ސްމިތް މައްސަލާގައި އިތުރަށް ބަލަން ޖެހޭ ކަންކަން އެބަހުރި - ހޯމް މިނިސްޓަރު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް (ސުމިތް) ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ކުރީގެ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ސިއްދީގަށް ހަމަލާ ދިން މައްސަލާގައި ފުރަތަމަ ފަހަރަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވާހަކަ ފުޅު ދައްކަވައިފިއެވެ.
ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވެފައިވަނީ ސިއްދީގަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު، ބަންދުގައި ބެހެއްޓުމަށް ކޯޓުން ހަތް ދުވަސް ޖަހާފައި ވަނިކޮށް މިދިޔަ ބުރާސްފަރި ދުވަހު ސުމިތު ދޫކުރި ކުރުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
"އެކަން ހިނގައިދިޔަ ގޮތް އެއީ އެންމެ ރަނގަޅު ނޫން ގޮތެއް ކަމަށް އަޅުގަނޑަށް ބުނެވިދާނެ. އެހެންނަމަވެސް އަޅުގަނޑު އެކަން ހިނގައިދިޔަ ގޮތް ފަހުން ބެލި އިރުގައި އެބޭފުޅުން އެ މައްސަލައިގެ ތަހުގީގު ނިންމެވުމަށް ފަހު، އެ މައްސަލަ ޕްރޮސެކިއުޓް ކުރުމަށް ތައްޔާރުވެފައި އޮތް ކަމަށް އަޅުގަނޑަށް ހަބަރު ލިބިފައި އޮތީ. އެހެންނަމަވެސް އޭގެ ތެރޭގައި އަދި އިތުރަށް ބަލަން ޖެހޭ ބައެއް ކަންކަން ހުރި ކަމަށް އަޅުގަނޑު ވެސް ގަބޫލުކުރަން،" ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް އެ މައްސަލައިގެ ޒާތައް ބަލާއިރު އެ މައްސަލައަކީ ޕޮލިހުގެ އުސޫލުތަކާ އެއްގޮތަށް ގެންގޮސްފައިވާ ކަމެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވެވިއެވެ.
އެއްވެސް ކަމެއް ގޯސްކޮށް، ނުވަތަ އޮންނަންވީ އެންމެ ރަނގަޅަށް ނުގެންދެވިއްޖެ ނަމަ، އޭގެން އިތުރަށް ފިލާވަޅެއް ލިބިގަނެ، ނުވަތަ އޭގެ މައްޗަށް ބިނާކޮށް އިތުރަށް ކަންކަން ރަނގަޅު ކުރުމަށް މަސައްކަތްކުރަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.
ސުމިތު މިދިޔަ ބުރާސްފަތި ދުވަހު ބަންދުން ދޫކޮށްފައިވަނީ އެމްޑީޕީ އަދި ކޯލިޝަންއަށް ނިސްބަތް ވެވަޑައިގަންވާ ގިނަ ބޭފުޅުންގެ ޕްރެޝަރާހެދި ކަމަށް ގިނަ ބަޔަކު ދެކެވެއެވެ. އެގޮތުން ސްމިތް ގެ ދިފާއުގައި ވަނީ ކުރީގެ ރައީސް ނަޝީދު ވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި އަދާލަތް ޕާޓީގެ މަޖިލިސް މެންބަރ އަނާރާ އާއި ޔޫތް މިނިސްޓަރ މަހުލޫފްވެސް ވެސް ވަނީ ސުމިތު ދޫކޮށްލުމަށް ގޮވާލައްވާފައެވެ.

ސުމިތު ހައްޔަރު ކުރުމާގުޅިގެން ވަނީ ސިއްދީގުގެ ގޭކައިރީ އެމްޑީޕީގެ އެކްޓިވިސްޓުން މުޒާހަރާކޮށް، އަޑުގަދަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް