ދަރަނި ނުބަލަހައްޓާކަމަށް ބުނާ ވާހަކައަށް އިންކާރުކުރަން: އަމީރު

11 Aug 2020 | 15:12

ދައުލަތުގެ ދަރަނީގެ ތަފާސްހިސާބުތައް ފިނޭންސް މިނިސްޓްރީން ރަނގަޅަށް ނުބަލަހައްޓާކަމަށް ބުނާ ވާހަކަތަކަށް އިންކާރުކުރައްވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ އަމީރުގެ ވާހަކަފުޅުގައިވަނީ ދައުލަތުގެ ފަރާތުން ދީފައިވާ ސޮވެރިން ގެރެންޓީތަކާއި ބެހޭގޮތުން ވަރަށް ބޮޑަށް ވާހަކަދައްކަވާފައެވެ. އަމީރު ވިދާޅުވީ ސޮވެރިން ގެރެންޓީ ދީފައިވާ ލޯނުތަކުގެ ފައިސާތައް އަނބުރާ ދައްކާތޯ ވަރަށް ގާތުން ބަލާކަމަށެވެ. އަދި އެފަދަ ލޯނެއް ނުދައްކާ ދިގު މުއްދަތެއް ވޭތުވެގެންދާނަމަ، ރަހުނުގެ ގޮތުގައި ބެހެއްޓި މުދަލެއް ދައުލަތަށް ނެގުމަށް ފަހުގައިވެސް ފައިސާ އަނބުރާ ދައްކަވާނެކަމަށް އަމީރު ވިދާޅުވިއެވެ.

މިކަމުގެ މިސާލެއްގެ ގޮތުން ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން އަހުމަދު ސިޔާމް ހޯލްޑިންގްސް ކުންފުނިން ޗައިނާގެ އެގްޒިމް ބޭންކުން ނެގި ލޯނުގެ މައްސަލަ އަމީރު ފާހަގަކުރެއްވިއެވެ. އެގޮތުން އެ ފައިސާ ނުދައްކާކަން ދައުލަތުން އެގްޒިމް ބޭންކުން އެންގުމުން، ރަސްމީ ފަސް ދުވަހުގެ ތެރޭގައި އެކްސްރޯ އެކައުންޓަކަށް ވަކި ވަރަކަށް ފައިސާ ޖަމާކުރަން އޭއެސްއެޗް ކުންފުންޏަށް އެންގުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެފަދައިން އަމަލު ނުކޮށްފިނަމަ އެއްބަސްވުމުގައިވާ މަތިން ރަހުނުގައި ބެހެއްޓި މުދަލުގެ މައްޗަށް ބާރު ތަންފީޒުކުރާނެކަމަށް އެންގުނުކަމަށްވެސް ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިމަހުގެ 6ވަނަ ދުވަހުގައި އެސްކްރޯ އޭޖެންޓެއް މެދުވެރިކޮށް ވަނީ އެ ފައިސާތައް ޗައިނީޒް އެގްޒިމް ބޭންކަށް ޖަމާކުރެވިފައެވެ.

ފިނޭންސް މިނިސްޓަރ އަމީރު އިތުރަށް ވިދާޅުވީ ދައުލަތުގެ ދަރަނީގެ ހިސާބުތައް ފިނޭންސް މިނިސްޓްރީން ގާތުން ބަލަމުން އަންނަ ކަމަށާއި، ދިވެހި ދައުލަތް ސޮވެރިން ޑިފޯލްޓަކަށް ދިޔަ ނުދެއްވާނެކަމަށެވެ. އަދި ދަރަނީގެ ހިސާބުތައްވެސް ގާތުން ބަލަހައްޓަމުންދާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް