ހޯރައިއްބެ ދޫކޮށްލީ އިންސާނިއްޔަތަށްޓަކައި: އެމްޑީޕީ

08 Dec 2018 | 19:37

ކުޑަކުއްޖަކާއި އެކު ބަދުއަޚުލާގީ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި 10އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދިޔަ އިބްރާހިމް ރަޝީދު (ހޯރައިއްބެ)ގެ ހުކުމް ތަންފީޒުކުރުން ލުއިކޮށްދީފައިވަނީ އިންސާނިއްޔަތަށްޓަކައި ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ހޯރައިއްބެގެ ހުކުމް ތަންފީޒުކުރުން ލުއިކޮށް އޭނާ ދޫކޮށްލުމާއި ގުޅިގެން އެޕާޓީން ނެރުނު ބަޔާނެއްގައެވެ. ހޯރައިއްބެ އަކީ އެމްޑީޕީގެ މެންބަރެކެވެ. އަދި އޭނާވަނީ އެމްޑީޕީގެ ސަރުކާރުގަައި ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީގެ މަގާމުވެސް އަދާކުރައްވާފައެވެ.

އެމްޑީޕީން ބުނީ އިބްރާހީމް ރަޝީދުގެ މައްޗަށް ޝަރީޢަތް ހިންގައި ހުކުމްކުރެވިފައިވަނީ އެޝަރީޢަތަށް ސިޔާސީ ނުފޫޒުތަކެއް ފޯރުވައިގެންކަމުގައި އެޕާޓީން ދެކޭ ކަމަށާއި، ޝަރީއަތުގައި ހިނގައި ދިޔަ އިޖުރާޢީ ގޯސްތަކަށް ކޯޓުން ރިޢާޔަތްނުކޮށް ދޫކޮށްލައިފައިވަނީވެސް ސިޔާސީ ނުފޫޒުގެ ސަބަބުންކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މިހެންކަމުން އިބްރާހީމް ރަޝީދުގެ މައްޗަށްކޮށްފައިވާ ހުކުމްގެ އަދަބު ލުއިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ނިންމެވި ނިންމެވުމަކީ އިންސާނިއްޔަތައްޓަކައި ނިންމެވި ނިންމެވުމެއްގެ ގޮތުގައި އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

ހޯރައިއްބެގެ އާއިލާގެ ހައްގުގައި މިފަދަ ނިންމުމެއް ނިންމާފައިވާތީ އެމްޑީޕީން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

ބަޔާން ނިންމާލަމުން އެމްޑީޕީން ވަނީ ކުޑަކުއްޖަކު އެއްވެސް މީހެއްގެ ޖިންސީ ޝިކާރައަކަށް ވިޔަ ނުދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމް ހަރުދަނާ ކޮށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެކުދިންނަށް ދިރުއުޅުމުގައި ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަަސައްކަތެއް، އެޕާޓީގެ ފަރާތުން ކުރާނެކަމުގެ ޔަގީންކަންވެސް ދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހޯރައިއްބެ ދޫކޮށްލާފައިވަނީ އެކަމާއި މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވަމުން ދަނިކޮށެވެ. މި މައްސަލައިގައި ޖެންޑަރ މިނިސްޓްރީއާއި ސަރުކާރުގެ ކޯލިޝަން ޕާޓީތަކުގެ އިސް ފަރާތްތައް ހަނުހުރުމުގެ ސަބަބުން އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިހާތަނަށް މި މައްސަލައާއި ދެކޮޅަށް ވާހަކަދައްކަވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެކަންޏެވެ.

Advertisement

ކޮމެންޓް