ޑރ.ޝަހީމްގެ އަޅުގަނޑުގެ ދުވަސްތައް: އަޅުގަނޑާއި ޑރ. މުހައްމަދު ލަޠީފް

01 Nov 2020 | 12:14

(މިއީ އަޅުގަނޑުގެ ޙަޔާތުގެ ދުވަސްތަކާ ބެހޭ ގޮތުން ލިޔަމުންދާ ވާހަކަތަކުން ބައެކެވެ.)

އަޅުގަނޑު 1992 ވަނަ އަހަރު ފާސްނުވެގެން ސްކޫލުން ކަނޑާލުމުން އެކަމުގެ ހިތާމައިގައި ގިނަ ދުވަސްތަކެއް ހޭދަކުރީމެވެ. ބައްޕައާއި ބޮޑު ބޭބެމެން ކޮށްދިން އަގުހުރި ޚިދުމަތަށް ޝުކުރުވެރިވަމެވެ. ދެން ކުރެވޭނޭ ކަމެއް ނެތެވެ. ސަރުކާރުގެ ސްކޫލަކަށް ވަދެވޭނޭ އެހެން ގޮތެއް އެވަގުތުގައި ނެތެވެ. އެއިރުގެ ޤަވާޢިދު އޮންނަ ގޮތުން ދެ އަހަރު ޖެހި ޖެހިގެން ރިޕީޓްވީމަ ކަނޑާލައެވެ. އަމިއްލަ ސްކޫލެއްގައި ކިޔެވޭނެހާ މާލީ ޤާބިލު ކަމެއް ނެތެވެ.

ރަޙުމަތްތެރިންނާއެކު ދުވަސްތައް ހޭދަކުރަމުން ދިޔައީމެވެ. މަޖާކުރުމާއި ދަތުރު ދިއުމާ އެފަދަ ކަންކަމުގައެވެ. ބައެއް ފަހަރު ގޭ ދޮށު މިސްކިތުގެ މުދިންބެ އާއެކި މާލޫދު ކިޔަން ދަމެވެ. ( އެއިރުގައި އެއީ ބިދުޢައެއް ކަމެއްނޭގެއެވެ.) އެކަމުގައި އެމީހުން އަޅުގަނޑު ގެންދަނީ އެއުރެން ކިޔައި އުޅޭ ޅެންތަން ރީތި ރާގަށް ކިޔައި އުޅޭތީއެވެ. އަޅުގަނޑު ދަނީ ގަދައަށް ސައި ލިބޭތީއެވެ. އަދި ބައެއް ފަހު ރުފިޔާ ވެސް ލިބެއެވެ. އެއިގެން ރައްޓެހިންނާއެކު ފަހުން ސައިބޯން ދެވެއެވެ. އެންމެ ގިނައިން ސަޔަށް ދަނީ ކޮންކޯޑް ހޮޓަލަށެވެ. އެތަނަށް ކިޔައި އުޅެނީ ބައްޗުކަޑައެވެ. އެއީ ގޭދޮށުގައި ހުންނަ ތަނެކެވެ.

އެއް ދުވަހަކު، އިޝާ ނަމާދު ފަހުން، ގޭ ދޮށު މިސްކިތް މަސްޖިދު ޔޫސުފުލްބަރްބަރީ އަށް ގޮސް އިށީނދެ އިނދެ ވަރަށް ބޮޑަށް ވިސްނީމެވެ. އަޅުގަނޑުގެ ދިރިއުޅުން ދުއްވާލާނީ މިގޮތައް ހެއްޔެވެ؟ ނުވަތަ އަލުން ކިޔަވަން ފަށަށްވީ ނޫންހެއްޔެވެ؟ އެކަމަކު ކިހިނެއް ކޮން ގޮތަކުން ހެއްޔެވެ؟ މިގޮތައް އަމިއްލަ ނަފްސާ ސުވާލު ކުރަމުންދިޔައީމެވެ. ދުވަސްތަކަކަށް ފަހު ޢަޒުމް ކަނޑައެޅީ ކިޔެވޭނޭ ގޮތެއް އަލުން ހޯދުމަށް މަސައްކަތްކުރުމަށެވެ. އަދި ލާރި ހޯދުމަށް އަމިއްލަ އަށް ވެސް ކޮންމެވެސް މަސައްކަތެއް ކުރާށެވެ.

މިގޮތުން މަޖީދީ މަގު ފިހާރަ ފިހާރަތަކުގެ އިޢުލާންތައް ބަލަމުން ދިޔައީމެވެ. މަޖީދީ މަގުގައި ހުރި ( ހޯލި ) ފިހާރައިގައި އެތަނަށް ފޮޅާ ސާފު ކުރާ މީހަކު ބޭނުންވެގެން އިޢުލާން ޖަހާފައި އޮތްތަން ފެނުނެވެ. އެތަނުގެ ވެރިމީހާއާ ( ޢަޒީބެ) އާ ބައްދަލުކޮށް އެފުރުޞަތު އަޅުގަނޑަށް ދެއްވާތޯ ދެންނެވީމެވެ. އޭނާ އަޅުގަނޑަށް އެ ފުރުޞަތު ދެއްވިއެވެ. މުސާރައަކީ މަހަކު 600 ރުފިޔާއެވެ. ބަރާބަރަށް ފިހާރައަށް ގަޑި ނުޖެހި ދަމެވެ. އަދި ކައިރި މިސްކިތުން ބާލިދީ އަށް ފެން އަޅައިގެން އައިސް ކޮންމެ ރެއަކު ފިހާރައިގައި މޮއްޕު ޖަހައި ފިހާރަ ބަންދުކުރުމުގެ ކުރިން ސާފުކުރަމެވެ. މިގޮތުން ދުވަސްތައް ވޭތުވަމުން ދިޔައެވެ. އެ ފިހާރައިގައި އެއް އަހަރު ވަންދެން މަސައްކަތް ކުރީމެވެ. އެތަނުގައި އުޅުމުގެ ސަބަބުން ގަމީސްތަކަށް ލޯބި ޖެހުނެވެ. އެކި އެކި ރީތި އެއްޗެހި ލާ ހިތް ވިއެވެ. އެއީ ގަމީސް ވިއްކާ ފިހާރައެކެވެ.

ފިހާރަ ޖެހިގެން ހުރި މިސްކިތުން ޤުރުއާން ކިޔަވައި އުޅޭ ބަޔަކާ ދިމާވިއެވެ. އެމީހުންނަކީ މަޢުހަދުގެ ޤާރީ ކުލާހުގައި އުޅޭ ބައެކެވެ. އެމީހުން ދެނަމާދު ދޭތެރޭ އެ މިސްކިތުގައި ފިލާވަޅު ފަރިތަކުރަން ތިބެއެވެ. އެމީހުންގެ ސަބަބުން ޤާރީ ކުލާހަށް ވަންނަ ހިތްވިއެވެ. އެކަމުގެ ވާހަކަ ޢަޒީބެ އަށް ދެންނެވީމެވެ. އެކުލާހަށް ދާން އޮންނަނީ ހަވީރު ޢަޞްރު ފަހުން މަޣުރިބާ ދެމެދުގައެވެ. ކްލާހަށް ދިއުމަށް އިޛުނަ ދެއްވިއެވެ. އަދި ކުލާސް ނިންމާފައި ލަސް ނުކޮށް ފިހާރައަށް އައުމަށް އޭނާ އެންގެވިއެވެ. މިހާރު ވެސް ޢަޒީބެއާ އަޅުގަނޑާ އެހާ ރަޙުމަތްތެރިއެވެ. އޭނާއަކީ ނުހަނު ހެޔޮ ބޭފުޅެކެވެ. ދުވަހަކުވެސް ބުރަ ބަހެއް ވިދާޅެއް ނުވެއެވެ. އިޙުސާންތެރި ބޭފުޅެކެވެ. މިހާރު ވެސް ގުޅުއްވައިފި ނަމަ ދެއްވާނީ ހެޔޮ ނަސޭޙަތެވެ.

މަޢުހަދުގެ ( މިހާރުގެ އިސްލާމިކް ޔުނިވަރސިޓީ)ގެ ޤާރީ ކްލާހަށް ވެއްދުމަށްޓަކައި ފެންވަރު ބެލުމުގެ ޓެސްޓެއް ނަގައެވެ. އެ ޓެސްޓް ނަންގަވަން ތިއްބެވީ ތިން ބޭފުޅުންނެވެ. އެއީ އަލްއުސްތާޛު ޙުސައިން ރަޝީދު އަޙުމަދާއި އަލްޤާރީ ޝިނާންއާއި އަލްޤާރީ އަޙުމަދު ރަޝީދުއެވެ.. އެބޭފުޅުން އަޅުގަނޑު ޓެސްޓުކޮށް ކްލާހަށް ވަދެވޭނެކަން އެންގެވިއެވެ. އަދި ފެންވަރު ރަނގަޅު ވުމުން ލެވަލް 3 އަކަށް ވަދެވޭނޭކަން އެނގެވިއެވެ. އެއިރުން އެއް އަހަރުން އެ ކޯސް ނިންމާލެވެއެވެ. އެކަމުގެ މައްޗަށް އަޅުގަނޑު އުފާކުރީމެވެ.ފެންވަރު ރަނގަޅީ ޢައްމަ ފޮތް ބަލައިގެން ފަރިތަކޮށް ކިޔަވަން އެނގޭތީއެވެ. އެ ކަން އެހެން ދިމާވީ ޢަރަބިއްޔާގައި އުޅުމުގެ ސަބަބުންނެވެ.

އެ ކޯސް ނިންމާފައި އަޅުގަނޑު އިތުރަށް ވަރަށް ބޮޑަށް ކިޔަވާ ހިތްޖެހުނެވެ. ޤުރުއާނުގެ ދާއިރާއިން އިތުރަށް ކިޔަވަން ބޭނުންވިއެވެ. ބޭރަށް ދިއުމަށް ފުރުޞަތު ލިބޭތޯ ގަދަ އަޅައި އިތުރަށް މަސައްކަތް ފެށީމެވެ. ގަދަ އަޅައި މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ވާނޭ ކަމުގެ އުންމީދުގައެވެ.

އަޅުގަނޑުގެ ޢުމުރަކީ ގާތްގަނޑަށް 15 އަހަރެވެ. އެއިރު މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަޤާމުގައި ހުންނެވީ ޑރ މުޙައްމަދު ލަޠީފެވެ. އެމަނިކުފާނުގެ ފައިންޕުޅު ފެނޭތޯ މިނިސްޓްރީ އަށް ދިޔައީމެވެ. އެތަނުގެ ރިސެޕްޝަނުން އެންގެވީ އެގޮތައް ބައްދަލު ނުކުރެވޭނެކަމާއި ސިޓީ އެއް ލިޔެ އެޕޮއިންޓްމަންޓަށް އެދުނީމާ ވަގުތު ހަމަޖެހި އަންނަން އެނގުމުން އައުމަށެވެ. އަޅުގަނޑަށް އެގޮތް ކަމަކު ނުދިޔައެވެ. އަޅުގަނޑު ދެންނެވީމެވެ. ކިޔަވަން ބޭނުންވާ ރާއްޖެތެރޭ ކުއްޖަކު ބައްދަލުކޮށްލަން ބޭނުންވާތީވެ އެވާހަކަ ގޮސް ދަންނަވާލަ ދެއްވާށެވެ. އެތަނުގައި އިން ކުއްޖާގެ ގާތުގައި އެގޮތަށް އާދޭސްކުރަން ފެށުމުން، އަޅުގަނޑުގެ ވާހަކަ ގޮސް މިނިސްޓަރަށް ދަންނަވައިފިއެވެ. މިނިސްޓަރާ ބައްދަލުވާނެ ކަމަށް ހީ ވެސް ނުކުރަމެވެ. ނަމަވެސް މިނިސްޓަރގެ ޚުލްޤު ހެޔޮކަން އެދުވަހު ވަޒަންކުރެވުނެވެ. ނިކަމެތި ކުއްޖަކާ މިނިސްޓަރ ބައްދަލު ކުރެއްވިއެވެ. އަދި އަރިހުގައި ބައިންދަވައިގެން ހިއްވަރު ދެއްވައި އަޅުގަނޑުގެ ކަންކަމުގައި އެހީތެރިވެ ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ވިދާޅުވީ ބޭރުން ފުރުޞަތު ލިބެނީ މަޢުހަދަށް ކަމަށާއި މަޢުހަދުގެ ވެރިންނާ ބައްދަލުކޮށް އެކަމަށް އެދުމަށާއި މިނިސްޓަރ ވިދާޅުވެގެން ކަމަށް ބުނެ، ގޮސް މަޢުހަދުގެ ވެރިންނަށް ދެންނެވުމަށެވެ. އެއިރު ސަރުކާރުގެ އޮފީސްތަށް ބަންދުވަނީ މެނދުރު 1.30 ގައެވެ. އަޅުގަނޑު ހަމަ އެދުވަހު މަޢުހަދަށް ދިޔައީއެވެ. ދިޔަ އިރު މަޢުހަދުގެ ވެރިން އޮފީސް ނިންމާފަ ނިކުންނަނީއެވެ. މަޢުހަދުގެ ވެރިޔަކާ ބައްދަލުވެ މިނިސްޓަރ ވިދާޅުވެގެން ކިޔެވުމުގެ ކަމެއްގައި ވާހަކަ ދައްކާލަން އައީކަމުގައި ދެންނެވީމެވެ. އޭނާ ހީލާފައި ބުންޏެވެ. (މިނިސްޓަރ ވިދާޅުވެގެން މީހަކު މިތަނަށް އަންނަ ނަމަ މިތަނަށް އެވާހަކަ ކުރިން އަންގާނެއެވެ. ) އެންމެންގެ ކުރިމަތީގައި އޭނާ އަޅުގަނޑު ލަދު ގަންނަވާލިއެވެ. ވާހަކަ ދައްކާލެވޭ ގޮތެއް ނުވިއެވެ. އެކަމުގެ ސަބަބުން ލިބުނު ހިތްދަތިކަމާއެކު އަނެއް ދުވަހު ހެނދުނު ޑރ ލަޠީފުގެ އަރިހަށް ދިޔައީމެވެ. މިނިސްޓްރީން އުޅުނީ ބައްދަލުކޮށް ނުދޭށެވެ. އަޅުގަނޑު ދެންނެވީމެވެ. މިނިސްޓަރ އޮތީ ކޮންމެ ހިނދެއްގައި ވެސް އަޅުގަނޑާ ބައްދަލުކުރާނެ ކަމަށް ވިދާޅުވެފައެވެ. ވީމާ ޝަހީމް ބައްދަލުކޮށްލަން އައިސް ހުރި ވާހަކަ ގޮސް ދަންނަވާށެވެ. އެކުއްޖާ ގޮސް ދެންނެވުމުން ހަމަ ވަގުތުން ފުރުޞަތު ދެއްވައިފިއެވެ. މަޢުހަދަށް ދިއުމުން ދިމާވި ކަންކަމުގެ ވާހަކަ ދެންނެވީމެވެ. ލަޠީފު ވިދާޅުވިއެވެ. ދެރަ ނުވާށެވެ. ކޮންމެވެސް ގޮތެއް ފެންނާނެއެވެ. ދެން އެމީހުން ކައިރިއަށް ތިޔަކަމުގައި ނުދާށެވެ. ތިމަންނާ ތިޔަކަން ކޮށްދޭނަމެވެ. މިގޮތުން، ކިޔަވަން ދިއުމަށް މަގެއް ފެނޭތޯ އެތައް ދުވަހަކު ޑރ ލަޠީފުއާ ބައްދަލުކުރަން ދިޔައިމެވެ. އެންމެ ދުވަހަކު ވެސް ބައްދަލު ނުކޮށް އަންނާކަން ނުޖެހެއެވެ. ކޮންމެ ދުވަހަކު ވެސް ބައްދަލު ކުރައްވައެވެ. ކިތައްމެ ބުރަކޮށް އިންނެވި ޔަސް އަޅުގަނޑާ ބައްދަލު ކުރެއްވިއެވެ. އެއިރުގެ ވަޒީރުންނަކީ ވަރަށް ވެސް އިޙުތިރާމް ލިބިގެންވާ ވަރަށް ޢިއްޒަތްތެރި ބައެކެވެ. އެއިން ބޭފުޅަކާ ބައްދަލުވުމަކީ އާދައިގެ ކަމެއްނޫނެވެ. ކޮންމެ ދުވަކު ވެސް ޑރ ލަޠީފުއާ ބައްދަލުވާތީ އަޅުގަނޑަށް ވަރަށް ބޮޑު ހިއްވަރެއް ލިބުނެވެ. އަދި ގެއަށް ގޮސް އެކަމުގެ ވާހަކަ ދައްކައި ހަދަމެވެ.

ގިނަ ދުވަސްތަކެއް ނުވަނީސް، އަމިއްލަ އަށް ޚަރަދު ކުރާ ގޮތައް ޕާކިސްތާނުގެ ޢަޝްރަފިއްޔާ އިސްލާމިކް ޔުނިވަރސިޓީއިން ޤާރީ ކޯސްތަކެއްގެ ފުރުޞަތު މިނިސްޓްރީން އިޢުލާންކުރައްވައިފިއެވެ. ހިތައް އުފާވެރިކަން އައެވެ. އެކަމުގެ އަމިއްލަ އަށް ޚަރަދު ކުރާނެ ގޮތެއް ނެތެވެ. އެކަމަށް ޖެހުނީ ގޮތެއް ހޯދާށެވެ. އެއީ ވެސް ދިގު ވާހަކައެވެ. އެވާހަކަ ދެން އަންނަ ބައެއްގައި ބަޔާންކުރާނަމެވެ.

ޑރ މުޙައްމަދު ލަޠީފު އަޅުގަނޑާ މެދު ބެހެއްޓެވި ހެޔޮ މުޢާމަލާތުގެ ސަބަބުން، އަޅުގަނޑުގެ ޙަޔާތަށް ދިރުން އައެވެ. މިއަދު ވެސް އަޅުގަނޑުގެ ހިތުގައި އެކަމަށްޓަކައި އެމަނިކުފާނަށް ނުހަނު މަތިވެރި އިޙުތިރާމް އޮވެއެވެ. އެމަނިކުފާނުވެސް އެ ދުވަސްތައް ހަނދުމަފުޅު ހުރެއެވެ. އަޅުގަނޑު ދައުލަތުގެ އެކި މަޤާމުތަކުގައި ހުރި ދުވަސްވަރު، ބައެއް ފަހު އެއް މަޖިލިސްތަކުގައި ވެސް އެމަނިކުފާނާ ބައްދަލުވެއެވެ. އަޅުގަނޑާ ބައްދަލުވެއްޖެ ނަމަ އަޅުގަނޑާމެދު އުފާ ކުރައްވާކަމަށާއި ކިޔަވައިގެން ޤައުމަށް ޚިދުމަތްކުރަމުންދާތަން ފެނިވަޑައިގަތުމުން ނުހަނު އުފާވެލައްވާ ވާހަކަ ވިދާޅުވެއެވެ.

ރަނގަޅު މީހުންނަކީ އަނެކާގެ އަތުގައި ހިފައި އެމީހުން މީހުންނަށް ހަދައިދޭ މީހުންނެވެ. ޒިންމާދާރުވުމަކީ އެއީއެވެ.

ޑރ ލަޠީފު އަޅުގަނޑާމެދު ބެހެއްޓެވި ހެޔޮ ގޮތުގެ ސަބަބުން އަޅުގަނޑުގެ ޙަޔާތުގައި ވެސް އެގޮތް ހަމަ އެގޮތައް ދަމަހައްޓައި ކިޔަވަން ބޭނުންވެގެން އަންނަ ކުދީންނަށް ވީ ވަރަކުން މަގު ދައްކައި އެހީވަމުން ގެންދިޔައީމެވެ. ޑރ މުޙައްމަދު ލަޠީފަށް މާތް ﷲ ހެޔޮ ޞިއްޙަތާއި ދިގު ޢުމުރެއް ދެއްވާށިއެވެ. – އާމީން. 

ހެޔޮ ބޭނުމެއް ޖެހިގެން އަންނަ މިހާ އެއްލާ ނުލާށެވެ.

Advertisement

ކޮމެންޓް