ދައުލަތުގެ ފައިސާ ބަހަން އައު ދޮރެއް!!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއީ ދައުލަތުގެ މާލިޔާ ނަހަމަގޮތުގައި ބަހަންފެށުމުގެ އާ ފެށުމެއް ހެއްޔެވެ. މީގެ ކުރިން ސަރުކާރުގެ އަދި ދައުލަތުގެ އެކި ވަޒީފާތަކުން އެކިއެކި މައްސަލަތަކާއިހުރެ ވަކިކޮށްފައިވާ މީހުންނަށް އެތައް އަހަރެއް ފަހުން ކުއްލިގޮތަކަށް ކޯޓް މެދުވެރިކޮށް ގަނޑުކޮށް އެތައް މިލިޔަން ރުފިޔާއެއްގެ ފައިސާ އެއްފަހަރާދީފައި އަދި ކުރިން އެހުރި ވަޒީފާވެސް ދެއްވަނީއެވެ.
ވަޒީފާ ރުޖޫއަކޮށްދޭން ފަށާފައިވަނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައި ވަކިވެގެންދިޔަ ހިސާބުންނެވެ. ސަރުކާރު ވެރިކަމުން ފައިބައިގެންދިޔައިރު އެސަރުކާރު ނެގެހެއްޓުމަށް އެކިގޮތްގޮތުން މަސައްކަތްކޮށްދިން ބައެއް ފަރާތްތަކުގެ ވަޒީފާ ގެއްލިގެންދިޔައެވެ.
ކޯޓުން ވަޒީފާއާއި ގެއްލިގެންދިޔަ ދުވަސްތަކުގެ މުސާރަ ގަނޑުކޮށް އެއްފަހަރާދޭން ހުކުމްކުރަނީ ދައުލަތުން ނުވަތަ އެޓަރނީޖެނެރަލްގެ އޮފީހުން އެކަންކޮށްދޭން އެދިގެންނެވެ. މުސާރައެކަންޏެއްވެސް ނޫނެވެ. އެލަވަންސާއި އެހެންއިނާޔަތެއް އޮތަސް އެވެސް ރުޖޫއަކޮށްދެއްވަނީއެވެ.
ޓްރައިބިއުނަލް އޮތްތާކު އޮތީއެވެ. އިހަށްދުވަހު ފުލުހުންގެ ހަތަރު އޮފިސަރަކަށް ހަތަރު މިލިޔަން ރުފިޔާ ދޭން ކޯޓުން ހުކުމްކުރިއެވެ. މީގެތެރެއިން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޖިނާހު އަށް އެކަނިވެސް 2.8 މިލިޔަން ރުފިޔާ ދޭން ހުކުމްކުރިކަމަށް ނޫސްތަކުގައި ޖެހިއެވެ.
މިއަދު ކުއްލިގޮތަކަށް މިލިޔުނަރަކަށްވީއެވެ. އެކްޓިން ޕޮލިސް ކޮމިޝަރވެސް އެހުންނެވީ އެއްފަހަރާ ވަރަށް ގިނަ އަދަދެއްގެ ފައިސާއާއި ވަޒީފާ ދެއްވާފައެވެ. އޭނާގެ ސޯޝަލް މީޑިއާގެ ހަރަކާތްތަކުން އެމްޑީޕީގެ އެކްޓިވިސްޓުންނާއި އެފިކުރު ޕްރޮމޯޓްކުރަމުންދިޔަ ނަމަވެސް ފުއްޕާހަމާއި ސުވާލް މާކުގެ ނިޝާން މިހާރު ހުރީ ޑިލީޓްކޮށްފައެވެ.
ފަހަރުގައި އެނިޝާން ނައްތައިލީ އެޓެގްހުރުމުން ފުލުހުން ލައްވައި ފުލުހުންގެ ގާނޫންތަކާއި ގަވާއިދުތަކާއި ކޯޑްއޮފް ކޮންޑަކްޓާއި ޚިލާފް އަމުރުތައް ކުރަނީއޭ ބުނުމުގެ ޖާގަ ނުދިނުމަށެވެ. އެކަމަކު ސޯޝަލް މީޑިއާގައި ޝެއަރކުރައްވާފައި ހުރި ޕޯސްޓްތަކަކީ އެކްޓިން ޕޮލިސް ކޮމިޝަނަރ ނުވަތަ ޕޮލިސްކޮމިޝަނަރގެ މަސްއޫލިއްޔަތު އަދާކުރައްވާ ބޭފުޅަކާ އެކަށީގެންނުވާ ބަޔަސް ސިޔާސީ ޕޯސްޓްތަކެއްކަން އަދިވެސް ގަބޫލުފުޅު ނުކުރެއްވެނީތާއެވެ.
ހަމައެކަނި ފުލުހުންގެ ބޭފުޅުންނަކަށް އެކަންޏެއްނޫނެވެ. ސިފައިންގެ ޖެނެރަލުންވެސް މެއެވެ. އެހެނިހެން ބައެއް މީހުންނަށްވެސް އެޓަރނީޖެނެރަލް އެގެންދަވަނީ ފަރުވާ ހޯއްދަވައިދެއްވަމުންނެވެ. އަދި ބައެއް ވިޔަފާރިވެރިންވެސް ޔާމީންގެ ސަރުކާރުން އެމީހުންގެ ވިޔަފާރިތަކަށް ދަތިކުރުމުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލުކަމަށްބުނެ ދައުލަތުން ބަދަލު ހޯދަން ތައްޔާރުވަމުންދާކަމަށް އިވެއެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި މިގޮތަށް ވަޒީފާއިން ވަކިކޮށް މަގުމަތިކޮށްދިން މީހުންނަށްވެސް މިސަރުކާރުން އެޓަރނީޖެނެރަލް ފަރުވާ ހޯއްދަވައިދެއްވާނެކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ.
ކޯޓްތަކުގެ ދޮރުތައް އެހެރީ ހުޅުވައިލެވިފައެވެ. އިންސާފު ގާއިމުކުރެވޭނެއެވެ. އެކަމަކު ހޯރަ އިއްބެ ޖަލުން މިނިވަންކުރުމަށްފަހު އެހެން މީހަކަށް އެފުރުސަތު ނުލިބޭގޮތަށް އުސޫލު އުވައިލިފަދައިން ވަކިބަޔަކަށް ވަޒީފާއާއި ދައުލަތުން މިލިޔަން މިލިޔަން ރުފިޔާ ދިނުމަށްފަހު އެޓަރނީޖެނެރަލް މޫނުފުޅު އަނބުރާލައްވައި ކޯޓްތަކުގެ ދޮރުތައް ލައްޕަވާ ނުލައްވާނެއޭ ބުނަން ކެރިދާނެތޯއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް