ސްރީލަންކާއަށް ދަތުރުކުރުމުގެ އުޞޫލަށް ބަދަލުތަކެއް!

11 Apr 2021 | 11:17

ކޮވިޑް 19 ގެ ތެރޭގައި ސްރީލަންކާއަށް ދަތުރު ފަތުރު ކުރުމުގެ އުޞޫލަށް ބަދަލު ތަކެއް ގެނެސްފިއެވެ.

ސްރީލަންކާގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ، އާ އުޞޫލު ބުނާ ގޮތުން އާންމު ބޭނުންތަކަށް ސްރީލަންކާއަށް ޒިޔާރަތް ކުރުމަށް ސްރީލަންކާ ޓޫރިޒަމްގެ ހުއްދަ ހޯދުމުން ފުދޭނެއެވެ. ފޮރިން މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނީ ހަމައެކަނި ޖަލްސާއަކަށް ނުވަތަ އެނޫންވެސް ސްރީލަންކާ ސަރުކާރުގެ ނުވަތަ ކުންފުންޏެއްގެ ރަސްމީ ކަމަކު ސްރީލަންކާއަށް ޒިޔާރަތްކުރާ ފަރާތްތައް އެކަންޏެވެ. 

ސްރީލަންކާއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކުން ޓެސްޓް ކުރިތާ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރު. ޓެސްޓް ނަތީޖާއެއް އޮންނަންޖެހެއެވެ. މީގެއިތުރުން ކޮވިޑް ވެކްސިން ޖަހާފައި ވާނަމަ އެކަން އަންގައިދޭ އިނގިރޭސި ލިޔުމެއްވެސް ހުށަހަޅަން ޖެހެއެވެ. އަދި ސްރީލަންކާއަށް ޒިޔާރަތްކުރާ ދުވަހު އުމުރުން 2 އަހަރުން މަތީގެ ހުރިހާ ފަރާތްތަކުގެ ޕީ.ސީ.އާރު. ޓެސްޓް ހަދާނެއެވެ. 

ވެކްސިން ފުރިހަމަ ކުރިތާ 14 ދުވަސް ވެފައިވާ ފަރާތް ތަކުން ޕީ.ސީ.އާރު. ޓެސްޓްގެ ނަތީޖާ ލިބެންދެން ސްރީލަންކާ ސަރުކާރުގެ ފެސިލިޓީއެއްގައި މަޑު ކުރަން ޖެހެއެވެ. ފުރަތަމަ ދުވަހު ހަދާ ޓެސްޓު ނެގެޓިވްނަމަ ވަގުތުން އެ ފެސިލިޓީއިން ދޫކޮށްލާނެއެވެ. 

ވެކްސިން ފުރިހަމަނުކޮށް ޒިޔާރަތްކުރާ ފަރާތްތަކުން ސްރީލަންކާގައި ދިރިއުޅޭ އެޑްރެސް އޮންނަ ނަމަ ކަރަންޓީން ފެސިލީޓިގައި 7 ދުވަހު މަޑު ކުރުމަށްފަހު ހަދާ ޕީ.ސީ.އާރު. ޓެސްޓްގެ ނަތީޖާ ނެގެޓިވްނަމަ ކަރަންޓީންގެ ބާކީބައި ގޭގައި ފުރިހަމަ ކުރުމަށް ކަރަންޓީން ފެސިލިޓީއިން ދޫކޮށްލާނެއެވެ. މިފަދަ ފަރާތްތަކުން ސްރީލަންކާގައި ދިރިއުޅޭ އެޑްރެސް ނެތްނަމަ 11 ވަނަ ދުވަހާއި 14 ވަނަ ދުވަހާ ދޭތެރޭގައި އިތުރު ޕީ.ސީ.އާރު. ޓެސްޓެއް ހެދުމަށްފަހު ނަތީޖާ ނެގެޓިވްނަމަ ދޫކޮށްލާނެއެވެ.

އަލަށް ގެނައި ބަދަލުގެ ތެރޭގައި ޓޫރިސްޓުންގެ ގޮތުގައި ސްރީލަންކާއަށް ޒިޔާރަތްކުރާ ފަރާތްތަކުން ވެކްސިން ފުރިހަމަ ނުކުރިޔަސް ސްރީލަންކާއަށް އަންނަތާ 24 ގަޑިއިރުގެ ތެރޭގައި ހަދާ ޓެސްޓް ނެގެޓިވްނަމަ ސްރީލަންކާ ސަރުކާރުން ހުއްދަ ދީފައިވާ ޚާއްޞަ ހޮޓަލަކަށް ބަދަލުވުމުގެ އިތުރުން އެ ދުވަހުން ފެށިގެން "ބަޔޯ ސެކިޔުރިޓީ ބަބުލް" އެއްގައި ޓޫރިސްޓުން އާއްމުކޮށް ޒިޔާރާތްކުރާ ބައެއް ތަންތަނަށް ޒިޔާރަތް ކުރެވޭނެއެވެ.

ޒިޔާރަތް ކުރަނީ 5 ދުވަހަށްވުރެ ކުރު މުއްދަތަކަށްނަމަ، އިތުރު ޕީ.ސީ.އާރު. ޓެސްޓެއް ހަދަންޖެހޭނީ ހަމައެކަނި އެއާލައިނުން އެފަދަ ޓެސްޓެއް ހެދުމަށް ލާޒިމުކުރާ ނަމައެވެ. މިފަދަ ފަރާތްތަކުން ސްރީލަންކާގައި މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭނީ 14 ދުވަހަށް ފަހުއެވެ. 

ސްރީލަންކާއަކީ ދިވެހިން ވަރަށްގިނަ އަދަދަކަށް ދިރިއުޅޭ އަދި ގިނަ އަދަދެއްގެ ދިވެހިން ތަފާތު ބޭނުން ތަކަށް ދަތުރުފަތުރު ކުރަންޖެހޭ ޤައުމެކެވެ.

Advertisement

ކޮމެންޓް