މީހުން ވަޅުލަން ގެނައުމުގެ މައްސަލައިގެ އަނެއް ފަރާތް!

15 Dec 2020 | 12:49

އަވައްޓެރި ސްރީލަންކާ ނުވަތަ އޮޅުދޫކަރައަކީ ދުރުގައި ވީނަމަވެސް، ގާތުގައިވާ ގައުމެކެވެ. ޒަމާނުއްސުރެ ދިވެހިންނަކީ އޮޅުދޫކަރައާ ޚާއްސަ ގުޅުމެއް އޮތް ބައެކެވެ. އެކި ދާއިރާތަކުން އުފެދިފައިވާ މި ގުޅުން ބަދަހިވެ ހަރުދަނާވެފައިވާ މިންވަރަކީ މިއަދު ދިވެހިރާއްޖޭގެ 10،000 އަށްވުރެ ގިނަ ރައްޔިތުން އެކި ބޭނުންތަކުގައި ސްރީލަންކާގައި ދިރިއުޅެމުންދާ ކަމެވެ.

މި ބަދަހި ގުޅުމުގެ ތެރެއިން ދެގައުމުގެ ދެމެދުގައި ބައިވަރު ކަންތައްތައް ހިނގައިދެއެވެ. އެއް ގައުމުން އަނެއް ގައުމުގެ ކިބައިން ތަފާތު ކަންކަމަށް އެދެއެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ގިނަބަޔަކު ހައިރާން ކުރުވާނެފަދަ ގޮތަކަށް އިވިގެންދިޔަ ޚަބަރަކީ ސްރީލަންކާގައި ކޮވިޑް-19 ބަލި ޖެހިގެން ނިޔާވާ ފަރާތްތައް ދިވެހިރާއްޖޭގައި ވަޅުލައިދޭން އެގައުމުގެ ސަރުކާރުން ރަސްމީ ސިފައެއްގައި އެދުމެވެ. މި އެދުމަކީ ފުރިހަމަ ކުރެވިދާނެ ކަމެއްތޯ ބެލުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ދިވެހި ޚާރިޖިއްޔާއިން ވަނީ ހާމަކޮށްފައެވެ.

ތެދެކެވެ. މިއީ ވަރަށްވެސް އާދަޔާ ޚިލާފު އެދުމެކެވެ. ފަހުގެ ތާރީޚެއްގައި އެއްވެސް ގައުމަކުން މިފަދަ ކަމެއް އެހެން ގައުމެއްގެ ކިބައިން އެދިފައެއް ނުވެއެވެ. އެހެންކަމުން މިކަމުގެ ހަފަރާތަށް ނަޒަރު ހިންގާލުމަކީ މުހިންމު ކަމެކެވެ.


ކޮވިޑް ބަލީގައި ނިޔާވާ މީހުން އެންދުމުގެ މައްސަލަ:

ކޮވިޑް-19އާ ގުޅިގެން ސްރީލަންކާގައި އަމަލުކުރަން ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތުގައި މި ބަލީގައި ނިޔާވާ ފަރާތްތަކުގެ ހަށިތައް ޖެހޭނީ އަންދާލާށެވެ. އެކަމުގައި ވަކި ދީނެއްގެ ބަޔަކު އިސްތިސްނާ ކުރުމެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން މިކަމަށް އެގައުމުގެ މުސްލިމުން ދަނީ އިންތިހާއަށް ނުރުހުމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެނީ، އިސްލާމީ އަގީދާގައިވާ ގޮތުގައިނަމަ މަރުވާ މުސްލިމެއްގެ ހަށިގަނޑު ޖެހޭނީ ހިނަވައި ކަފުން ކުރުމަށްފަހު ވަޅުލާށެވެ. އެކަން ނުވާނަމަ އޮންނާނީ ކަނޑުފެއްތުމެވެ.

މީހުންގެ ހަށިތައް އަންދާ މައްސަލައިގައި ސްރީލަންކާގެ މުސްލިމުން ކަންބޮޑުވުން ފާޅުކުރުމުން އެގައުމުގެ ސަރުކާރުން ބުނެފައިވަނީ މީހުންގެ ހަށިތައް އަންދާލުމަށް ނިންމީ ވަޅުލައިފިނަމަ ސާފު ފެން ފަށަލައަށް އޭގެ އަސަރު ކޮށްފާނެތީ ކަމަށެވެ. ނަމަވެސް ދިވެހިރާއްޖެ ފަދަ ބިންތިރި ގައުމެއްގައިވެސް ކޮވިޑް ބަލީގައި ނިޔާވާ މީހުން ވަޅުލާކަން އެގައުމުގެ މުސްލިމުން ފާހަގަކުރިއެވެ. ސްރީލަންކާގައި މީހުން އެންދުމުގެ އުސޫލަކީ ސައިންޓިފިކް ކަމެއްތޯ ނުވަތަ އޭގެ ފަހަތުގައި އެހެން ކަންތައްތަކެއް އޮތްކަމެއްތޯ އަޅުގަނޑު ދަންނަވާކަށް ނެތީމެވެ.

ސްރީލަންކާއަކީ އެގައުމެއްގައި ދިވެހިންގެ ގިނަބަޔަކު ދިރިއުޅެމުންދާ ގައުމެކެވެ. މީގެ ތެރޭގައި ހައި-ރިސްކް ކެޓަގަރީގައިވާ ފަރާތްތައްވެސް ހިމެނެއެވެ. މިވަގުތުވެސް އެގައުމުގައި ހަލުވި މިނެއްގައި ކޮވިޑް-19 ބަލި ދަނީ ފެތުރެމުންނެވެ. އެހެންކަމުން އެގައުމުގައި މި ބަލި ޖެހި ދިވެއްސަކު ނިޔާވެއްޖެ ހާލަތެއްގައިވެސް އެފަރާތެއްގެ ހަށިގަނޑު އަންދާލުމަކީ ވަރަށް ގާތް ކަމެކެވެ. އަދި ކޮވިޑް ބަލީގައި ނޫން ގޮތަކަށްވެސް ނިޔާވާ ފަރާތްތަކުގެ ހަށިގަނޑު މި ހާލަތާއި ގުޅިގެން ކަމަށްބުނެ އަންދާލަން ނިންމުމަކީވެސް ވެދާނެ ކަމެކެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ، ދިވެހިރާއްޖެއަށްވެސް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެއެވެ. އެތަނެއްގައި ގަދަވާނީ އެބަޔެއްގެ ބާރެވެ. 


ލަންކާގެ ފަރާތްތަކުން ބުނަނީ ކީކޭ؟

ފާހަގަކޮށްލެވޭ ގޮތުގައި ސްރީލަންކާ ސަރުކާރުގެ މި ޚާއްސަ އެދުން އެގައުމުގެ ރައްޔިތުންނަށްވެސް ރަސްމީ ސިފައެއްގައި އެނގިގެންދިޔައީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ޓްވީޓުންނެވެ. މިކަމާ އެގައުމުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަން މީސް މީޑިޔާގެ ކޮމެންޓްތަކުން ދޭހަވެގެންދެއެވެ. ސްރީލަންކާގެ ސަރުކާރު މިވަގުތު ވަނީ އިހުނަށްވުރެ ގަދަޔަށް އެގައުމުގެ ތެރެއިންނާއި ބައިނަލްއަގްވާމީ ގޮތުން ޕްރެޝަރަށް ވެއްޓިފައެވެ. 

އެހެންކަމުން ރާއްޖެއިން ނެރުނު ބަޔާނާއި މިނިސްޓަރ ޝާހިދުގެ ޓްވީޓަކީ ލަންކާގެ މުސްލިމުން އެގައުމުގައި ވަޅުލާނެގޮތެއް ހޯދުމަށް ނުސީދާގޮތުން ކުރި ޕްރެޝަރެއްކަމަށް ބުުނުމުގެ ފުރުސަތުވެސް އެބައޮތެވެ. މިކަމަށް ސްރީލަންކާއަށް ސީދާގޮތުން ޕްރެޝަރކުރާނެ ގޮތްތައްވެސް އެބަހުއްޓެވެ. އެހެން ނަމަވެސް މިފަދަ ދަނޑިވަޅެއްގައި ޚާރިޖީ މޮޅު އުކުޅަަށް އަދި ދިވެހިންގެ ލާބަ މަންފާ ކަށަވަރުކުރެވޭނެ އެންމެ ހެޔޮގޮތަކީ ނުސީދާގޮތުން ޕްރެޝަރކުރުން ކަމަށް ދެކެމެވެ. ސްރީލަންކާގެ އަތުގައި "ބާގެއިން" ކުރާނެ ކާޑްތައް އިތުރުވުމުންނެވެ. 

ސްރީލަންކާގެ ތެރެއިން ސިޔާސީ ފަރާތްތަކާ އަދި ސިވިލް ސޮސައިޓީގެ ފަރާތްތަކުންވެސް ދަނީ މީހުންގެ ހަށިތައް އެންދުން ހުއްޓާލުމަށް ގޮވާލަމުންނެވެ. އެހެނަސް އެކަމަށް އެގައުމުގެ އިދާރާތަކުން މާބޮޑު އިޖާބައެއް ދީފައެއް ނުވެއެވެ. ދާދިފަހުންވެސް އުމުރުން އެންމެ 20 ދުވަހުގެ ކުއްޖެއްގެ ހަށިގަނޑު ވަނީ އަންދާލާފައެވެ.

ތެދެކެވެ. މި މައްސަލައާ މެދު މިވަނީ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ސްރީލަންކާގެ ރައްޔިތުންނާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައިވެސްމެއެވެ. މިކަމުގައި ދީނީގޮތުންވެސް މިވަނީ އިޚްތިލާފްތަކެއް އުފެދިފައެވެ. ނަމަވެސް ދެބަސްވެވެން ނެތް ހަގީގަތަކީ މުސްލިމް އުއްމަތަށް ވީ މިންވަރަކުން އަހަރެމެން ދިވެހިން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެކަމެވެ. އެއީ އަހަރެމެންގެ މައްޗަށް ދީނީގޮތުންނާއި ދުނިޔަވީ ގޮތުން އޮތް ވާޖިބެކެވެ. އެހެނަސް އަނިޔާއަށް ހަނުހުރުމަކީ ޚިޔާނާތެއް ކަމަށްވެސް ދޮގުކުރެވެން ނެތެވެ. ދިވެހިންގެ ސަހަރާތަކުގެ ތޮއްޖެހުންވެސް ފާހަގަކުރަން އެބަޖެހެއެވެ. މިއީ ވަކި ފަރާތެއްގެ ކެމްޕޭނަކަށް ތާއިދު ހޯދަން ކުރާ ކަމެކޭވެސް ބައެއް ފަރާތްތަކުން ކިޔައެވެ.


ނިންމުން:

ސްރީލަންކާގެ ސަރުކާރުގެ މި ހުށައެޅުން ދިވެހިރާއްޖެއިން އަދި ރަސްމީ ސިފައެއްގައި ބަލައިގަނެފައެއް ނުވެއެވެ. އަދި ބަލަމުންދަނީ މިއީ ވެދާނެ ކަމެއްތޯއެވެ. ފަހަރެއްގައި މިކަން ހަމަ ކުރެވިދާނެއެވެ. ނުވަތަ އޭގެ ކުރިން އެ މުސްލިމުން ލަންކާގައި ވަޅުލެވޭނެ ގޮތެއްވެސް ވެދާނެއެވެ. މިހާރުވެސް އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ މުސްލިމުން ވަޅުލުމަށް ބިމެއް އިންތިޒާމްކުރުމާ ގުޅޭގޮތުން ޚާއްސަ ކޮމެޓީއެއް އެކުލަވާލައްވާ އެކަން ހަމަޖައްސަން އަންގަވާފައެވެ. މިކަން ކޮންމެ ގޮތަކަށް ނިމުނަސް މިއީ ފަހުގެ ތާރީޚުގައި އިސްލާމީ އުއްމަތަށް އޮތް މުހިންމު ކަމެކެވެ!

Advertisement

ކޮމެންޓް