އަލަތު ކައިވެނި ކެޓަގަރީގެ ފުލެޓުތައް ވިއްކާލި މައްސަލައިގައި ޑރ.މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފި

21 Feb 2021 | 13:51

ހިޔާ މަޝްެރޫޢުގެ ތެރެއިން އަލަތު ކައިވެނިކުރި ފަރާތްތަކަށް ޚާއްޞަކޮށްގެން ހުޅުވާލި ކެޓަގަރީގެ ފުލެޓުތައް ވިއްކާލި މައްސަލައިގައި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީގެ މޭޔަރކަމަށް ވާދަކުރައްވާ ޑރ.މުއިއްޒު މިފަދަ މޭރުމަކުން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

އެބޭފުޅާ ވިދާޅުވީ އަލަތު ކައިވެނި ކެޓަގަރީ ދަށުން އަޅާފައިވާ ގިނަ ފުލެޓުތައް މި ސަރުކާރުން ކުންފުންޏެއް ހަދައި އެހެން ބަޔަކަށް ވިއްކާލި ވިއްކާލުމަކީ، އަލަތު ކައިވެނި ކެޓަގަރީން ފުލެޓު ލިބޭނެކަމުގެ ދާއިމީ ލިސްޓުގައި ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ރައްޔިތުންނަށް މި ސަރުކާރުން ދިން އަނިޔާއެއްކަމަށެވެ.

ހައުސިންގ މިނިސްޓްރީއިން ކުރި އިޢުލާނުގައި ބުނެފައިވަނީ 1 ކޮޓަރީގެ ފުލެޓުތައް ސަރުކާރު ކުންފުނިތަކުގެ ފުލެޓުތަކުން ދޫކުރާގޮތަށް 2018ވަނަ އަހަރު ހަމަޖައްސާފައިވާ ނަމަވެސް މިހާރު ގަންނަން ލިބުނީ އެންމެ 36 ފުލެޓު ކަމަށެވެ. އަދި އެއާއެކު 1،585 ފުލެޓު މަދުވުމާއި ގުޅިގެން 1 ކޮޓަރިއަށް ކުރިމަތިލީ 3 ކެޓަގަރީއެއްގެ ހުރިހާ ފުލެޓެއް މިއަދު ވަނީ ބާޠިލުކޮށްފައެވެ.

މީގެ ތެރޭގައި އަލަތު ކައިވެނި ކުރާ ފަރާތްތަކަށް ޚާއްޞަކުރި ކެޓަގަރީއާއި، ޒުވާނުންނަށް ޚާއްޞަކުރި ކެޓަގަރީއާއި ދަފުތަރު ކެޓަގަރީ ހިމެނެއެވެ. އެހެންނަމަވެސް ދައުލަތުގެ ފައިސާ ޚަރަދުކޮށް ފުލެޓު ކޮމިޓީއިންވަނީ މި 3 ކެޓަގަރީގެ ފޯމުތައް އަލުން އިވެލުއޭޓްކޮށް ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށްވެސް ގޮސްފައެވެ.

ހިޔާ މަޝްރޫޢުގައި ސަރުކާރުގެ ކުންފުނިތަކުން އަޅާ އެއްކޮޓަރީގެ ފުލެޓުތަކުގެ ތެރެއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން އެޅުމަށް ހަމަޖެހިފައިވާ 534 ފްލެޓްތަކުގެ ތެރެއިން އެ ކުންފުނިން އަޅާ ހިޔާގެ އެއްކޮޓަރީގެ 204 ފުލެޓު ވިޔަފާރި އުސޫލުން ވިއްކާލާފައިވާކަމަށް އެކުންފުނީގެ އޮފިޝަލަކު ވަނީ މި ނޫހަށް މައުލޫމާތުދީފައެވެ.

ފޮޓޯ: ވަން އޮންލައިން

Advertisement

ކޮމެންޓް