތަކެއް ހޯދާނެ ކަމަށް ބުނަމުންނެެވެ.
ގިނަ ކުންފުނިތަކާއި އޮފީސްތަކުގެ ވެރިން އާންމު ދަށް ފަންތީގެ މުވައްޒަފުންނާއި ބައްދަލުކޮށް މަސައްކަތުގެ މަޝްވަރާތައް ނުކުރާ ވާހަކައަކީ އަބަދުމެ އިވޭ ވާހަކައެކެވެ. ނަމަވެސް މިކަމަށް ބަދަލު ގެނައުމަށް މި ސަރުކާރުގެ އިސް ފަރާތްތަކުން މަސައްކަތްކުރާތަން ސޯޝަލް މީޑިޔާއިން ފެނެއެވެ.
އެގޮތުން އެމްޑަބްލިޔުއެސްސީގެ އެމްޑީ އާޒިމްވެސް ވަނީ މިއަދުގެ ވަގުތެއްގައި އެކުންފުނީގެ ނަރުދަމާގެ މަސައްކަތް ކުރާ މުވައްޒަފުންނާއި މާލޭގެ މަގުތައް މަތިން ބައްދަލުކުރައްވާފައެވެ. އާޒިމް އެ މުވައްޒަފުންނާއި ބައްދަލުކުރައްވާ، މަސައްކަތުގެ ވާހަކަތައް ވަނީ އޮޅުންފިލުއްވާފައެވެ. މުވައްޒަފުންގެ މަސައްކަތްތައް ގާތުން ބެއްލެވުމަށް އާާޒިމް މާލޭގެ މަގުތައްމަތީ އުޅުއްވި ހަރަކާތަށް ވަނީ ގިނަ ބަޔެއްގެ ތައުރީފު ލިބިފައެވެ.
މީޑިޔާގެ ފަރާތްތަކާއިވެސް ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ އާޒިމް މިއަދު ދެއްކެވި މި މިސާލަކީ އަދުގެ ސަރުކާރުން ގާއިމްކޮށްދިނުމަށް ވައުދުވެފައިވާ ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ބިންގަލެކެވެ. މިފަދައިން އެހެނިހެން ވެރިންވެސް ފިނިކުރި ބޮޑު ކޮޓަރިތަކުން ނުކުމެ ހަރަކާތްތެރިވުމަށް ރައްޔިތުން އެދޭނެކަމީ ޝައްކެެއް އޮތްކަމެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް