ޓެންޒޭނިޔާގެ ރައީސް ޖޯން މެގުފޫލީ އަވަހާރަވެއްޖެ

18 Mar 2021 | 13:05

އެފްރިކާގެ ޤައުމެއްކަމަށްވާ ޓެންޒޭނިޔާގެ ރައީސްކަން 2015ވަނަ އަހަރުން ފެށިގެން ކުރައްވަމުން ގެންދަވާ ޖޯން މެގުފޫލީ އަވަހާރަވެއްޖެއެވެ.

މިކަން އިޢުލާންކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ޤައުމާއި މުޚާތަބުކުރައްވާ ވާހަކަ ދައްކަވަމުން، އެޤައުމުގެ ނައިބު ރައީސާ ސާމިޔާ ސުލޫހޫ ހުސައިނެވެ. ނައިބު ރައީސާ ވިދާޅުވި ގޮތުގައި ރައީސް މެގުފޫލީ އަވަހާރަވެފައިވަނީ ހިތުގެ މައްސަލަތަކަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އެޤައުމުގެ މައި ޝަހަރެއްކަމަށްވާ ދާރުއްސަލާމްގެ ހޮސްޕިޓަލެއްގައެވެ. މެގުފޫލީ ހިތުގެ ބަލިތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ 10 ވަރަކަށް އަހަރު ވަނީ ވެފައެވެ.

ކޮވިޑް-19ގެ ސީރިއަސްކަމާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަވާފައިވާ މެގުފޫލީ އެންމެފަހުން އާންމުންނަށް ފެނިފައިވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހުގައެވެ. އެގޮތުން އެބޭފުޅާ ވަނީ އެބަލިން ދިފާއުވުމަށް އާވިން ފަރުވާ ހޯދައި، ދުއާކުރުމަށް އެޤައުމުގެ ރައްޔިތުންގެ ކިބައިން އެދިލައްވާފައެވެ.

މިދިޔަ އަހަރުގެ އެޕްރީލްމަހުގައި ޓެންޒޭނިޔާއިން ވަނީ ކޮވިޑް ބަލި ޖެހިފައިވާ މީހުންގެ އަދަދުތައް އާންމުކުރުން ހުއްޓާލައި، އެޤައުމުން އެ ބަލި ނައްތާލެވިފައިވާކަމަށް އިޢުލާންކޮށްފައެވެ. ނަމަވެސް އެޤައުގެ ދަށުން ހިންގާ ޒަންޒިބާރުގެ ނައިބު ރައީސް އެބަލީގައި އަވަހާރަވުމުން ރައީސް މަގުފޫލީ ވަނީ ޒަންޒިބާރުގައި ކޮވިޑް-19 އުޅޭކަމަށް އެއްބަސްވެލައްވާފައެވެ.

ރައީސް މަގުފޫލީ އެންމެފަހުން ފެނުނީ ޒަންޒިބާރުގެ ނައިބު ރައީސްގެ ޖަނާޒާއިންކަމަށް ވީއިރު، އޭގެ ފަހުން އެބޭފުޅާއަށް ކޮވިޑް ޖެހިގެން ފަރުވާ ހޯދިކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ޓެންޒޭނިޔާގެ ސަރުކާރުން ވަނީ މިކަމަށް އިންކާރުކޮށްފައެވެ. އެޤައުމުގެ ޤާނޫނު އަސާސީ އޮންނަގޮތުން، މިދިޔަ އަހަރު ދެވަނަ ދައުރަކަށް އިންތިޚާބްވި ރައީސް މަގުފޫލީގެ ބަދަލުގައި ދައުރުގެ ބާކީބައި ފުރިހަމަ ކުރައްވާނީ ނައިބު ރައީސާ ސާމިޔާ ސުލޫހޫއެވެ.

Advertisement

ކޮމެންޓް