އެމްޑީޕީއަށް ރައްޔިތުންގެ 50 އިންސައްތަ ތާއީދެއްވެސް ނެތް: ޠާރިޤު

20 Apr 2021 | 14:37

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާއިން އެނގި ހާމަވަނީ، ވެރިކަން ކުރާ މައި ޕާޓީ (އެމްޑީޕީ)އަށް ރައްޔިތުންގެ 50 އިންސައްތަ މީހުންވެސް ތާއީދު ނުކުރާކަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

ޓޮމް މިހެން ވިދާޅުވީ ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާއިން ދައްކުވައިދޭ ސިޔާސީ ހިސާބު ކަމަށް އެބޭފުޅާއަށް ފެނިވަޑައިގަންނަވާ ހިސާބުތައް ހިއްސާ ކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޓޮމް ވިދާޅުވީ، 2023 ގައި އެމްޑީޕީއަށް ރައްޔިތުންގެ ފުރިހަމަ ތާއީދު ނުލިބޭނެކަން ޔަޤީން ކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުނުކޮށް، އެމްޑީޕީއަށް ވެރިކަން ކުރުމުގެ ބާރުމަތީގައި ދެމިހުރެވެން ނެތް ކަމަށްވެސް ޓޮމް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބޮޑު ބަދަލެއް އައިކަން އެނގޭ ކަމަށް ސިޔާސީ މަސްރަޙު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެއެވެ. އެގޮތުން އެމްޑީޕީއަށް އަބަދުވެސް އަޣުލަބިއްޔަތު އޮންނަ މާލެ ސިޓީގެ ގިނަ ބަޔަކު އެޕާޓީއަށް ވޯޓުދޭން ނުކުމެފައިނުވުމާއިއެކު، މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމްއަށް ފުރަތަމަ ފަަހަރަށް، މިފަހަރުގެ އިންތިޚާބުގައި ވަނީ ލިބިފައެވެ. 

Advertisement

ކޮމެންޓް