އޮފީސް ޖާގަތަކުގެ ކުލި އާދަޔާ ހިލާފަށް ކުޑަވެއްޖެ!

29 Sep 2020 | 11:47

ކޮވިޑް-19 ގެ ބަލި މަޑުކަމާއެކު ރާއްޖޭގެ އިޤްތިސާދަށްކޮށްފައިވާ ނޭދެވޭ އަސަރު ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާއަށް މިވަނީ ވަރަށް ބޮޑަށްކޮށްފައެވެ.

އެގޮތުން އާންމުން ދިރިއުޅޭ އެއްމެދު އިމާރާތްތަކާއި، އެޕާޓްމަންޓްތަކުގެ ކުލި ބޮޑުތަކުން ވަނީ ކުޑަކޮށްފައެވެ. އަދި ސަރުކާރުން ވެސް އަންނަނީ ސަރުކާރު ފްލެޓްތައް ލިބިފައިވާ ފަރާތްތަކުގެ ކުލި ދެއްކުން ފަސްކޮށްފައެވެ.

ރާއްޖޭގެ ވިޔަފާރިތަކަށް ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ އަސަރު މަޖީދީމަގު އެއްކޮޅުން އަނެއްކޮޅަށް ހިނގާލުމުންވެސް ފެނިގެންދާނެއެވެ. ހުސްކުރެވިފައިވާ ފިހާރަތަކާއީ، ބަންދުކުރެވިފައިވާ ގިނަ އަދަދެެއްގެ ފިހާރަ މާލެއިން ފެންނަމުން ދެއެވެ.

މިއީ މި ބަލި މަޑުކަމާއެކު އިޤްތިސާދަށްކޮށްފައިވާ އަސަރުގެ ކުޑަ މިންވަރެކެވެ. އޮފީސްތައް ހިފައިގެން ކުރަމުން އައި ގިނަ ވިޔަފާރިތައް ދައްވުމުން ގިނަ ތަންތަން ހުސްކުރަން ވަނީ މަޖުބޫރުވެފައެވެ. އެހެންކަމުން އޮފީސް ޖާގަތައްވެސް އަންނަނީ ގިނަ އަދަދަކަށް ރިއަލް އެސްޓޭޓް މާކެޓަށް ފްލަޑްވަމުންނެވެ.

އެގޮތުން "ވޮއިސް" އާއި ވާހަކަ ދެއްވި "ތަން ތަން ރިއަލްއެސްޓޭޓް" ގެ ވެރިއަކު މައުލޫމާތު ދިން ގޮތުގައި ކުއްޔަށް ދިނުމަށް ލިސްޓު ކުރާ ތަންތަނުގެ ކުލި ވަނީ ވަރަށް ބޮޑު ތަނުން ކުޑަކޮށްފައިކަން ފާހަގަކުރެވޭކަމަށާއި، ގެދޮރާއި އެއްމެދު އިމާރާތްތަކަށް ވުރެން އޮފީސް އަދި ކޮމާޝަލް ޖާގަތަކުގެ އަގު ވަރަށް ބޮޑު ތަނުން ހެޔޮވެގައިވާކަމަށެވެ.

"މިއީ ހެޔޮ އަގުގައި ބޮޑެތި އޮފީސް ހިފަން ނުވަތަ އިންވެސްޓް ކުރަން ވަރަށް ރަނގަޅު ވަގުތުކޮޅެއް. މާލެ ގެ ވަރަށް ރަނގަޅު ލޮކޭޝަންތަކުން ކުރިން1200 އަކަފޫޓުގެ 35،000ރ ހުރި ތަންތަން އެބަ ހުރި 25،000 ފުރިޔާއަށް ކުލި ކުޑަކޮށްފައި" ތަން ތަނުގެ އޮފިޝަލް މައުލޫމާތު ދެއްވިއެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވެ، ރާއްޖޭގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަވަރަކަށް އިޤްތިސާދުން މި މަންޒަރު މިވަނީ ފެންނަން ފަށާފައެވެ. އެގޮތުން ފިހާރަތަކާއި، ކެފޭތަކުގެ ވިޔަފާރި މިވަނީ ރަނގަޅުވާން ފަށާފައިކަމުން މިއީ އަގުތައް އުފުލުމުގެ ކުރިން ހެޔޮ އަގުގައި ހުރި ތަންތަން ހިފަން ރަނގަޅު ވަގުތުކޮޅެއް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.


Advertisement

ކޮމެންޓް