މަހްލޫފްގެ މައްސަލަ އަނބުރާ ފޮނުވައެއް ނުލަން: ޕީޖީ އޮފީސް

19 Jun 2021 | 10:19

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަޕް ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްހެ އޮފީހަށް ފޮނުވާފައިވާ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލާފައިވާ ކަމަށް ބުނާ ވާހަކަތައް އެ އޮފީހުން ދޮގުކޮށްފިއެވެ.

މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށްފަހު އޭސީސީން، ދައުވާ ކުރުމަށް ފޮނުވިއިރު ތަހުގީގުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލާފައިހުރި ކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ.

އެގޮތުން، ހެކި ބަސް ނަގާފައިވަނީ ގާނޫގާއި ޚިލާފަށް ކަމަށްވުމާއި، ގަރީނާގެ ގޮތުގައި ހުށަހަޅާފައިވާ ޗެޓްލޮގްތަކެއްގެ ޗެއިން އޮފް ކަސްޓަޑީ ނެތުންފަދަ ކަންތައްތައް ހުރިކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

މިމައްސަލައާއި ގުޅިގެން ޕީޖީ އޮފީހުން ވިދާޅުވީ، މައްސަލަ އަނބުރާ ފޮނުވާ ނުލާކަމަށާއި، ނަމަވެސް އިތުރު ބައެއް ލިޔެކިޔުންތައް ބޭނުންވާތީ، އެތަކެތި ހުށަހެޅުމަށް އެދިފައި ވާކަމަށެވެ. އަދި ކުރިން އިސްލާހު ކުރުމަށް އެ އޮފީހުން އެދުނު ބައެއް ކަންކަން އިސްލާހު ކުރުމަށް ވެސް އެދިފައިވާކަމަށް އެއޮފީހުން ވިދާޅުވިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރު.ސީ) ގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަޙުޤީޤުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަޚުލޫފަށް ލިބިފައިވާކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަޚްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33،000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަޙްމަދު މަޚުލޫފް އަށް ލިބިފައިވާކަން ތަޙްޤީޤުން އެނގޭކަމަށެވެ. އެގޮތުން، އެ ބިލު ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި އަޙްމަދު މަޚްލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށްކަމާއި، ރައްޔިތުންގެ މަޖިލީހުގައި އަޙްމަދު މަޚްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސް.އޯ.އެފްގެ ޗެކަކުން އަޙްމަދު މަޚުލޫފުގެ އެކައުންޓަށް 33،000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙްޤީޤުން އެނގޭކަމަށެވެ. 

Advertisement

ކޮމެންޓް