ރާއްޖޭގެ ޖަލުގައިހުރި ސްރީލަންކާގެ “ސްނައިޕަރ" މިނިވަންވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަޑިޖަހައި އަވަހާރަކޮށްލަން އުޅުނު މައްސަލައެއްގައި ސްނައިޕަރެއް ކަމަަަށް ބުނެ ހައްޔަރު ލަންކާގެ މީހާ މިނިވަންވެއްޖެއެވެ.
ލަހިރު މަދުޝަންކަ ނަމަކަށް ކިޔާ މިމީހާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވަނީ ދައުވާ ސާބިތުވާ މިންވަރަށް އެކަށީގެންވާ ހެކި ނެތްކަމަށް ބުނެއެވެ. ލަހިރު ދޫކޮށްލުމަށްޓަކައި ލަންކާގެ ސަރުކާރާއި އޭނާގެ އާއިލާއިން ގިނަ ކަންތައްތަކެއް ކޮށްފައިވާއިރު، އޭނާ ދޫކޮށްލުމުގެ މަސައްކަތަށް ލަންކާ ސަރުކާރުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އެގައުމުގެ ސްޕޯޓްސް މިނިސްޓަރ ފައިޒަރް މުސްތަފާ ވެސް ވަނީ ރާާއްޖެއަށް އައިސްފައެވެ.
ލަހިރު މިނިވަންވުމާއި ގުޅިގެން ލަންކާގެ މީޑިޔާތަކާއި މައުލޫމާތު ދެމުން ފައިޒަރް ވިދާޅުވީ، މާދަމާާގެ ވަގުތެއްގައި އޭނާ ލަންކާއަށް އެނބުރިދާނެ ކަމަށެވެ. އަދި މިކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި އެއްބާރުލުމަށްވެސް ފައިޒަރް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި މައްސަލައިގައި ލަހިރުއާއި އެއްކޮށް ހައްޔަރު ކުރި އިސްހާގް ހުސައިން އަދި ފަޟީލް ހަމީދު މައްޗަށްވެސް ދައުވާ ބާތިލްކޮށް ވަނީ މިނިވަންކޮށްފައެވެ.
ލަހިރުގެ އާއިލާއިންނާއި އެމްނެސްޓީ އިންޓަރނޭޝަނަލް ފަދަ ޖަމިއްޔާތަކުން ވަނީ، އޭނާގެ މައްޗަށް އުފުލި ދައުވާއާއި ޖަލުގައި ތަހައްމަލް ކުރި އަނިޔާގެ މައްޗަށް ކަންބޮޑުވުން ފާޅުކޮށް، މީގެ ކުރިން ވާހަކަދައްކާފައެވެ. ލަހިރުގެ އާއިލާއިން އަބަދުވެސް ބުނަމުންދިޔައީ، އޭނާއަކީ ރާއްޖެއަށް ވަޅޯމަހުގެ ވިޔަފާރިކުރަން އައި މީހެއް ކަމުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް