މިސަރުކާރުން ނޫސްވެރިން ފަހައި ނުދުވާނެ: ރައީސުލްޖުމްހޫރިއްޔާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މި ސަރުކާރަކީ ނޫސްވެރިން ފަހައި ދުވާނެ ސަރުކާރެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ނޫސްވެރިކަމުގެ ރަންޔޫބިލް ފާހަގަކުރުމަށާއި މީޑިޔާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރަކީ ފާޅުކުރާ ޚިޔާލެއްގެ ސަބަބުން ނޫސްވެރިން ފަހައި ދުވެ، ނޫސްވެރިން ގާނޫނުތަކުގެ މަޅީގައި ޖައްސާނެ ސަރުކާރެއް ނޫންކަމަށެވެ. އަދި ނޫސްވެރިކަމަކީ މިސަރުކާރަށް ހުރި ބިރެއްކަމުގައި ދެކިވަޑައިނުގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެވަޑައިގަންނަވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ނޫސްވެރިންގެ ފާޑުކިޔުންތަކަކީ ސަރުކާރުގެ ދިރުންކަމަށާއި، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން މިނިވަން ނޫސްވެރިކަމަކީ ސަރުކާރަށް އޮންނަ ބިރެއްގެ ގޮތުގައި އޮންނަ އިރު، އެ ސަގާފަތް ދޫކޮށްލަން ބޭނުންވާ ކަމަށެވެ. އަދި މި ސަރުކާރުގެ އައިބުތައް އެނގޭނީ މިސަރުކާރުގެ ފަސްބައި ނޫސްވެރިންގެ ލޯގަނޑުތަކުން ބެލުމުންކަމަށްވެސް އެމަނިކުފާނު ވަނީ ބަޔާންކުރައްވާފައެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވީވެސް މިނިވަން މީޑިޔާއެއް ގާއިމްކޮށްދިނުމުގެ ވައުދާއި އެކުގައިކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނުވަނީ ދައުލަތް ހަމަ މަގުން ހިނގުމަށް އެދޭނަމަ މިނިވަން ނޫސްވެެރިކަމަށް ޖާގަދެއްވުމަށް ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ކިބައިންވެސް އެދިވަޑައިގަންނަވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ މީގެ ކުރިން ސަންގު މަޖައްލާގަައި ލިޔުންތެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް