ރޮނާލްޑޯ ދަނޑަށް އަރައި ދިހަ މީހުނާއެކު ކުޅެންމުންދިޔަ ޔުވެންޓަސް ސަލާމަތް ކޮށްދީފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިޓާލީ ލީގުގައި އެޓްލާންޓާ އަދި ޔުވެންޓަސް ބައްދަލު ކުރި މެޗް 2-2 ކުން އެއްވެރު ވެއްޖެއެވެ.
އެޓްލާންޓާގެ ޑިފެންޑަރ ބެރާޓް އަތުން ބައިކޮޅަށް ވައިން ލަނޑާއެކު ދެވަނަ މިނެޓުގައި ޔުވެންޓަސްވަނީ މެޗުގެ ކުރި ހޯދާފައެވެ. ނަމަވެސް އެޓާލާންޓާވަނީ ޒަޕާޓާ ޖަހައިދިން ދެ ލަނޑާއެކު މެޗުގެ 56 ވަނަ މިނެޓުގައި އެޓީމް ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.
ބެންޓަކޫއަށް ރަތް ކާޑު ދެއްކުމައި ގުޅިގެން ދިހަ ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ޔުވެންޓަސް ސަލާމަތް ކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ދަނޑަށް އެރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރޮނާލްޑޯވަނީ ލަނޑެއް ޖަހައި ޔުވެންޓަސްއަށް ނަތީޖާ އެއްވަރުކޮށްދީ މެޗުން ޕޮއިންޓެއް ކަށަވަރު ކޮށްދީފައެވެ.
މިއީ ރެއާލް މެޑްރިޑުން ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވިފަހުން އޭނާ ބެންޗުގައި އިނދެ މެޗެއް ސްޓާޓް ކުރި ފުރަތަމަ ފަހަރެވެ. މި މެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑާއެކު އޭނާ މި ސީޒަނުގައި ލީގުގައި ޖެހި ލަނޑުގެ އަދަދު ވަނީ 12 އަށް އަރާފައެވެ.
އިޓަލީ ލީގުގައި އިންޓަ މިލާން އަދި ނަޕޯލީ ބައްދަލު ކުރި ފޯރިގަދަ މެޗް ނިމުނީ 1-0 އިންޓަ މިލާން މޮޅުވެގެންނެވެ. މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ލައުރަންޓޯ މާޓީނޭޒް އިންޓައަށް ކާމިޔާބު ކޮށްދިން އިރު ނަޕޯލީގެ ޑިފެންޑަރ ކުލިބާލީ އަދި ފޯވަޑް އިންސީނިއޭއަށް ވަނީ މެޗުގައި ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މި ސީޒަނުގެ ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާ ޔުވެންޓަސް އޮތީ 18 މެޗު ކުޅެގެން ލިބުނު 50 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގަ ހަމަޖެހިލާފައެވެ. ޔުވެންޓަސްއައި އެންމެ ވަދާވެރިކަމަށް ފެންނަ ނަޕޯލީ އޮތީ 18 މެޗު ކުޅެގެން ލިބުނު 41 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ.
މިއީ އިޓާލީ ލީގުގެ ތާރީހުގައިވެސް ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު މެޗުތަކެއް ކުޅެވުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް