ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ހަޤީޤީ މަޤްޞަދު ގެއްލި މަގުއޮޅުނީބާ
ވަޒީފާއާބެހޭ ޓްރައިބިއުނަލްއަކީ ޤާނޫނު އަސާސީއާއި ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ރައްޔިތުންގެ ވަޒީފާއާގުޅޭގެ ޙައްޤުތައް ކަށަވަރުކޮށްދީ އަދި އެންމެހައި މަސައްކަތްތެރީންނާއި ވަޒީފާދޭ ފަރާތްތަކެއްގެ ވާޖިބުތަކާއި ޙައްޤުތައް ހިމާޔަތްކޮށް އިންސާފު ޤާއިމްކުރުމަށްޓަކައި ވަކި ދާއިރާއަކަށް ޚާއްޞަކުރެވިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި އުފެދުނު މުއައްސަސާއެވެ. ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލް ހިނގަމުން އަންނަ ގޮތަށް ބަލާއިރު ވަކި ދާއިރާއަކަށް ޚާއްޞަކުރެވިގެން ޤާއިމުކުރެވިފައިވާ މުއައްސަސާ އެއް ހުރުމުން ހާސިލުކުރަން ބޭނުންވާ މަގުސަދު ހާސިލުވޭތޯއާމެދު ސުވާލުއުފެދެއެވެ.
ފެށުނީއްސުރެ ޝަރުޢީ ކޯޓުތަކުން މަދަނީ އެހެނިހެން މައްސަލަތައްވެސް ބަލަމުން އަންނަފަދައިން ވަޒީފާގެ މައްސަލަތައް ބަލަމުން އަންނަނިކޮށް 2008 ވަނައަހަރުތެރޭގައި ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމަށް ގެނެވުނު ބޮޑެތި އިންގިލާބީ ބަދަލުތަކުގެ ތެރެއިން، ވަޒީފާގެ މައްސަލަތަކަކީ ޢާންމު މަދަނީ މައްސަލަތަކަށްވުރެ ވަޒީފާގެ ނާޒުކު ގުޅުމުގެތެރެއިން އުފެދޭ ޚައްޞާޞީ މައްސަލަތަކެއް ކަމުން، އެބާވަތުގެ މައްސަލަތަކަށް އިންސާފު ޤާއިމުކުރުމުގައި ކޯޓުތަކުން ޢަމަލުކުރާ އުޞޫލުތަކަށްވުރެ ދާއިރާއަށް ޚާއްޞަ ނިޒާމީ އޮނިގަނޑެއް އޮތުން މުހިންމުކަމަށް ދިވެހި ސަރުކާރަށާއި އަދި ރާއްޖެ ގަބޫލުކުރާ ބައިނަލް އަގްވާމީ އިދާރާތަކަށް ގަބޫލުކުރެވުނެވެ.
އެހެންކަމުން އިންޓަރނޭޝަނަލް ލޭބަރ އޯރގަނައިޒޭޝަންގެ ޚާއްޞަ އެހީތެރިކަމާއެކު ވަޒީފާއާބެހޭ ޤާނޫނު ތަސްދީގުކުރެވުމާ ގުޅިގެން، އެދާއިރާއަށް އަލަށް ތަޢާރަފްކުރެވުނު ޚާއްޞަ ކަމެއްގޮތުގައި 2008 ވަނައަހަރުގެ ޑިސެމްބަރު މަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ވަޒީފާއާބެހޭ ޓްރައިބިއުނަލް އުފެއްދެވިއެވެ.
ނަމަވެސް މި މުހިންމު މަޤްޞަދު ހާސިލުވާ މިންވަރު މި ފަހަކަށް އައިސް ދުވަހުން ދުވަހަށް ދަށަށްގޮސް، އޭގެ 13 ވަރަކަށް އަހަރު ފަހުން ޖަނަވަރީ 2022 ގައި ޢަމަލުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޢާންމުކޮށްފައިވާ ގަވާއިދަށް ބަލާލާއިރު، ޓްރައިބިއުނަލުން މައްސަލަބަލާގޮތާއި ޝަރުޢީ ކޯޓުތަކުން މައްސަލަ ބެލުމުގައި ޢަމަލުކުރާ ގޮތްތަކާއި އެންމެހައި އިޖުރާއަތްތައް އެއްގޮތްވެގެންގޮސް ޓްރައިބިއުނަލެކޭ ޝަރުޢީ ކޯޓެކޭ ތަފާތެއް ނެތްމިންވަރަށް އެއްގޮތް ސިފަތަކެއް އެކުލެވިގެންވާކަމީ ޓްރައިބިއުނަލް އުފެދުނު މަގްސަދު ހާސިލުކުރުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ބޭނުމަކީ ވަޒީފާގެ މާޙައުލުގައި ވަޒީފާދޭ ފަރާތާއި ވަޒީފާއަދާ ކުރާ ފަރާތާ ދެމެދު އުފެދޭ މައްސަލަތައް ޢަދުލުވެރިކަމާއެކު ވީހާވެސް އަވަހަށް ބަލައި ލުއިފަސޭހަ ގޮތްތަކެއްގެ ތެރެއިން ވަޒީފާގެ މައްސަލަތަކަށް ޙައްލު ހޯދައިދޭންޖެހޭ އިދާރާކަމާއި، އަދި ވަޒީފާގެ މައްސަލަތައް ބެލުމުގައި ޚާއްޞަ އުސޫލުތަކެއް ހުރުން މުހިންމުކަމަށްވާތީ ވަޒީފާއާބެހޭ ޤާނޫނުގެ ތަރައިހައިގައި ހިމެނޭ އެންމެހައި މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ ފުރިހަމަ ބާރާއި އިޚްތިޞާޞް ހަމައެކަނި ލިބޭފަރާތަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްކަމަށް ކަނޑައަޅައި، އަދި ޓްރައިބިއުނަލުގެ ނިންމުންތައް ތަންފީޒުކުރުމުގައިވެސް ޓްރައިބިއުނަލުގެ ދައުރު ފުޅާކޮށް ރާއްޖޭގެ ލޭބަރ ދާއިރާ ހަރުދަނާކޮށް ޢަދުލު އިންސާފު ކަށަވަރުކޮށްދިނުމުގެ މުހިންމު މަޤްޞަދުގައި ރައްޔިތުންގެ މަޖިލީހުން 2020 ވަނައަހަރު ވަޒީފާއާބެހޭ ޤާނޫނަށް ގެނެވެނު 6 ވަނަ އިޞްލާޙްގެތެރެއިން ޓްރައިބިއުނަލުގެ އިޚްތިޞާޞް އިތުރަށް ފުޅާކުރިނަމަވެސް، ޓްރައިބިއުނަލުގެ އައު ގަވާއިދަށް ބަލާލާއިރު ފެންނަނީ ކޮންމެހެން ބޭނުންނުވާ ޒާތުގެ އަބުއި އުސޫލުތައް ތަޢާރަފްކޮށް، މައްސަލަ ބެލުމުގެ މަރުޙަލާ ދިގުދެމި، ބީރަށްޓެހި އިދާރީ އިޖުރާއަތްތަކެއް ގިނަވުމުގެ ސަބަބުން މީހަކު ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅުމަށްވުރެ ހުށަނާޅާނެ ގޮތަކަށް ގަވާއިދު ހެދިފައިވާތަނެވެ.
ޓްރައިބިއުނަލުގެ ޙަޤީޤީ މަޤްސަދަކީ ޝަރުޢީ ކޯޓުތަކުގައި ޢަމަލުކުރާ އުސޫލުތަކަށްވުރެ ލުއި ނިޒާމެއްގެ ތެރެއިން ވަޒީފާގެ މައްސަލަތަކަށް އިންސާފު ލިބުންކަމުގައިވާއިރު، އަދި މިހާރު ޝަރުޢީ ނިޒާމުގެތެރެއިންވެސް ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ރޫޙުގައި ލުއިފަސޭހަގޮތްތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތަޢާރަފްކުރަމުން އަންނަ ދުވަސްވަރެއްގައި، ކޯޓަކަށްވެސް ނުވާ ޓްރައިބިއުނަލްއަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި ވިސްނުން ހުރިގޮތަކީ އިންސާފު ލިބުމަށް އޮތް ހުރަހެއްކަމަށް ބެލެވެން ފަށައިފިއެވެ.
އެހެންކަމުން، ކޯޓުތަކުން ލިބެމުން އަންނަ ޚިދުމަތާ ދާދި އެއްގޮތް ޚިދުމަތެއް ދިނުމަށް ވަކި ޚާއްޞަނަމެއް ކިޔައިގެން ދައުލަތުގެ މާލުން ޚަރަދުކުރަން ވަކި އިދާރާއެއް އޮތުމުގެ ބޭނުމެއް ނެތްކަމުން، މިއީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ވިސްނައި ފިޔަވަޅު އަޅަންޖެހޭ ކަމެއްކަމަށް ދެކެމެވެ.
ޓްރައިބިއުނަލުން 2022 ވަނައަހަރު ޢަމަލުކުރަން ފެށި ގަވާއިދުގައި ތަޢާރަފްކޮށްފައިވަނީ ޓްރައިބިއުނަލެއް ފަދަ ޚިދުމަތެއް ދޭންޖެހޭ އިދާރާއަކުން ޢަމަލުކުރަން ހެޔޮވާވަރުގެ އުސޫލުތަކެއްތޯއެވެ.
މިގޮތުން 'ރިސެސް' ގެ ނަމުގައި ޢާންމުކޮށް ޙިދުމަތް ދިނުން 2 މަހާ ގާތްކުރާ މުއްދަތަކަށް މެދުކެނޑުމާއި، މައްސަލައެއް ރަޖިސްޓްރީ ކުރަން ބަންދު ދުވަސްތައް ނުލައި 14 ދުވަހުގެ ދިގު މުއްދަތެއް ކަނޑައެޅުމާއި، އަދި ފޯމު އިސްލާޙްކުރަންޖެހޭ ޙާލަތްތަކުގައި 14 ދުވަހަށްވުރެ ވެސް ގިނަ ދުވަސް ނެގުމާއި، މައްސަލައަކާ ގުޅޭ މަޢްލޫމާތު ހޯދުންފަދަ އެއްކަންތައްތަކެއް ކުރަން އިބްތިދާއީ ބައްދަލުވުމާއި ' ކޮންސިލިއޭޝަން' މަރުޙަލާތަކެއް ހިމަނާފައިވާއިރު އާޚިރު ނަތީޖާއަކީ މައްސަލަ ބެލުމާއި ކުރިއަށް ގެންދިއުން ލަސްވުންކަމާއި، އަދި ޚަރަދު ބޮޑުގޮތަކަށް ލިޔެކިޔުން ބެލެހެއްޓުމުގެ ނިޒާމު އެކުލެވިގެންވުމީ، އޭގެ ސަބަބުން ލިބޭ ފައިދާއަށްވުރެ ގިއުޅު ދިގުވެ ހުށަހަޅާ މައްސަލައަކުން އެދޭ ގޮތުގެ މުޢާލާތް ގެއްލި އިންސާފުން މަޙްރޫމްވުމަށް މަގުފަހިވާ ކަންކަމެވެ.