ޖެނުއަރީ މަހު އެއްވެސް އާ ކުޅުންތެރިޔަކު ޔުނައިޓެޑަށް ނުގެންނާނެ: މޮރީނިއޯ

02 Dec 2018 | 15:39

ކުރިއަށް އޮތް ޖެނުއަރީ މަހު ހުޅުވާލާ ޓްރާންސްފާ މާކެޓުގައި މެންޗެސްޓާ ޔުނައިޓެޑަށް އާ ކުޅުންތެރިޔަކު އައުން ވަރަށް ނާދިރު ކަމަށައި، ފާއިތުވެދިޔަ ސީޒަންތަކުގައި ހަދާހެން ލީގުގެ އެހެން ކްލަބްތަކުގައި ތިބި މޮޅެތި ކުޅުންތެރިން ޔުނައިޓެޑަށް ނުގެނެވޭނެ ކަމަށް އެ ޓީމުގެ ކޯޗް މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ މިހެން ބުނެފައިވަނީ ޔުނައިޓެޑުގެ ޑިފެންސްއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކްލަބުން އާ ޑިފެންޑަރެއް ގަންނާނެ ކަމަށް ގިނަ ސަޕޯޓަރުންތަކެއް އުންމީދު ކޮށްގެން ތިބި ދަނޑިވަޅެއްގައެވެ.

އިނގިރޭސި މީޑިއާތަކަށް މައުލޫމާތު ދެމުން މޮރީނިއޯ ބުނީ ޖެނުއަރީ މަހު އެއްވެސް ކުޅުންތެރިޔަކު ޔުނައިޓެޑުން ގަންނާނެހެން ހީނުވާ ކަމަށައި ގަތަސް ގަންނާނީ އެންމެ ކުޅުންތެރިޔެއް ކަމަށެވެ.

ފާއިތުވެ ދިޔަ ސީޒަންތަކުގައި މައިކަލް ކެރިކް، ޑިމިޓަރ ބާބެޓޯވް، ގަރެތް ބޭލް، އަދި ލޫކާ މޮޑްރިޗް ޓޮޓެންހަމް ދޫކޮށްލާފަ ދިޔައީ ޓްރޮފީތަކެއް ހޯދުމަށް ކަމަށައި ނަމަވެސް ޔުނައިޓެޑަކީ ކިތަންމެ ބޮޑު ކްލަބެއް ކަމުގައިވިޔަސް މިއަދު ޓޮޓެންހަމްއުން މޮޅު ކުޅުންތެރިޔަކު ގަތުމަކީ އުނދަގޫ ކަމައް ކަމުގައި އޭނާގެ ވާހަކަތަކަށް ބާރުދެމުން މޮރީނިއޯ ފާހަގަކުރިއެވެ.

މި ސީޒަނުގައި ޔުނައިޓެޑުން ނެރެމުންދާ ދަށް ނަތީޖާތަކަށް އިޝާރާތް ކުރަމުން މޮރީނިއޯ ބުނީ ރަނގަޅު ނަތީޖާތަކެއް ނެރުމަށް އޭނާއައި ކުޅުންތެރިން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާކަމަށެވެ. ކުރީގަ ޔުނައިޓެޑް އޮތް ހާލަތައި މިއަދު އޮތް ހާލަތު ވަރަށް ތަފާތުކަމަށައި އެހާރައި މިހާރު އަޅާ ކިޔުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމުގައިވެސް މޮރީނިއޯ ބުންޏެވެ.

ކުރީގައި ބޮޑެތި ކްލަބްތަށް ކައިރި ކުދި ކްލަބްތަކުގެ ކުޅުންތެރިން ގަތުމަށް އެ ކްލަބްތަކުން އާދޭސް ކުރާކަމަށައި އެހެންނަމަވެސް މިއަދު އެ ކްލަބްތަކުން އެއްވެސް ކުޅުންތެރިޔަކު ވިއްކަން ބޭނުން ނުވާ ކަމުގައިވެސް މޮރީނިއޯ ބުނެފައިވެއެވެ.

މޮރީނިއޯ އިތުރަށް ބުނެފައިވަނީ، މިހާރު ކުޅުންތެރިޔަކު ގަންނަން ވެއްޖިއްޔާ ހޭދަ ކުރަންޖެހޭ އަދަދު ވަރަށް ބޮޑުތަނުން މައްޗަށް އަރާފައިވާ ކަމަށައި އާދައިގެ މެދު ފަންތީގެ ކުޅުންތެރިން ގަންނަން ބަލާލި ކަމުގައިވިޔަސް ކްލަބްތަކުން މީހަކު މޮޔަވާވަރުގެ ބޮޑެތި އަގު ކިޔާކަމަށެވެ.

މޮރީނިއޯގެ ވާހަކަތައް މިހެން ހުރިއިރު ޔުނައިޓެޑް އެންމެ ފަހުން ލީގުގައި ސައުޓްހެމްޕްޓަންއާއި ދެކޮޅަށް ކުޅުނު މެޗުވީ އެއްވަރެވެ. 2-2 ކުން އެއްވަރި އެ މެޗުގައި ފުރަތަމަ 20 މިނެޓްތެރޭގައި ޔުނައިޓެޑް ކޮޅަށްވަނީ 2 ލަނޑު ވަދެފައެވެ. މެޗުގައި ޔުނައިޓެޑް ސަލާމަތްވީ ލުކާކޫ އަދި އެންޑާ ހެރޭރާ ޖަހައިދިން ލަނޑުތަކުންނެވެ.

ވާދަވެރި މެންޗެސްޓާ ސިޓީ ފަސޭހަކަމާއެކު ރޭވެސް މޮޅިވިއިރު ޔުނައިޓެޑް އޮތީ 14 މެޗު ކުޅެގެން ލިބުނު 22 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައެވެ. ސިޓީ ތާވަލުގެ އެއްވަނައިގަ އޮތީ ހަމަ އެދަދަށް މެޗު ކުޅެގެން 38 ޕޮއިންޓާއެކުއެވެ.

Advertisement

ކޮމެންޓް