ކުރު ވާހަކަ: ކަށިކުނބުރު ޖަންގަލި

18 Apr 2021 | 17:26

ރަށުން އެންމެ މަތީ ގްރޭޑަކަށް ކިޔެވެން އޮތީ ގްރޭޑު ދިހައަކަށެވެ. ނާޝް އަކީ ވިސްނުން ތޫނުފިލި، ކިޔެވުމަށް މަރުދޭ ކުއްޖެކެވެ. ނާޝްއަކީ އޭނާގެ މަންމައާއި ބައްޕަގެ ހުރި ފަސް އަންހެން ދަރީންގެ ތެރެއިން އެންމެ ކުޑައަށް ހުންނަ އަންހެން ކުއްޖާއެވެ. އެންމެން ވެސް ނާޝްދެކެ ވަރަށް ލޯބިވެއެވެ. ސަމީރު އާއި ހައްވަ އޭނާގެ ދަރިންތައް ބަލާބޮޑުކުރީ ނުހަނު ލޯތްބާއެކުގައެވެ. ހުރިހާ ދަރީންވެސް މީހުންނާއި އިނދެގެން އުޅޭއިރު ދޮށްޓަށް ތިބޭ ނަދީމާއާއި، ނިހާގެ  މާމަ، ކާފަ ކިޔާ ދެ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ހުރެެއެވެ. ނާޝްގެ މުޅި ޢާއިލާއަކީވެސް ރަށުގެ މީހުން ޤަދަރުކުރާ، މުއްސަނދި ޢާއިލާއެކެވެ. ސަމީރުގެ ދެ ފިހާރައާއި، ރެސްޓޯރެންޓެއް ރަށުގައި ހުރެއެވެ. ސަމީރަކީ މުއްސަންޖެއް ނަމަވެސް، އަޚުލާޤު ރަނގަޅު، މީހުންނަށް ކަމޭހިތައި، ދީލަތި އަދި އޯގާތެރި މީހެކެވެ. ނާޝް ބޭނުންވީ އިތުރަށް ކިޔެވުމަށް މާލެއަށް ދާށެވެ. ނާޝް އެންމެ ކުޑައިރުން ފެށިގެންވެސް ދެކެމުން އައި ހުވަފެނަކީ ޓީޗަރަަކަށް ވުމެވެ.

ވުމާއެކު އޭނާ ބޭނުންވީ، އޭލެވެލް ހަދައިގެން ޓީޗިން ކޯސް ހެދުމަށެވެ. ސަމީރު ފުރަތަމަ މިކަމާއި ދެކޮޅު ހެދިއެވެ. ސަމީރުގެ ކަންބޮޑުވުމަކީ އަންހެން ކުއްޖަކު އެކަނި މާލެއަށް ފޮނުވަން ޖެހޭތީއެވެ. އޭނާގެ ހުރިހާ ދަރިން ކިޔަވައި، ވަޒީފާ އަދާކުރަމުން ގޮސް ދިރިއުޅުމެއް ފެށީ ރަށުގައެވެ. ނާޝް އަކީ، ސަމީރުގެ ދަރީންތަކުގެ ތެރެއިން ކިޔަވަން އެންމެ މޮޅު ކުއްޖާއަށްވެފައި، ނާޝްދެކެ އޭނާވާ ލޯތްބެއްގެ ބޮޑުކަމުން ސަމީރު ނިންމީ ނާޝް ކިޔަވަން މާލެ ފޮނުވުމަށެވެ. ހައްވަ ވެސް އެކަމާއިމެދު ކަންބޮޑުވި ނަމަވެސް، އެ ކަންބޮޑުވުންތައް އެއްފަރާތްކޮށްފައި އުފަލާއެކު ނާޝް މާލެއަށް ކިޔަވަން ފޮނުވިއެވެ.

ސަމީރުގެ ޢާއިލާ މީހުން މާލޭގެ އެކި ތަންތަނުގައި ވަޒަންވެރިވެގެން އުޅުނު ނަމަވެސް، ސަމީރު އޭނާގެ އަންހެން ދަރި ބެހެއްޓީ، އެއް ރޫމު ކުއްޔަށް ނަގާފައެވެ. އެތަނުގައި ކައްކާ ކެވޭގޮތަށް ފާޚާނާއެއް ހުރެއެވެ. އެއީ ކުޑަ ނަމަވެސް ރީތިކޮށް ހަދާފައިވާ އެއް ރޫމުގެ އެޕާޓްމަންޓެކެވެ. ބައެއްގެ ކައިރިއަށް ކިޔަވަން ފޮނުވައިގެން، ނާޝްގެ ކިޔެވުން ހަލާކުވެދާނެތީ ސަމީރު ބޭނުންވީ ނާޝް އެކަނި އެގޮތަށް ތަނެއްގައި ބަހައްޓައިގެން އޭނާއަށް ކިޔަވައިދޭށެވެ. މާލެއަށް ގޮސް ފުރަތަމަ އެކަނި އުޅެން ނާޝްއަށް ވަރަށް އުނދަގޫވިއެވެ. ޢާއިލާ ކައިރީގައި ނެތުމުން އެކަމާއި ހިތާމަކުރިއެވެ. އެކަމަކު ހައްވަ ގުޅާ ކޮންމެ ފަހަރަކު އޭނާއަށް ހިތްވަރު ދެއެވެ. ހައްވަގެ ހިތްވަރުގެ ބަސްތަކުން ނާޝްގެ މޮޅިވެރިވެފައިވާ ހިތަށް ފިނިކަމާއި، އާރޯ ކަމެއް ގެނެސްދެއެވެ.

އޭލެވެލްގެ ފުރަތަމަ އަހަރު ކިޔެވުމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހުނެވެ. ބައެއް ރޭރޭ ފަތިސްވަންދެން ވެސް ނުނިދާ ހޭލާ ހުރެ ކިޔަވަންޖެހެއެވެ. ޓެސްޓެއް ކައިރިވެއްޖެނަމަ ނާޝްގެ ހާލަތަކީ އެއީއެވެ. އޭލެވެލް ނިމުނު އިރު، ނާޝްއަށް ކުލާހުން ވަރަށް ރަނގަޅު އެކުވެރިންތަކެއް ވެސް ލިބުނެވެ. ނާޝް އަކީ ރަށުގައި ވެސް މާގިނަ ރައްޓެހިން ތިބޭ ކުއްޖެއް ނޫނެވެ. ނަމަވެސް ސީ.އެޗް.އެސް.ސީގެ މަދަރުސީ ހަޔާތް ނިމިގެން ދިޔައީ މިބުނި އެކުވެރިންނާއި އެކުގައެވެ. އޭލެވެލްގައި ވެސް ނާޝް ގަދަ ދިހައެއްގައި ހިމެނުނެވެ. ނާޝްގެ މި ކާމިޔާބީއަށް މަރުޙަބާ ކިޔުމަށް އެ ފަހަރު ސަމީރާއި، ހައްވަ ވެސް މާލެއައެވެ. އަދި ހަފުތާއެއް ވަންދެން ނާޝް ކައިރީ މަޑުކޮށްލާފައި އަނެއްކާވެސް އެނބުރި ރަށަށް ދިޔައެވެ. އޭލެވެލް ނިންމާފައި ކޯހަށް ފޯމު ހުށައެޅުމާއި ދެމެދު ހަ މަސްދުވަސް އޮތުމާއެކު، ނާޝް ބޭނުންވީ ތަޖުރިބާ ހޯދުމުގެ ގޮތުން ވަޒީފާއަކަށް ވަންނާށެވެ. ސަމީރުގެ ދެމަފިރިން ނާޝްގެ މި ނިންމުމަށް ވެސް އިޙުތިރާމު ކުރިއެވެ.

ނަމަވެސް މާލެއިން ވަޒީފާއެއް ހޯދުންވީ ވަރަށް އުނދަގޫ ކަމަކަށެވެ. އޭލެވެލްގެ އަދި އޯލެވެލްގެ ނަތީޖާ ކިތަންމެ ރަނގަޅު ނަމަވެސް، ވަޒީފާއަކަށް ހުށައަޅާއިރު ތަޖުރިބާ ނެތް ކަމަށް ބުނެ ގިނަ ތަންތަނުން ވަޒީފާދޭން އިންކާރުކުރެއެވެ. ވަޒީފާގެ މާހައުލު ތަޖުރިބާ ކުރަން ލިބޭނީ ވަޒީފާއެއްވެސް ލިބިގެން ތާއެވެ. ވަޒީފާއެއް ހޯދަން އުޅުމުގެ ތެރޭގައި ނާޝްއަށް އައިހަމް ކިޔާ މީހަކާއި ދިމާވިއެވެ. އައިހަމް އަކީ ރިސޯޓް ސަޕްލައި ކުރާ އޮފީހެއް ހިންގާ މީހެކެވެ. އައިހަމް އޭނާއަށް ވަޒީފާ ދިނީ، ތަޖުރިބާ ހޯދަން ފުރުޞަތެއް ދިނުމަށެވެ. މިއީ މިޒަމާނުގައި މަދުން ނޫނީ ނުވާނެ ކަމެކެވެ. އައިހަމް އަކީ އިސްކޮޅުން ކުރު، ހަމުގެ ކުލަ ކަޅު ނަމަވެސް ރީތި ފިރިހެނެކެވެ. ތުނިކޮށް ބޯ ކޮށާލާފައި އޮފީހަށް އަންނަ ކޮންމެ ދުވަހަކު ގަމީސްލާ ޓައި އަޅާލާފައި ހުންނައިރު އޭނާ ނިކަން ރީއްޗެވެ. ނާޝްއަށް ފިރިހެނަކު ރީތިވި އެއީ ފުރަތަމަ ފަހަރެވެ. ނާޝް މީގެ ކުރިން ދުވަހަކުވެސް މީހަކާއި ރައްޓެއްސެއް ނުވެއެވެ. އަދި ނާޝްގެ ފިރިހެން ރައްޓެހިންނެއް ވެސް ނުތިބެއެވެ.

އައިހަމްއަކީ އޭނާގެ ބޮސް ނަމަވެސް، އައިހަމް އޭނާގެ މުވައްޒަފުންނާއި މެދު ބާއްވަނީ ވަރަށް ގާތް ގުޅުމެވެ. އޮފީސްތެރޭގައި އުޅޭއިރު އޭނާއަކީ އެތަނުގެ ބޮޑު މީހާކަމެއް ބޭރުން އަންނަ މީހަކަށް ނުވެސް އެނގޭނެއެވެ. އޮފީހުގައި ނާޝް އާއި އައިހަމްގެ އިތުރަށް ދެން މަސައްކަތްކުރަނީ ހަތަރު މީހުންނެވެ. އެތަނުން އެކައުންޓެންޓަކީ އިންޑިއާ މީހެކެވެ. ނާޝް ވަޒީފާއަށް ދާން ފެށުމާއެކު، ނާޝް އޭނާގެ ބައްޕަގެ ފަރާތުން އެދުނީ ހަމައެކަނި އުޅޭ ތަނުގެ ކުލި ދައްކައިދިނުމަށެވެ. އެހެން ހުރިހާ ޚަރަދެއް ނާޝް ބޭނުންވީ އޭނާއަށް ލިބޭ އެއްޗަކުން ކުރާށެވެ. ހައްވަވެސް އަދި ނާޝްގެ ދައްތަމެންވެސް، ނާޝްގެ ނިންމުންތަކާމެދު ދުވަހަކުވެސް ދެކޮޅެއް ނުހަދައެވެ. އެމީހުން ނާޝްއާއި މެދު ފަޚުރުވެރިއެވެ.

އައިހަމް އާއި ނާޝްގެ ދެމެދުގައި އުމުރުގެ ގޮތުން ނުވަ އަހަރުގެ ތަފާތު ހުރި ނަމަވެސް އެދެމީހުންނަކީ ވަރަށް އެއްގޮތް މިޒާޖުގެ ދެމީހުންނެވެ. މަޑުމައިތިރި ނަމަވެސް ސަކަ މިޒާޖެއްގެ ދެމީހުންނެވެ. އެއްދުވަހެއްގެ ހަވީރު އޮފީސް ނިމިގެން ގެއަށް ދާން ނިކުތް ވަގުތަކީ އައިހަމް ވެސް ގެއަށްދާން ނިކުތް ވަގުތެވެ. ނާޝް އެކަނި ގެއަށްދާކަން އެނގުމުން އައިހަމް އޭނާ ގެއަށް ގެންގޮސްދެންތޯ އެހިއެވެ. އެދުވަހަކީ އަލަށް ނާޝް ފިރިހެނެއްގެ ސައިކަލު ފަހަތަށް އެރި ދުވަހެވެ. "ވަރަށް ބިރުންދޯ ތި އިންނަނީ؟." ގެ ކައިރިއަށް ނާޝް ފޭބުމާއެކު، އައިހަމް ސުވާލުކުރިއެވެ. "ހިހި. އެހެނެއް ނޫން. އަދި ދުވަހަކުވެސް މީހެއްގެ ސައިލަކު ފަހަތަކަށް ނާރަން. އެހެންވެ." ނާޝް ހިނިތުންވެލާފައި ބުންޏެވެ. "ތިހެންވިއްޔާ އަދި ދުވަހަކުވެސް މީހަކާއެކީ ކޮފީއަކަށް ވެސް ކާކަށްވެސް ނުދާނެތާ." އައިހަމް ބުންޏެވެ. އައިހަމް ބުނި ޖުމްލައަށް ޖަވާބު ދިނުމުގެ ގޮތުން ނާޝް އާނއެކޭ ބުންޏެވެ. އެދުވަހު އައިހަމް ގެއަށް ދިޔައީ، އެރޭ ނާޝްއަށް ކެއުމަކަށް ދަޢުވަތު ދީފައެވެ.

ގަނޑިން ރޭގަނޑު އަށެެއް ޖެހުމާއެކު ވަރުގެ ކޮޅަށް ނަލަ ހެދިހެން ނާޝް ހެންވޭރާއި ދިމާލަށް ހިނގައިގަތެވެ. އައިހަމް ދަޢުވަތު ދިނީ ލެމަން ގްރާސަށް އޭނާއާއެކު ކާން ދިއުމަށެވެ. ނާޝް އެތަނަށް ދިޔައިރު، އައިހަމް އިނީ ނާޝްގެ އިންތިޒާރުގައެވެ. ކާ އެއްޗިއްސަށް އޯޑަރ ދިނުމަށްފަހުގައި ދެމީހުން އެކަކު އަނެކަކުގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ހިއްސާކުރިއެވެ. "އަސްލު އިނގޭތަ ނާޝްއަށް ވަޒީފާ ދިނީ ކީއްވެކަން؟." އައިހަމް ބޭނުންވީ އެރޭ އޭނާގެ ހިތުތެރޭގައި ހުރި ހުރިހާ ވާހަކައެއް ނާޝްއަށް ކިޔައިދޭށެވެ. "ތިބުނީ؟." ނާޝް އިނީ ސުވާލު މާރކެއްގެ ތެރޭގައެވެ. "ނާޝް އިންޓަވިއުއަށް އައި ދުވަހުން ފެށިގެން ވެސް މިއަދާ ހަމައަށް ވަރަށް ބުނަން ބޭނުން ވެފަ ހުރި ވާހަކައެއް އެއީ، އަހަރެންނަށް ނާޝް ވަރަށް ކަމުދާ ވާހަކަ. އަސްލުވެސް. އަހަރެންނަކަށް އަދިވެސް ނޭނގޭ މިއީ ކޮންކަހަލަ އިހުސާސްތަކެއް ކަމެއް. މީގެ ކުރިންވެސް އަހަރެން މީހުންނާއި ރައްޓެހިވިން. އެކަމަކު މެރީ ކުރަން އަހަރެން ދެކޮޅު ހެދިން. އެކަމަކު އަހަރެން ބޭނުންވަނީ ނާޝްއާއި މެރީކުރަން." އައިހަމްގެ ހިތުގެ ހާލު އަޑުއިވިފައި ނާޝް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

އެރޭ ގެއަށް އައިސް އައިހަމް ދެއްކި ވާހަކަތަކާއި މެދު ނާޝް ވަރަށް ފުންކޮށް ވިސްނިއެވެ. އައިހަމްގެ ކިބައިގައި ނާޝް ވެސް ގަޔާވާ ކަހަލަ ސިފަތަކެއް ހުރެއެވެ. އެކަމަކު އެހާ ޅަ އުމުރުގައި މީހަކާއި އިންނަން އޭނާ ޖެހިލުން ވެއެވެ. އެ ރެއަށްފަހު އައިހަމް އައީ އެކި ގޮތްގޮތަށް ނާޝްއަށް ލޯބި ހުށައަޅަމުންނެވެ. ނާޝްއަށް ހިތްއެދޭވަރު ބުނެދެމުންނެވެ. އޭރު ކޯހަށް ފޯމު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުމަށް އޮތީ މަސް ދުވަސް ވެފައެވެ. އައިހަމް ލޯބި ހުށައެޅި ވާހަކަ، ނާޝް އެންމެ ފަހުން އޭނާގެ މައިންބަފައިންނާއި ހިއްސާކުރިއެވެ. ސަމީރާއި، ހައްވަ އެދުނީ ކައިވެންޏެއް ކުރި ކަމުގައި ވިއަސް ކިޔެވުން ފުރިހަމަ ކުރުމަށެވެ. ނާޝް ހިތްއެދޭ މީހަކީ ރަނގަޅު އަޚުލާޤެއްގެ ވެރިއެއް ނަމަ، އޭނާއާއި ކައިވެނިކުރަން ދެކޮޅު ނޫން ކަމުގައި ސަމީރު ބުންޏެވެ.

ނާޝް، އައިހަމްގެ ލޯބި ބަލައިގަތީ އެހިސާބުންނެވެ. ނަމަވެސް ނާޝްގެ ހަމައެކަނި ޝަރުތަކަށްވީ ކައިވެންޏަށްފަހު ވެސް އޭނާއަށް ކިޔެވުމުގެ ފުރުޞަތު ދިނުމަށެވެ. އައިހަމް އެކަމަށް އެއްބަސްވިއެވެ. އައިހަމް ބޭނުންވީ ނާޝްގެ ކޯސް ފެށުމުގެ ކުރިން އަވަހަށް އޭނާއާއި ކައިވެނި ކުރުމަށެވެ. ކުލަގަދަ ޙަފުލާއެއްގައި ދެމީހުންގެ ކައިވެނި ކުރެވުނެވެ. ކައިވެނީގެ ހުރިހާ ޚަރަދެއް ކުރީ ސަމީރުއެވެ. އައިހަމް އަކީ މާލެއަށް ނިސްބަތްވާ މީހެކެވެ. އަދި ބޮޑު ޢާއިލާއެއް އޮންނަ މީހެކެވެ. ވުމާއެކު ޕާޓީއަށް އެ ހުރިހާ އެންމެނަށްވެސް ދަޢުވަތު ދިނެވެ. ނާޝްގެ އާއިލާގެ ފަރާތުން ކައިވެނީގައި ބައިވެރިވީ އޭނާގެ ދައްތަމެންނާއި އޭނާގެ މައިންބަފައިންގެ އިތުރުން ސްކޫލު ދައުރުގައި އެންމެ ގާތްކޮށް އުޅުނު ރަޙުމަތްތެރިންނެވެ. އެރޭ ކައިވެނީގެ ޙަފުލާ ނިމިގެން ގެއަށް އައިސް ވަނުމާއެކު، އައިހަމްގެ މަންމަ ނާޝްއަށް ހޫނު މަރުޙަބާއެއް ކިޔެވެ. އެގެއަކީ އައިހަމްގެ ޢާއިލާ އެކުގައި ދިރިއުޅެމުން އައި ގެއެކެވެ. އައިހަމް ބޭނުންވީ ކައިވެންޏަށްފަހު ވެސް އޭނާގެ ޢާއިލާ އާއެކު ދިރިއުޅޭށެވެ.

"އަހަރެން ދުވަހަކުވެސް ހިތަށް އެރި ކަމެއް ނޫން މިއީ މިހާ އަވަހަށް މީހަކާއި އިނުން. އެކަމަކު އައިހަމް އަހަރެންނަށް ވަރަށް ޚާއްޞަ. ބައެއް ފަހަރު މިހާ އަވަހަށް ކަންކަން ނިމިގެން ދިއުމުން ކުޑަކޮށް ޖެހިލުންވެސްވޭ. ހިތަށް އަރަނީ…" ކޮޓަރިއަށް ވަދެވުމާއެކު ނާޝް ފެށި ވާހަކަ މެދުކެނޑުނީ އޭނާގެ ފަހަތުން އައިހަމް އައިސް ބައްދާލުމުންނެވެ. "ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް. އަހަރެމެން ދެމީހުންނަށް މިގޮތް ލިޔެވިފައި އޮތީމައި މި ކައިވެނި މިހާ އަވަހަށް މި ކުރެވުނީ. ނާޝް އަަހަރެންދެކެ ލޯބިވެ އެއް ނޫންތަ؟." އައިހަމް، ނާޝްގެ ކޮޑު ކަށިގަނޑަށް ބޮސްދެމުން ބުނެލިއެވެ. އެހިނދު ނާޝްއަށް ބުނެދޭން ނޭނގޭ ކަހަލަ އަރާމެއް ވިއެވެ. އައިހަމް، ނާޝް އޭނާއާއި އިތުރަށް ގާތްކޮށްލިއެވެ. އެކަކު އަނެކަކުގެ ގައިގައި ބޮސްދެމުން، ފިރުމަމުން ދިޔައިރު އެއީ ދުވަހަކުވެސް ނާޝްއަށް ކުރެވިފައި ނުވާ އިހުސާސްތަކެކެވެ.

އާ ދުވަހަކަށް އިރު ފެނުން ތޮޅެލި ވަގުތު ނާޝްއަށް ހޭލެވުނީ ގޭތެރޭގައި ދެ މީހަކު ޒުވާބުކުރާ އަަޑަށެވެ. ގަޔަށް ފޭރާމެއް ހެޔޮވަރުކޮށްގެން ބޭރަށް ނިކުންނަށް އުޅުނުތަނާ އައިހަމް ހޭލިއެވެ. "ނާޝް ނުނިކުންނައްޗޭ!." އައިހަމް ނިދި އަޑަކުން ވާހަކަދެއްކިއެވެ. އައިހަމް ބުނިގޮތުގައި އެއީ އެގޭތެރޭގެ އަބަދުވެސް އާދައެވެ. އެގޮތަށް ޒުވާބުކުރާނީ ފަސް މިނެޓަށް ކަމަށާއި، ދެން އެންމެން ތިބޭނީ ހެވިދިލިފައި ކަމަށް އައިހަމް ބުންޏެވެ. "ނާޝްއަށް އަދި މިކަންކަން އާވާނެއްނު. އެހެންވެ މިބުނީ ނުނިކުންނާށޭ." އައިހަމް ނާޝްގެ ގައިގައި ފިރުމާލިއެވެ. ދުވަސްތައް މަސްތަކަށް ބަދަލުވަމުން ދިޔައީ ވަރަށް ހަލުވި ކަމާއެކުގައެވެ. ނާޝްގެ ކިޔެވުން ފެށި ފުރަތަމަ ސެމިސްޓާގެ ޓެސްޓު ދުވަސްވަރާއި ދިމާވުމުން އައިހަމް އެދުނީ އޮފީހަށް ނުގޮސް ގޭގައި މަޑުކުރުމަށެވެ. އައިހަމްގެ އެ ނިންމުމަށް އޭނާ އިޙުތިރާމު ކުރިއެވެ. އަދި ކިޔެވުމަށް ގިނަ ވަގުތު ހޭދަކުރުމަށްޓަކައި އޮފީހަށް ދިއުން ހުއްޓާލިއެވެ. ގޭތެރޭގެ މަސައްކަތްތައް ކުރަމުން ކިޔެވުމަށް ނާޝް ވަގުތު ހުސްކުރެއެވެ.

ނަމަވެސް ގޭތެރޭގައި މަދު ފަހަރަކު ނޫނީ ހަމަޖެހިލައިގެން ކިޔެވޭ ވަރެއް ނޫނެވެ. އަޑުގަދަ ކަމުންނެވެ. ހަމަ އެކަނި އެކަމެއް ނޫނެވެ. ފަހަކަށް އައިސް، އައިހަމްގެ މަންމަވެސް ހުންނަނީ ކުނި މޫނު ހަދައިގެންނެވެ. ގޭތެރޭގައި ކުރާ ހުރިހާ ކަމެއް އެންމެ ދުވަހަކު ނުކޮށް ދޫކޮށްލިއަސް އޭނާގެ މަންމައަށް ކަމަކު ނުދެއެވެ. އައިހަމްގެ ދައްތަމެންވެސް ކައި އުޅެނީ މަންމަ ނުވަތަ ނާޝް ކެއްކީމައެވެ. އެކަމަކު ދުވަހަކު އަތުން ކާއެއްޗެއް ރޯ ފިލުވާނުލާތާ، އެހީތެރިވެދޭކަށްވެސް ނާންނާނެއެވެ. އައިހަމްގެ މަންމަ، ވަހީދާގެ ދުލުކުރީގައި ފައިސާ ނޫން އެއްޗެއް ނޯވެއެވެ. މުއްސަންޖެއްގެ ދަރިއަކާ އޭނާގެ ދަރި ދެވިއަސްވާ ފައިދާއެއް ނެތް ކަމަށް ވަހީދާ ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. މިކަންކަން އިންތިހާ ދަރަޖައަށް ގޯސްވާހެން ނާޝްއަށް ހީވާން ފެށިއެވެ. އެކަަމަކު އެއިން އެއްވެސް ވާހަކައެއް އައިހަމް ގާތު ބުނަން ޖެހިލުންވިއެވެ. މި ކަންތަކުގެ ސަބަބުން ނާޝްގެ ސިކުނޑިއަށް ކެތްނުވާވަރަށް އުނދަގޫވާން ފެށިއެވެ. ވުމާއެކު ގިނަފަހަރު ކޮލެޖުން ނިމިގެން ނާޝް ކޮލެޖުގައި މަޑުކުރަން ފެށިއެވެ. ނޫނީ ކޮންމެވެސް ރަޙުމަތްތެރިއެއްގެ ގެއަށް ދާންފެށިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނާޝް ރައްޓެއްސަކާއި ހިއްސާއެއް ނުކުރެއެވެ. ނާޝްގެ އާއިލާގެ މީހުން ގުޅާ ހަދާ ކޮންމެ ފަހަރަކުވެސް އޭނާ އެކަންކަން ސިއްރުކުރެއެވެ. ފިރިމީހާއާއި އޭނާގެ ޢާއިލާ މީހުންގެ ގޯސް ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.

ނާޝް ގޭގައި މަޑުނުވާތީ އައިހަމްގެ މަންމަ ވަހީދާ، ދިޔައީ އެ ހުރިހާ ޚަބަރެއް އައިހަމަށް ދެމުންނެވެ. ނާޝް ގޭތެރެއިން ފެންނަލެއް މަދުވާން ފެށުމުން އައިހަމް އެކަމާއި މެދު ހިތްހަމަ ނުޖެހުނެވެ. ވުމާއެކު އޭނާ އެކަންވެސް ހުއްޓާލީމެވެ. ވަހީދާ އާއި އޭނާގެ ދަރިން ދިއައީ ނާޝްއަށް އެތައް ގޮތަކުން އުނދަގޫ ކުރަމުންނެވެ. ކިޔަވަން އިށީންނައިރަށް، ކޮންމެވެސް އެއްޗެއް ކައްކަން ގޮވާނެއެވެ. ނޫނީ ވަހީދާގެ ގައިގެ ކޮންމެވެސް ތަނެއްގައި ރިިިއްސަން ފަށާނެއެވެ. އެވީ ވަހީދާއަށް ނިދެންދެން އޭނާގާތު ހޭހަން ކޮށްދޭން އިންނާށެވެ. މިވަރުން ނުވެގެން، ގޭތެރެ ކުނި ކަހާފައި ދާއިރަށް ގޭތެރެވެސް ހަޑިކުރަނީއެވެ. ސީދާ ގޮތުގައި ޖެއްސުން ނުުކުރިއެއް ކަމަކު، ނުސީދާ ގޮތުން އެތައް ހަމަލާއެއް ދިޔައީ ދެމުންނެވެ. މިކަމުގެ ސަބަބުން ނާޝްއާއި އައިހަމް އާއި ދެމެދުގައި މައްސަލަ ޖެހެން ފެށިއެވެ. އޭރު ކައިވެންޏަަށް އޮތީ އަހަރެއް ވާން ވަރަށް ކައިރިވެފައެވެ. އެ ހުރިހާ ކަމަކުން އައިހަމް ދިފާއުކުރަނީ އޭނާގެ މަންމައެވެ.

އަބަދު ކިޔަވަން ކޮޓަރީގައި ނީނަސް، ކިޔެވޭނެ ކަމާއި، އިނދެގެން ގެއަށް ގެނައީ ގޭތެރެ ބަލަހައްޓަން ކަމުގައި އައިހަމް ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. "ޢާއިލާއެއްގެ ތެރޭގައި އުޅެންޏާ މައްސަލަވެސް ޖެހޭނެ. ކީއްވެތަ ނާޝްއަށް އޭތި ނުވިސްނެނީ؟. އެހެން ނޫނަސް އަހަރެންގެ މަންމަ އަކީ ތިބުނާހާ ގޯސް މީހެއް ނޫން." އައިހަމް ދިފާއުކުރީ އޭނާގެ މަންމަ އާއި ޢާއިލާއެވެ. އެހިސާބުން ނާޝް އެއްކޮށް ހަމަ ހިމޭން ވިއެވެ. ނާޝް އެއްޗެކޭ ބުނާ ކޮންމެ ފަހަރަކު ގޯސްވަނީ އޭނާ އެވެ. ޒުވާބުކުރުމާއި އެކު ފަހަކަށް އައިސް، އައިހަމް އަތް ވެސް އިސްކުރަން ފެށިއެވެ. ނާޝް އެންމެ ހިތްދަތިވީ އޭނާގެ ދިފާއުގައި ބަހެއް ބުނެލާނެ މީހަކު އެ ގޭގެ ހަތަރު ފާރު އެތެރޭގައި ނެތުމުންނެވެ. އައިހަމް، ނާޝްއާއި ވަރަށް ބޮޑަށް ދުރުވާން ފެށިއެވެ. ކަނީވެސް ގިނައިން ބޭރުންނެވެ. ނާޝްގެ ހަށިގަނޑުގައި އައިހަމް ބީހިނުލާތާ، ގިނަފަހަރު ނާޝްއާއި ދިމާލަށް ބަލާވެސް ނުލައެވެ.

ނާޝްއަށް އެ ގޭތެރޭގައި އުޅެން އުނދަގޫވިއެވެ. ކިޔެވުން އައީ މަޑުމަޑުން ހަލާކުވަމުންނެވެ. މައިދައިތަ އެވަރަށް އެއްޗެހި ކިޔައެވެ. އައިހަމްގެ ދައްތަމެން ކާން އަންނައިރު، ސުފުރާމަތީގައި ކާން ހަދާފައި ނެތް ނަމަ، ނާޝްގެ ގަޔަށް ބޮލަށްވެސް އަރަނީއެވެ. ކަންތައްތައް މިހާ ހިސާބަށް ދިއުމާއެކު، ނާޝް ނިންމީ އެގެއިން ނިކުތުމަށެވެ. އެ ދިރިއުޅުމަކީ ނާޝް އުއްމީދުކުރި ދިރިއުޅުމެއް ނޫނެވެ. ފިރިމީހާގެ ފަރާތުން ލިބެންވާ ލޯތްބާއި އަޅާލުން ނުލިބޭތާ، އޭނާގެ ޢާއިލާގެ ފަރާތުން ވެސް ލިބެނީ ހިތާމައާއި ހިތްދަތިކަމެވެ. އެއްރެއެއްގެ ދަންވަރުގެ ވަގުތުގައި އައިހަމް ގެއަށް އައިއިރު އޭނާގެ ގައިން ދުވީ ވަރަށް ނުބައި ވަހެކެވެ. ހުރީ ޢަމަލުވެފައެވެ. ނާޝް އަށް ސީދާ އެއީ ކޮން ވަހެއްކަން ނޭނގުނު ނަމަވެސް، އައިހަމް ހުރީ މަސްތުގެ ހާލަތުގައިކަން ނާޝްއަށް އެނގުނެވެ. އެއީ ނާޝްއަށް ދުވަހަކުވެސް ފެނިފައި ނުވާ މަންޒަރެކެވެ. ނަމަވެސް ބައެއް ފަހަރު އައިހަމް މަސްތުވާތަކެތި ބޭނުން ކުރާކަމާއި މެދު ޝައްކުވެއެވެ. އައިހަމް ހުރި ގޮތް ފެނިފައި ނާޝްއަށް ރޮވުނެވެ. ނާޝް ރޯތަން ފެނިފައި އައިހަމް އައީ އަލިފާން ކަހަަލަ ރުޅިއެކެވެ.

އައިހަމް، ކޮޓަރިތެރޭގައި ހުރި އެއްޗެހި ހިއްކަން ގެންގުޅޭ ދަޑިގަނޑު ނަގާފައި ނާޝްގެ ބުރަކަށީގައި ޖެހިއެވެ. އަދި ބޮލުގައި ހިފައި، ވަރަށް އިހާނެތި ގޮތަކަށް ގައިގައި ހުރި އަންނައުނުތައް ބޭލިއެވެ. އެރޭ އައިހަމް ، ނާޝް އާއި ކައިރިވީ ސިންގާއެއް އޭތީގެ ކާނާ ޝިކާރަ ކުރާ އުސޫލުންނެވެ. ނާޝްއަށް އެކިވަރުގެ އަނިޔާތައް ދިޔައީ ލިބެމުންނެވެ. ސަލާމަތަށް އެދި ގޮވިއަސް ސަލާމަތްކޮށްދޭނެ މީހަކު ނެތެވެ. ހެނދުނު އިރުއެރި އިރުވެސް ނާޝް އޮތީ ނުނިދިފައެވެ. އޭނާގެ ގައިގައި ހިރިލާނެ ވަރުވެސް ނެތެވެ. އޭރު އައިހަމް އޮތީ ގަދަޔަށް ނިދާފައެވެ. ދަޑިވަޅު ބަލައި، ހިތްވަރުކޮށްފައި ނާޝް އެދުން ތެދުވިއެވެ. އަދި އެއްޗެހި ލައިގެން އެ ގެއިން ނިކުތެވެ. ނާޝް ނިކުމެގެން ދިޔައީ އޭނާގެ ސްކޫލު ރައްޓެއްސެއްގެ ގެއަށެވެ. އައިފާއަށް، ނާޝް ހުރިގޮތް ފެނިފައި ކަމެއް ވަރަށް ގޯސްވެއްޖެ ކަން ޔަގީންކުރެވުނެވެ. ނާޝް އައިފާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެވަރުވެގެން ދިިޔައިރުވެސް ނާޝް ޢާއިލާގެ މީހެއްްގެ ގާތު އަދި ރައްޓެއްސެއްގެ ގާތުވެސް އެއިން އެއްވެސް ކަމެއް ހިއްސާއެއް ނުކުރީތީ އައިފާއަށް ވެސް ރޮވުނެވެ.

އައިފާ ވަގުތުން ރަށުގައި ތިބި ނާޝްގެ މަންމައާއި ބައްޕައަށް ގުޅިއެވެ. ސަމީރަށް ލޯންޗުން ޖާގަ ލިބުނީ އޭގެ އެއް ދުވަސް ފަހުންނެވެ. ސަމީރުއާއެކު ހައްވަވެސް މާލެއައެވެ. އެމީހުންގެ ދަރިފުޅު ފެނުމާއެކު ހައްވަ އަޑުން އަޑު ނަަގައި ރޮއެގަތެވެ. ނާޝްގެ މޫނުގައި ހުރި ޒަހަމްތައް ފެނިފައެވެ. ނާޝް އޭނާގެ މައިންބަފައިންނަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަދި އައިހަމް ގާތުން ވަރިވާން ބޭނުންވާ ކަމުގައި ބުންޏެވެ. "ދަރިފުޅާ ބައްޕައަށް ކޮންމެވެސް ވަރަކަށް އައިހަމްގެ ޚަބަރުތައް ލިބިފަ އޮތީ. އައިހަމްއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއް. މަދުން ނަމަވެސް އެ ބޭނުންވެސް ކުރާ މީހެއް. އެ ޢާއިލާއަކީ ވެސް ވިޔާާދާ ބައެއް އުޅޭ ޢާއިލާއެއް ނޫން. އެކަމަކު މިކަންކަން ބައްޕައަށް އެނގުނުއިރު ދަރިފުޅުމެންގެ ކައިވެންޏަށް އޮތީ ވަރަށް ދުވަސްވެފައި. އެހެންވެ ބަައްޕަ ހުރީ ހަދާނެ ގޮތް ހުސްވެފަ. ދަރިފުޅާ ކުށްވެރިއަކީ ބައްޕަ." ސަމީރު ރޮއިގަނެފައި ނާޝް ގައިގައި ބައްދާލިއެވެ. ނަމަވެސް އޭގައި ސަމީރުގެ ކުށެއް ނެތް ކަމަށް ނާޝް ދިޔައީ ބުނަމުންނެވެ.

ސަމީރު އާއި ހައްވަ ވަގުތުން ނާޝް ގޮވައިގެން ރަށަށް ދާން ފުރިއެވެ. ނާޝް ދުވަސްކޮޅަކަށް ކޯސް މެދުކަނޑާލިއެވެ. ސަމީރު އެދުނީ ވަރީގެ ކަންކަން ޞުލްޙަވެރިކަމާއެކު ނިންމައި ދިނުމަށެވެ. ނޫނީ އޭނާގެ ދަރިފުޅަށް ގެވެށި އަނިޔާ ކުރި ކަމުގެ ދަޢުވާ ކުރާނެ ކަމުގެ އިންޒާރު ސަމީރު، އައިހަމަށް ދިނެވެ. ސަމީރު ބުނިގޮތަށް އައިހަމް ވަރީގެ ކަންކަން ޞުލްޙަވެރިކަމާއެކު ނިންމައިދިނެވެ. ނާޝް ރަށަށް ދިޔަފަހުން އައިހަމް އެންމެ ފަހަރަކުވެސް ނާޝްއަށް ގުޅާނުލައެވެ. އެ ހިސާބުން ނާޝް ދެން ދުވަހަކުވެސް މާލެއަށް ނުދާން ނިންމިއެވެ. އަދި ރަށުގައި ހުރެގެން އޮންލައިންކޮށް ކިޔެވޭގޮތަށް ޓީޗިން ކޯސް ފުރިހަމަ ކުރިއެވެ. ދިރިއުޅުމުގައި ހިތި ތަޖުރިބާއެއް ކުރަންޖެހުނު ނާޝް އަކީ މިއަދު އޭނާގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިގެން ހުރި މޮޅު ޓީޗަރެކެވެ. އޭނާއަށްވެސް އަދި އޭނާދެކެ ޙަޤީޤީ ލޯބިވާނެ މީހެއް ލިބޭނެކަމަށް ދިޔައީ އުއްމީދުކުރަމުންނެވެ. ނަަމަވެސް ދެން އެހާ އަވަހަށް ކައިވެންޏެއް ނުކުރުމަށް ނާޝް ނިންމިއެވެ. މިހާރު ނާޝްގެ ދިރިއުޅުން ވަރަށް އުފާވެރިއެވެ. ހަޔާތުގައި ނެގި ބޮޑު ރާޅު އެއްކޮށް ހިނދި އެންމެފަހުން އޭނާގެ ހުވަފެންތަކުގައި ކުލަޖެހުމުންނެވެ. 

Advertisement

ކޮމެންޓް