ގްރޫޕް ވެކްސިނޭޝަނަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި

20 Feb 2021 | 11:08

ކޮވިޑް-19 އިން ދިފާޢުވުމަށް ދެމުންގެންދާ ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ދަށުން އެކި ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އަމިއްލަ ކުންފުނިތަކާއި ކެފޭ، ރެސްޓޯރަންޓް، ފިހާރަތަކާއި ކުޅިވަރު ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނަށް ގްރޫޕު ވެކްސިނޭޝަނަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމްގެ ދަށުން މިހާރުވެސް އުމުރުން ދުވަސްވީ މީހުންނަށާއި، ބޮޑެތި ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށް ދަނީ ވެކްސިން ދެމުންނެވެ.

އެގޮތުން މިހާރު މުވައްޒަފުންނަށް ގްރޫޕް ވެކްސިނޭޝަން ޖެހުމަށް ހުޅުވާލާފައިވާއިރު، އަމިއްލަ ކުންފުނިތަކާއި ކެފޭ، ރެސްޓޯރަންޓްތަކާއި ފިހާރަތަކުގެ މުވައްޒަފުން ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އިކޮނޮމިކް މިނިސްޓްރީގެ ނަންބަރު 3333188 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އަދި ކުޅިވަރު ކްލަބުތަކާއި ކުޅިވަރު އެސޯސިއޭޝަންތަކާއި އެންޖީއޯތަކުން އެޕޮއިންޓްމަންޓް ހެއްދުމަށް ޔޫތު މިނިސްޓްރީގެ ނަންބަރު 3347465، 3347329 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެދެއެވެ.

ހަމައެއާއެކު މަސްވެރިކަމާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ނަންބަރު 3339286 އަށް ގުޅުމަށް ނުވަތަ [email protected] ނޫނީ [email protected] އަށް އީމެއިލްކުރަން އެދިފައިވެއެވެ.

ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުން ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ޓޫރިޒަމް މިނިސްޓްރީގެ ނަންބަރު 3022245 ނުވަތަ [email protected] އަށް އީމެއިލްކުރުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް