ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓީއުޓުގެ ދަސްވެނިމުމުގެ ހަފްލާ ބާއްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގައި ހިންގި ކޯސްތަކުން 2018 ވަނަ އަހަރު 155 ދަރިވަރުން ދަސްވެނިވެ ސެޓްފިކެޓާއި އެވޯޑް ހާސިލްކޮށްފިއެވެ.
މިއަދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި މި ހަފްލާގައި ސީއެސްޓީއައި ހިންގި ޖުމްލަ 5 ކޯހެއްގެ ދަރިވަރުން ދަސްވެނިވެ ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ.
އެ 5 ކޯހަކީ "ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން" ކޯހާއި "ސެޓްފިކެޓް 3 އިން އެކައުންޓިން އެންޑް ފައިނޭންޝިއަލް އެޑްމިނިސްޓްރޭޝަން" ކޯހާއި "އިންގްލިސް ލޭންގްއޭޖް ޕްރޮފިޝަންސީ ފޯ އެގްޒެކެޓިވް" ކޯހާއި، ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމާއި، "ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން" ކޯހެވެ. މި 5 ކޯހުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރިވަރުން ބައިވެރިވެފައިވާއިރު ކޯސްތައް ޖުމްލަ 155 ދަރިވަރުން ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. މި ކޯސްތަކުގެ ތެރޭން ކޮންމެ ކޯހެއްގެ 1 ވަނަ 2 ވަނަ އަދި 3 ވަނައަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ މި ހަފްލާގެ ޝަރަފުވެރި މެހުމާން، މާލެ ސިޓީކައުންސިލުގެ މޭޔަރ ޝިފާ މުޙައްމަދެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން، މި ކޯސްތައް ނިންމުމަށްފަހު އަލުން ވަޒީފާއަށް ނުކުމެ މަސައްކަތްކުރާއިރު ކުރިން އެންމެ ރަނގަޅަށް ނުކުރެވި ހުރި ކަންކަން، މި ލިބުނު ތަމްރީނުގެ އަލީގައި އެއަށްވުރެ ފުރިހަމައަށްކުރުމަށް މަސައްކަތްކުރެއްވުމަށް ދަސްވެނީންގެ ކިބައިން ޝިފާ މުޙައްމަދު އެދިވަޑައިގެންނެވިއެވެ. އަދި އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ވީހާވެސް އޯގާތެރިކަމާއެކު މުއާމަލާތުކުރުމަށާއި މަސައްކަތުގެ މާހައުލުގައި ނަޒާހަތްތެރިކަން އިސްކޮށް މަސައްކަތްކުރަންޖެހޭކަން ޝިފާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުން ވަޒީފާ އަދާކުރަމުން މި ފަދަ ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަކުރުމަކީ ބުރަކަމެއްކަން ފާހަގަކުރައްވާ ކޯސްތައް ފުރިހަމަކުރެއްވީތީ ހުރިހާ ދަސްވެނިންނަށް ތައުރީފުކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.
މި ހަފްލާގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވާހަކަދައްކަވަމުން ސިވިލް ސަރވިސްއަށް ހުރި ބައެއް ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އެއްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ސިވިލް ސަރވިސްގެ މުސާރައަށް ދާދިފަހުން ކުރިއެރުންތަކެއް ލިބިފައިވީނަމަވެސް އަދިވެސް އެހެންދާއިރާތަކާއި ބަލާއިރު މުސާރަ ކުޑަވުމުން ވަޒީފާތަކަށް ބޭނުންވާ އެންމެ ޤާބިލު މުވައްޒަފުން ހޯދުމުގައާއި މުވައްޒަފުން ވަޒީފާގައި ރިޓެއިން ކުރުމަށް އޮތް ގޮންޖެހުންތަކެވެ.
މީގެ އިތުރުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ބޭނުންވާ ލައިބްރަރީފަދަ ޚިދުމަތްތައް ތަޢާރަފްކުރެއްވުމަށް ހުރި ދަތިތަކަށްވެސް ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި މިހާތަނަށް ސިވިލް ސަރވިސްގެ ކުރިއެރުމަށް ކޮމިޝަނުން ކުރަމުންގެންދާ ބައެއް މަސައްކަތްތަކުގެ މައުލޫމާތުތައް ވެސް ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި ހިއްސާކުރެއްވިއެވެ.
ސީއެސްޓީގައި 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގައި އެ އިންސްޓިޓިއުޓްގެ އިންސްޓިޓިއުޓްގެ ޑިރެކްޓަރ ފާޠިމަތު ޙަބީބާ ދެއްކެވި ވާހަކައިގައި ސީއެސްޓީއައި އިން 2018 ވަނަ އަހަރު ކުރިޔަށްގެންގޮސްފައިވާ ފަހަގަކޮށްލެވޭ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވިއެވެ. މީގެ އިތުރުން މި ހަފްލާގައި ސީއެސްޓީއައިގެ ޓްރެއިނިންގް ޑައިރެކްޓްރީ 2019 އިފްތިތާޙްކުރުމާއި ސީއެސްޓީއައިގެ ނިއުސްލެޓަރ "ބަޒް"ގެ ސްޕެޝަލް އެޑިޝަން ނެރުންވެސް ކުރިޔަށްދިޔައެވެ. މިގޮތުން ސީއެސްޓީއައިގެ ޓްރެއިނިންގ ޑައިރެކްޓަރީ ނެރެދެއްވީ ހަފްލާގެ ޝަރަފްވެރި މެހުމާން މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދެވެ. ނިއުސްލެޓަރ ނެރެދެއްވީ ކޮމިޝަނުގެ މެންބަރު ޒަކަރިއްޔާ ޙުސައިންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް