އެމްޑީޕީގެ ވެށްޓުމާ އެރުމުގައި ޝެއިޚް އިމްރާން!!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
2008 ވަނަ އަހަރު އިންތިޚާބުވި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް އެކެއްގެ ފަރާތުން އެންމެ ބޮޑު ގެއްލުމަކާއި ދަތިތަކެއް ކުރިމަތިވި އެއް ބޭފުޅަކީ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުގެރޭ އާރޓިފިޝަލް ބީޗުގައި މުޒާހަރާއަށް ނުކުމެ ހުންނެވި އިދިކޮޅު އެންމެ އިސް ލީޑަރަކީ ޝެއިޚް އިމްރާނެވެ. އިމްރާންގެ ފަހަތުގައި އެރޭ ތިބި މަދު މީސްކޮޅާ، ރައީސް މުހައްމަދު ނަޝީދަށް އެގިވަޑައިގެން ރީކޯ މޫސާމަނިކުގެ ކޮމާންޑުގެ ދަށުން ނުކުތް ގޭންގުތަކަށް ނިސްބަތްވި މީހުންނާ ދެމެދު ހިގައިދިޔަ ވަރުގަދަ، އަދި ނުރައްކާތެރި ތަޅާފޮޅުމަށްފަހު އެރޭ އެހިގައިދިޔަ ކަންތައްތަކެއް ހިގައިގޮސް އަނެއް ދުވަހު ރައީސް މުހައްމަދު ނަޝީދު ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނަށް ދެން ދުވަހަކުވެސް ނުނުކުންނަވާނެކަން އިއުލާންކުރައްވައި އިސްތިއުދާ ދެއްވުމަށްފަހު ގެއަށް ވަޑައިގެންނެވީއެވެ.
ރައީސް ނަޝީދުގެ ސަރުކާރުން ހިންގި ކަންތައްތަކާ މެދު އެންމެ ވަރުގަދަ ހަމަލާތައް ދެއްވަމުންގެންދެވި ބޭފުޅަކީ ޝެއިޚް އިމްރާނެވެ. ހުރިހާވެސް އެއްޗަކީ ޝެއިޚްގެ ބަސްމޮށުންތެރިކަމާ މީހުންނަށް އެވާހަކައެއް ޔަގީންކޮށްދިނުމަށް އެގެނެސްދޭ މިސާލުތަކެވެ.
2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެމްޑީޕީ ވެރިކަމަށް އަތުވެދާނެތީ ޝައިޚް ވަރަށް ކަންބޮޑުވެގެން އުޅުއްވިކަމަށް ޑޮކްޓަރ ވަހީދުގެ ލައިފް ސްޓޯރީގައި ލިޔެފައި ވެއެވެ. އެފޮތުގައި އޮތީ ޝައިޚް އިމްރާންގެ އަޚް ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދާ ދެބޭފުޅުންގެ މެދުގައި ދެކެވުނު ވާހަކަތަކެކެވެ. އަންނިއަށް ވެރިކަން ލިބިއްޖެނަމަ ޝެއިޚްގެ ދުވަސްދާނެކަމަށް ދެކެވަޑައިގަންނަވާތީ ބޭނުންފުޅުވީ ވެވުނުގޮތަކުން އަވަހަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށެވެ. ވެރިކަން ލިބިއްޖެނަމަ އެދުވަސްވަރު އެމްޑީޕީގެ ވެރިން ހިފައި ހައްޔަރުކޮށް ދިގުމުއްދަތަކަށް ޖަލަށްލާންގޮވި މީހުންގެލިސްޓުގައި ޝެއިޚްގެ ނަންއޮތެވެ.
އެކަމަކު އިންތިޚާބުގެ ނަތީޖާ ނުކުތީ ޝައިޚް ހީފުޅުކުރެއްވިގޮތަކަށްނޫނެވެ.
ނަޝީދުގެ ހިތްޕުޅުގައި ޝެއިޚްގެ އަދާލަތު ޕާޓީއާމެދު ވަރަށް ބޮޑު ނުތަނަވަސްކަމެއް އޮވެއެވެ. 2012 ވަނަ އަހަރުގެ އެޕްރީލްމަހުގެތެރޭގައި ނިއުޔޯކްޓައިމްސަށް ދެއްވި އިންޓަވިއުގައިވެސް އެކަން ފާޅުކުރެއްވިއެވެ. އަދާލަތު ޕާޓީ އަށް އިޝާރާތް ކުރައްވައި، ބަޣާވާތަށް ފަހު "ދީނީ ފިކުރުގެ ޕާޓީ" ވަރުގަދަވަމުން އަންނަ ކަމަށާއި ކެބިނެޓުގެ ވެސް އެ ޕާޓީ އަށް ތިން މަގާމު ލިބިފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ސިފައިންގޭގައި ވެސް އަދާލަތު ޕާޓީގެ ބާރު ހިނގާ ކަމަށް ނަޝީދު އިންޓަވިއުގައި ވިދާޅުވެފައި ވެ އެވެ. މޫނުބުރުގާ އެޅުމުން އަންހެނުން މިނިވަންކޮށްދެއްވަން އުޅުއްވިކަމަށްވެސް ވިދާޅުވިއެވެ.
