ރައީސް ޞާލިޙް ރައުޝަންގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ކައިރިން ހިނގާފައި ދަނިކޮށް އިއްޔެ ދިމާވި ހިތާމަވެރި ހާދިސާގައި ޒަޚަމްވި ކުޑަ އަންހެން ކުއްޖާ، ރައުޝަން ޖިއާން ނިޔާވުމާ ގުޅިގެން، އެކުއްޖާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތައުޒިޔާ ފޮނުއްވައިފިއެވެ.
ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވި ޖިއާންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓްގައި، ރައުޝަން ޖިއާން ނިޔާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، އޭނާގެ މައިންބަފައިންނަށާއި ޢާއިލާއަށް އެމަނިކުފާނުގެ އިޚްލާސްތެރި ތައުޒިޔާ ފޮނުއްވާފައިވެއެވެ. އަދި، މި ހިތާމަވެރި ހާދިސާއިން ފިލާވަޅު ލިބިގަނެ، ސަލާމަތީ ކަންކަން މިހާރަށްވުރެ ވަރުގަދަ ކުރުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
އިއްޔެ މާލޭގައި ހިނގި މިހިތާމަވެރި ހާދިސާއާ ގުޅިގެން، މާލޭ ސިޓީގައި އިމާރާތް ކުރަމުންދާ ތަންތަނުގައި މިހާރު ގެންގުޅޭ ސަލާމަތީ މިންގަނޑު މިހާރުން މިހާރަށް މުރާޖަޢާ ކުރައްވައި، ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުއްވުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓރަކްޗަރއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ސިޓީއަކުން ރައީސުލްޖުމްހޫރިއްޔާވަނީ އަންގަވާފައެވެ.

އަދި، އާންމުންނާއި، އިމާރާތް ކުރަމުންދާ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި، އެފަދަ ތަންތަނުގައި ސަލާމަތީ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަ ކުރައްވައި، އެކަންކަން ރަނގަޅު ކުރެއްވުމަށް ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްލޭނިންގ މިނިސްޓްރީއަށް އަންގަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް