މިޞްރުން އަލްޖަޒީރާގެ ނޫސްވެރިއަކު ހައްޔަރުކޮށްފައިވާތާ ހަތަރު އަހަރު!

24 Dec 2020 | 11:52

މެދުއިރުމަތީގެ މަޝްހޫރު މީޑިއާ އައުޓްލެޓެއްކަމަށްވާ އަލްޖަޒީރާގެ ނޫސްވެރިއެއްގެ ވަޒީފާ އަދާކުރަމުންދިޔަ މިޞްރުގެ ރައްޔިތެއްކަމަށްވާ މަހްމޫދު ހުސައިން ގާނޫނުތަކާ ޚިލާފަށް ބަންދުގައި ބަހައްޓާފައި ހުންނަތާ ހަތަރު އަހަރު ފުރިއްޖެއެވެ.

އެގޮތުން ހުސައިންގެ ޖަލު ބަންދަށް ޖުމްލަ ހަތަރު އަހަރު ފުރިފައިވާއިރު، އޭނާގެ މައްޗަށް މިހާތަނަށް ދައުވާވެސް އުފުލިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. މިއީ މިޞްރުގެ ގާނޫނުތަކާ ބައިނަލްއަގްވާމީ މިންގަނޑުތަކާއިވެސް ޚިލާފް އަމަލެއްގެ ގޮތުގައި އަލްޖަޒީރާއިން ވަނީ ސިފަކޮށްފައެވެ.

2016ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ހުސައިން ހައްޔަރުކޮށްފައިވަނީ ގަތަރުގެ ދޯހާގައި ދިރިއުޅުމަށްފަހު، ޗުއްޓީ ހޭދަކުރުމަށްޓަކައި އާއިލާގެ ގާތަށް މިޞްރަށް ޒިޔާރަތް ކުރުމުންނެވެ. ހުސައިން ވަނީ އަލްޖަޒީރާގެ ގާހިރާ ބިއުރޯ ބަންދުކުރުމުން އޭނާގެ ދިރިއުޅުމާއި މަސައްކަތްތައް ދޯހާއަށް ބަދަލުކޮށްފައެވެ. މިސްރުގެ ސަރުކާރުން ހުސައިންގެ މައްޗަށް ކުރާ ތުހުމަތަކީ އަލްޖަޒީރާ މެދުވެރިކޮށް ބައިބައިވުން އުފެއްދުމާ، ދައުލަތާއި އިދިކޮޅު އަމަލެއް ހިންގަން އުޅުމެވެ.

މި ތުހުމަތުތަކަށް އަލްޖަޒީރާއިން ވަނީ އިންކާރުކޮށްފައެވެ. މިޞްރުގެ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އަލްޖަޒީރާއަަކީ ގަތަރުގެ ކިބައިން ވާގިވެރިކަން ލިބިގެން، އެގައުމުގައި މަނާކުރެވިފައިވާ މުސްލިމް ބްރަދަރހޫޑް ޖަމާއަތުގެ ފިކުރު ފެތުރުމަށް މަސައްކަތްކުރާ ބައެކެވެ.

މިކަމުގެ ސަބަބުން މިސްރުން ވަނީ އަލްޖަޒީރާ އެގައުމުގައި މަނާކޮށްފައެވެ.

ފާއިތުވެގެންދިޔަ ހަތަރު އަހަރުގެ މުއްދަތުގެ ތެރޭގައި ހުސައިނަށް ޖިސްމާނީ އަދި ނަފްސާނީގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް އަލްޖަޒީރާއިން ތުހުމަތުކުރެއެވެ. 

Advertisement

ކޮމެންޓް