ޝެއިޚްމެންގެ ވަރަށް ބުރަ މަސައްކަތުން ހޮވި ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ހަމަހިމޭންދުވަސްކޮޅެއް ޝެއިޚްއަށް ހޭދަކޮށްލެވުނީ ވަރަށް ކުޑަދުވަސްކޮޅެއްވަންދެނެވެ. އޭނާ ވަރަށް އިތުބާރު ކުރެއްވި އެއްބޭފުޅެއްކަމަށްވާ ޑިފެންސް މިނިސްޓަރ ރިޓެޔަޑް ކާނަލް ނާޒިމްއާއި ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީންއާ އެންމެ ގާތް އަދި އިތުބާރު އޮންނަ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބާ ދެމެދު އުފެދުނު ހަނގުރާމައިގައި ޝެއިޚް ނެންގެވީ ނާޒިމްގެ ކޮޅެވެ. ނާޒިމް ސަރުކާރުގެ މަގާމްތަކުން ވަކިކޮށް، ހައްޔަރުކޮށް ޖަލަށްލީ ނުހައްގުންކަމަށް އިމްރާން ހިތުގެ އަޑީންގަބޫލުކުރެއްވުމަށްފަހު ނާޒިމްގެ ހައްގުގައި އަޑުއުފުލަން މަގުމައްޗަށް ނުކުންނެވިއެވެ. ޝެއިޚްގެ ހިތް އަބުރުވާލެވޭތޯ އަދި އޭނާ ހައްޔަރުނުކޮށްވޭތޯ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ވިސްނަވައި މަސައްކަތްޕުޅުކުރެއްވިކަމަށް އަޑުއިވިފައިވެއެވެ.
ޝެއިޚް މަގުމައްޗަށް ނުކުންނެވިއިރު އެމްޑީޕީ އޮތީ ރައީސް ނަޝީދު ހައްޔަރުކޮށް ޓެރަރިޒަމްގެ ކުށްސާބިތުކޮށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އިއްވައި ޖަލުގެ ވީއައިޕީ ހުރަގެއަށް ލުމުން، ނަޝީދާއެކުކަހަލަގޮތަކަށް މަރުވެފައެވެ. ޕާޓީގެ ލީޑަރ އަލީވަހީދު ރައްޔިތުންގެ މަޖިލީހުގެތެރޭގައި އޮންނަ ޚާއްސަ އިނާޔަތެއްގެތެރެއިން ބޫމްބޫމް ލައްވާފައި އަޑު އުފުއްލެވިޔަސް މަގުމައްޗަށް ނުކުމެގެންވާކަމެއް ނޯވެއެވެ. އެހެންވެ ޝެއިޚްގޮވައިގެން އޭނާ ވަޑައިގެންނެވީ ފުލުސް އޮފީހަށެވެ. މޭޑޭގެ މުޒާހަރާއަށް ޝެއިޚްއަކީ މުޒާހަރާގެ ލީޑަރުގެ ގޮތުގައި ދެއްކުމަށެވެ. މުޒާހަރާގައި ހިގާފާނެ ހުރިހާކަމެއްގެ ޒިންމާ ޝެއިޚްގެ ބޮލުގައި އެޅޭގޮތަށް ސޮއިކުރުމަށްފަހު އެމްޑީޕީގެ އެކްޓިވިސްޓުން ޝެއިޚަށް ބައިއަތު ހިފިއެވެ. މޭޑޭގެ މުޒާހަރާއަށް ޝެއިޚް އިމްރާން ޕަބްލިކް އަބުރުވައިލީ ހައިރާންވާފަދަ ގޮތަކަށެވެ. ނަޝީދު ނެތަސް ސަރުކާރު ވަށްޓައިލެވޭނެކަމަށް ޕާޓީގެ މެމްބަރުންނަށް ކަށަވަރުވިއެވެ.
ކޮންމެއަކަސް މޭޑޭގެ މުޒާހަރާއަށްފަހު ނަޝީދާއިނުލައި އެމްޑީޕީގައި ރޫހެއް އުފެއްދީ ޝެއިޚްއެވެ. އޭނާވީ ނަޝީދު މިނިވަންކުރުމަށް އެންމެ އަޑުހަރުކޮށް ގޮވާލެއްވި ބޭފުޅާއަށެވެ. ޝެއިޚް އުފެއްދެވި ރޫހުން އެމްޑީޕީ ދިރެމުންދިރެމުންދިޔައިރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކޮއެލުގައި ވިއްދާފައިހުރި ތަނބަކަށްފަހު ތަނބެއް ވެށްޓެމުން ދިޔައެވެ. ދެން ވެއްޓިއްޖެއެވެ. އެކަންވީ ހަމައެކަނި ޝައިޚްގެ ސަބަބުންނެއް ނޫނެވެ. ބާރުގަދަ ކިތަންމެ ބަޔަކު އެކޮއެލު ވަށްޓާލުމަށް އަތްވިއްދާފައި ހުއްޓެވެ. އެހެންވިޔަސް ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ޕާޓީގެ ވެށްޓުމާއި އެރުމުގައި ޝައިޚް އިމްރާނުގެ ރޯލް ވިސްނާ ބަޔަކަށް ފަހުމްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް