ކޮވިޑް-19: ކުއްލިއަކަށް ދިން ލުޔާއިއެކު ރޯދައަށް މިސްކިތްތައް ބަންދު ކުރަން ޖެހުމުގެ ބިރު!

04 Apr 2021 | 00:24

ކޮވިޑް-19ގެ އާލަމީ ވަބާއިން ސަލާމަތް ވުމަށްޓަކައި ދުނިޔޭގެ އެކި ޤައުމުތަކުގައި މުހިންމު ފިޔަވަޅުތަކެއް އަދިވެސް ހުރީ އަޅައިފައެވެ. ކޮވިޑުން ސަލާމަތްވުމަށްޓަކައި، ދުނިޔޭގެ ހުރިހާ ޤައުމުތަކެއް ކަހަލަ ގޮތަކަށް ފޮލޯ ކުރަމުންދަނީ އެއް ގައިޑްލައިންތަކެކެވެ.

ގައިދުރުކުރުމާއ، މާސްކު އެޅުމުގެ އިތުރުން ގިނައިން މީހުން އެއްވެގެން ކުރާ ކަންކަން ކުރުމާއި ދުރުވުމުން މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެެވެ. ނަމަވެސް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން މި ގައިޑްލައިންތަކަށް ކުއްލި ކުއްލިއަށް ގެންނަ ބަދަލުތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ބައެއް ފަހަރު އެޗްޕީއޭއިން ނިންމާ ނިންމުމަކީ އެންމެ ރަނގަޅު ނިންމުންތޯ އާންމު ރައްޔިތުން ސުވާލު އުފައްދާ ފަހަރުވެސް މަދެއް ނޫނެވެ. ޞިއްޙީ ކަންކަމުގައި އެންމެ ފަހު ބަސް ބުނަން ވާނީ ރައްޔިތުންނެއް ނޫނެވެ. އެހެންނަމަވެސް، ބުއްދިއަށް ގަބޫލު ނުކުރެވޭފަދަ ބަދަލުތަކެއް ގައިޑްލައިންގެ ނަމުގައި ހަދާފައިވާ އުސޫލުތަކަކަށް ގެންނަ ކަމަށްވާނަމަ، ރައްޔިތުން އެވާހަކަ ދައްކައި، ސުވާލު އުފައްދާނެއެވެ. މުއައްސަސާތަކަށް "ސިޔާސީ" ޓެގްވެސް އަޅުވާނެއެވެ.

ދިވެހިރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ، މާލެ ސަރަހައްދުގައި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު 100އިން މަތީގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިކަން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަޙައްދުގައި އަލުން ކާފިޔު އިޢުލާނުކޮށް، ރައްކާތެރިކަމުގެ އިތުރު ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން ޕާކުތައް ފަދަ މައިޒާންތައް ބަންދު ކުރުމާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ބަންދު ކުރުން ފަދަ ގިނަ ފިޔަވަޅުތަކެއް ހިމެނެެއެވެ.

ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބު ކައިރިވަމުން އަންނައިރު، ކުއްލިއަަކަށް މި ފިޔަވަޅުތައް އުވާލައި، ބޮޑު ލުޔެއް މިވަނީ ދީފައެވެ. މިއީ ކޮވިޑްގެ ހާލަތަަށް ހެޔޮ ބަދަލެއް އައިސްގެން، ނުވަތަ ބަލީގެ ކޭސްތައް މަދުވެގެން އެޅި ފިޔަވަޅެއް ނޫނެވެ.

ކޮވިޑާއެކު ދިވެހީންނަށް ކުރެވުނު އެއް އަހަރުގެ ތަޖުރިބާއިން ދަސްވި އެއްޗަކީ، ފިޔަވަޅުތަކަށް ލުއި ދޭ ކޮންމެ ފަހަރަކު ހިތި ބޭސް ބޯން ޖެހޭ ކަމެވެ. އިތުރު ރާޅެއް އަންނަ ކަމެވެ. ބަލި ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވެ، ބަލީގައި މަރުވާ މީހުންވެސް އިތުރުވާ ކަމެވެ.

ދެން އަނެއްކާވެސް ޖެހެނީ ކުރިން ލުއިދިން ފިޔަވަޅުތައް އަލުން ރުޖޫއަ ކުރާށެވެ. އެންމެ ފުރަތަމަ ކުރި ލޮކްޑައުން އުވައިލިއިރު، ޑެއިލީ ކޭސްތައް 10އަށް ވެސް ދަށްވިއެވެ. ނަމަވެސް ލުއި ދިން އިރަށް އަނެއްކާވެސް ކޭސްތައް އިތުރުވާން ފެށީއެވެ.

ރަނގަޅު ވާހަކައެކެވެ. ޤައުމު އަބަދު ފުރަބަންދު ކޮށްފައި ނުބޭއްވޭނެއެވެ. އިޤުތިޞާދަށްވެސް ގެއްލުން ލިބޭނެއެވެ. ފަރުދުންގެ އާންމު ދިރިއުޅުމަށްވެސް ހުރަސް އެޅޭނެއެވެ.

ނަމަވެސް ކުރިއަށް މިއޮތީ މާތް ރަމަޟާންމަހެވެ. މިދިޔަ އަހަރުގެ ރޯދަމަހަކީ އަޅުގަނޑުމެންނަށް ހިތްދަތި އިހުސާސްތަކެއް ކުރާން ޖެހުނު ރޯދަ މަހެކެވެ. ތަރާވީސް ނަމާދަކަށް ނޫނީ އެހެން އަޅުކަމަކަށްވެސް މިސްކިތަކަށް ނޭރުނެވެ.

ރޯދައާއި ދިމާކޮށް މިދިން ލުއިތަކުގެ ސަބަބުން އެހާލަތު އަލުން ބައްދަލު ކުރުމުގެ ބިރު ބޮޑެވެ. ރޯދައަށް މިސްކިތްތައް ބަންދު ކުރަން ޖެހޭ ފަދަ ހާލަތަކަށް ދިޔުމަކީ ވަރަށް ދެރަކަމެކެވެ. 

ކޯވިޑް-19އާއި ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން 2020 ވަނަ އަހަރުގެ މާޗުމަހުގެ 19 ވަނަ ދުވަހު، މެދުކަނޑައިލުމަށްފަހު، އަލުން ނަމާދު ކުރަން ފެށުމަށް ހުއްދަ ދީފައިވަނީ، 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 01 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ކުރި ފުރަބަންދަށްފަހު، ފިޔަވަޅުތަކަށް ލުއި ދިން އިރުވެސް، އެންމެ ފަހުން ހުޅުވައިލީ މިސްކިތްތައް ގިނަ ބަޔަކު ފާހަގަކުރިއެެވެ.

އިންތިޚާބާއި ގުޅިގެން ކުއްލި ގޮތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑު ލުޔެއް ދިންއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް, 167 މީހުން ކޯވިޑަށް ޕޮޒިޓިވް ވިއެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޯވިޑް ޖެހިގެން 89 މީހަކަށް ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާ ދެމުންނެެވެ. އަނެއްކޮޅުން އަތޮޅުތެރެއަށް ކޯވިޑް ފެތުރި، ފާއިތުވި ސައުވީސްގަޑިއިރު 65 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިހާލަތުގައި ކެމްޕެއިން ކުރުމަށް ބޮޑު ލުޔެއް ދިނުމުގެ ނަތީޖާއެއްގެ ގޮތުން، ރަށްރަށުގެ ސިއްހީ ނިޒާމަށް ނުކަތާވަރަށް ބަލީގެ ނުރައްކާ ބޮޑުވެ، އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށިކޮށް، ރޯދައަށް މިސްކިތްތައް ބަންދު ކުރަން ޖެހުމުގެ ބިރު އެބަ އޮތެެވެ. 


Advertisement

ކޮމެންޓް