ފަލަސްތީނާއި ގުޅޭގޮތުން މިނިސްޓަރ ޝާހިދު އދ.ގައި މިރޭ ތަގުރީރުކުރައްވަނީ

20 May 2021 | 15:11

މިރޭ އޮންނަ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން، ފަލަސްތީނުގެ ހާލަތާއި ބެހޭގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވާގޮތަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ފަލަސްތީނުގެ މައްސަލައާއި މެދުއިރުމަތީގެ ހާލަތާއި ގުޅޭގޮތުން މިރޭ ބާއްވާ އދ.ގެ އާންމު މަޖިލީހުގެ ބަހުސްގައި މިނިސްޓަރ ޝާހިދު ބައިވެރިވެ ވަޑައިގަންނަވާނެކަމަށެވެ. މި ސެޝަން ފަށާނީ ރާއްޖެ ގަޑިން މިރޭ ހަތެއް ޖަހާއިރުގައެވެ. ފޮރިން މިނިސްޓަރ ޝާހިދުގެ ވާހަކަފުޅު ރާއްޖޭގެ ޓީވީތަކުން ދުރަށް ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.

ފަލަސްތީނާއި ގުޅޭގޮތުން ދާދިފަހުން ބޭއްވި އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައިވެސް ޝާހިދު ވަނީ ފަލަސްތީނުގެ މައްސަލައާއި ގުޅޭގޮތުން ދިވެހިރާއްޖެއިން ދެކޭގޮތް ހާމަކުރައްވާފައެވެ. އޯއައިސީގެ ޚާއްސަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ފަލަސްތީނުގެ އަޚުންނާއި އުޚުތުން މިނިވަންކަމާއި އަމާންކަމަށް މަސައްކަތްކުރާތާ 70 އަހަރު ވެފައިވާކަމަށެވެ. އަދި އެ ބޮޑު ނާއިންސާފު ދެކެންޖެހޭނީ ކިތައް އަހަރުވަންދެންތޯ ސުވާލު އުފައްދަވައި، އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު އިތުރަށް ވިދާޅުވީ އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ޣައްޒާ އަދި އިރުމަތީ ގުދުސްގައި ފަލަސްތީނުގެ ރައްޔިތުންނަށް ދީފައިވާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށާއި، މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއިވެސް ޚިލާފް ކަންތައްތަކެއް ކަމަށެވެ.

އިޒްރޭލު-ފަލަސްތީނުގެ ހަމަނުޖެހުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދަނީ 1967ވަނަ އަހަރު ކަނޑައެޅުނު ބޯޑަރުތަކާއި އެއްގޮތަށް ފަލަސްތީނުގެ ވެރިރަށެއްގެ ގޮތުގައި އިރުމަތީ ގުދުސް އޮންނަ، "ޓޫ ސްޓޭޓް ސޮލިއުޝަން"އަކަށެވެ. މިދިޔަ ހޯމަދުވަހުން ފެށިގެން އިޒްރޭލުގެ ސިފައިން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންގެންދާއިރު، ދިވެހިރާއްޖެއަށް އިޒްރޭލުގެ ފަތުރުވެރިން އައުން މިހާތަނަށް މަނާކޮށްފައި ނުވުމާއި ގުޅިގެން ގިނަބަޔަކު ދަނީ މީސް މީޑިޔާގައި ނުރުހުން ފާޅުކުރަމުންނެވެ.

Advertisement

ކޮމެންޓް