މީޑިއާ ކޮންޓްރޯލްކުރާ ބިލް، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލެޝަން ބިލް ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް ނިންމައިފިއެވެ.
މަޖިލީހުގައި މިއަދު ވަނީ ބިލް ބަލައިގަތުމަށް ވޯޓަށް އަހާފައެވެ. މަޖިލީހަށް ހާޒިރުވެ ތިއްބެވި 62 މެމްބަރުންގެ ތެރެއިން ބިލް ބަލައިގަތުމަށް ވަނީ 49 މެމްބަރުން ވޯޓުދީފައެވެ. ބިލް ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓު ދީފައިވަނީ 12 މެމްބަރުންނެވެ. ވޯޓަށްފަހު ރިޔާސަތުން ވަނީ މީޑިއާ ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވެއްޖެކަމަށް އަންގައި، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ބިލް ފޮނުވިއްޖެކަމަށް އިއުލާނުކޮށްފައެވެ.
މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ބިލް ފޮނުވިއިރު، މިއަދުގެ މަޖިލީހުގައި ބިލާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ވާހަކަދެއްކެވިއިރު، ބިލާ އެއްކޮޅަށް ވާހަކަދައްކަވާފައިވަނީ ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުންނެވެ. މީޑިއާ ކޮންޓްރޯލްކުރާ ބިލް މަޖިލީހަށް ވައްދާފައިވަނީ މިހިނގާ އޮގަސްޓްމަހުގެ 19 ވަނަ ދުވަހެވެ. މި ބިލް މަޖިލީހަށް ހުށަހެޅީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނެވެ.
މި ބިލާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް ބިލާ ދެކޮޅަށް ނިކުމެފައިވާއިރު، މޯލްޑިވްސް މީޑިއާ ކައުންސިލުންވެސް ވަނީ ބިލް އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް