ރ. ވާދޫ ގޮނޑޮދޮށުގައި ރެދަންލުން: އެތައް ބައެއްގެ ނަޒަރު އެ ރަށަށް!

24 Oct 2020 | 11:21

މާޅޮސްމަޑުލު އުތުރުބުރީ ވާދޫއަކީ ރެދަންލުމަށް މަޝްހޫރު އެކަމުގެ ތާރީޚެއް އޮތް ރަށެކެވެ. އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރު ވެސް އެ ރަށުގެ ގޮނޑުދޮށުން މިވަނީ ރެދަނުގެ ހިތްގައިމުކަން ފެންނަން ފަށާފައެވެ. މި މަންޒަރު ބެލުމަށް ކައިރި ރަށްރަށުގެ އިތުރުން، އެހެން އަތޮޅުތަކުން ވެސް ދަނީ ޒިޔާރަތްކުރަމުންނެވެ.

މިކަން މީޑިއާގެ ސަމާލުކަމަށް މި ފަހަރު ގެނައީ ރ. ވާދޫ އިޝްތިހާރުކުރުމުގެ މަސައްކަތްކުރަމުންދާ އެ ރަށު ޒުވާނުންގެ ޕްލެޓްފޯމެއް ކަމަށްވާ "ވާދޫ ޓުއާރސް"އިންނެވެ. ވާދޫ ޓުއާރސްއިން ބުނީ މި އަހަރު ވެސް މި މަންޒަރު ބަލާލުމަށް އެތައް ބަޔަކު ވާދޫ ގޮނޑުދޮށަށް ޖަމާވި ކަމަށެވެ. އަދި ރަށުން ބޭރުން ޒިޔާރަތްކުރި ފަރާތްތަކަށް ގައިޑްކޮށްދިނުމަށް އެ ޓީމުގެ ޒުވާނުން ހަރަކާތްތެރިވަމުންދާާ ކަމަށެވެ.

މި އަހަރު މި މަންޒަރު ފެންނަނީ ރަށުގެ ދެ ފަރާތު ތުނޑީ ސަރަހައްދުގެ އިތުރުން ކުނިކޮށްޓާ ދިމާ އަތިރިންނެވެ. އަދި ވެސް ބައެއް ސަރަހައްދުތަކުން ފެނެއެވެ. ރެދަންލާތާ މިހާރު ހަފުތާއެއް ވެދާނެ ކަމަށް ވާދޫ ޓުއާރސްއިން ބުނެއެވެ.

ވާދޫ ވަށައިގެންވާ ގޮނޑުދޮށުގައި ރެދަން ލީ ނަމަވެސް، މަންޒަރު އެންމެ ރީތިކޮށް ފެންނަނީ އެ ރަށުގެ އިރުމަތީ ފަރާތުންނެވެ. އިރުއޮއްސުމާއެކު ރާޅުފަށުގައި ހުންނަ ނޫކުލައިގެ އަލިކަން ވިދަވިދާ ހުރެ އެވެ. އެކަމަކު އެ އަލި އެންމެ ގަދަވަނީ ރާޅު ބީއްސާލާފައި ދަމާލާ ވަގުތުގަ އެވެ.

ރެދަން ލަނީ ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސްގެ ސަބަބުންނެވެ. މިއީ ވަކި މޫސުމަކަށް މޫދުގައި ގިނަވާ ސުއިއްޕެކެވެ.

ރެދަންލުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. ކަޅުފޮއި ރޭރޭ ދޯނި ފަހަރު ދުއްވާފައި ދާއިރު ކަނޑުމަތިން ވެސް މި މަންޒަރު ފެނެ އެވެ. އެކަމަކު ކަނޑުން ފެންނަ ރެދަން ލުމާ ވާދޫ ގޮނޑުދޮށުގައި ލާފައި މިވާ ރެދަނާ ތަފާތެވެ. މި ދެ ކަމަކީ ވެސް ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޯލުމިނެސެންސް ފައިޓޮޕްލެންކްޓަންސްގެ ސަބަބުން ދިމާވާ ކަމެކެވެ. އާއްމު ގޮތެއްގައި ކަނޑުމަތީގައި ލާ ރެދަން ދިއްލި ފައި ހުންނަނީ މަދު ސިކުންތު ކޮޅަކަށެވެ.

އެކަމަކު ވާދޫގެ ގޮނޑުދޮށުން މި ފެންނަ ރެދަން ދެ މިނިޓެއްހާއިރު ދިއްލިފައި ހުރެ އެވެ. އެހެންވެ، އެތައް މިލިޔަން ސޫފިތަކުގެ ސަބަބުން އަބަދުވެސް، ރާޅުޖަހާ ފަށް އޮންނަނީ ނޫ ކުލައިން ދިއްލާލައިފަ އެވެ.

Advertisement

ކޮމެންޓް