ހުޅުމާލޭ ޓްރޭޑް މާކެޓް ބާއްވަނީ ވިޔަފާރިވެރިންގެ ޖަމްއިއްޔާއަކުން ނޫން!

18 Feb 2019 | 17:29

އަންނަ މާރޗް މަހުގެ 26 ހުން ފެށިގެން އެޕްރީލް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ ޓްރޭޑް މާކެޓް އިންތިޒާމްކުރަނީ ވިޔަފާރިވެރިންގެ ޖަމްއިއްޔާއިން ނޫންކަމަށް އެ އިވެންޓް އިންތިޒާމްކުރާ ސްޓްރައިވް އިވެންޓްސް އެންޑް އެންޓަޓައިންމެންޓްއިން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނެފައި ވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ.

ސްޓްރައިވް އިވެންޓްސް އެންޑް އެންޓަޓައިންމެންޓުން ބުނީ އެ އިވެންްޓަކީ ވިޔަފާރިވެރިންގެ ޖަމްއިއްޔާއިން ބާއްވާ އިވެންޓްއެއްކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ އޮޅުމަކުންކަމަށެވެ.

އެހެންކަމުން އެ މާކެޓްގައި ބައިވެރިވުމަށް ވިޔަފާރިވެރިންގެ ޖަމްެއިއްޔާއަށް ނުގުޅުމަށް އެކުންފުނިން ވަނީ އެދިފައެވެ.

މީގެ އިތުރުން މި ނައިޓް މާކެޓްގައި ބައިވެރިވުމާ، އަދި ގުޅޭ ހުރިހާ ކަމެއް ކުރާނީ މި މާކެޓް އިންތިޒާމްކުރަމުން އަންނަ ސްޓްރައިވް އިވެންޓްސް އެންޑް އެންޓަޓައިންމެންޓްއިން ބުނެފައިވެއެވެ.

އަދި މި އޮޅުމާއި ގުޅިގެން ދަތިތަކާއި ކުރިމަތިލާންޖެހުނު އެންމެހާ ފަރާތްތަކުގެ ކިބައިން މައާފަށް އެދޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެ ފެއާގައި އެކި ބާވަތްތަކުގެ ވިޔަފާރި ސްޓޯލްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަށްވެސް ކުރިއަށް ދާނެ ކަމަށް ފެއާ އިންތިޒާމް ކުރާ ފަރާތުން ބުނެފައިވެއެވެ. އަދި އެހަރަކާތް ތަކުގެ އިތުރުން ރައްޔިތުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އެ ފެއާގައި ހަރަކާތްތެރިވާނެ ކަމަށް ސްޓްރައިވުން ބުނެފައިވެއެވެ.

ސްޓްރައިވް އިވެންޓްސް އެންޑް އެންޓަރޓައިން މެންޓުން ބުނެފައިވަނީ އެފަދަ ހަރަކާތެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އަގުހެޔޮކޮށް ވިޔަފާރި ކުރުމަށް ފުރުސަތު ހޯދައިދިނުމުގެ އިތުރުން ރޯދަމަހަށް ޚާއްސަ ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

ސްޓްރައިވުން ބުނެފައިވަނީ އެ ފެއާއިން ލިބޭ ފައިސާގެ ތެރެއިން ބައެއް ހަދިޔާ ކުރުމަށް ނިންމާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވާ ޖަމިއްޔާތަކަށްކަމަށެވެ. އެ ފެއާގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލާފައިވާއިރު އެކަމަށް ބޭނުންވާ ފޯމާއި އިތުރު މައުލޫމާތު ސްޓްރައިވް އިވެންޓްސް އެންޑް މެނޭޖްމަންޓްގެ ފޭސްބްކު ފޭޖުން ލިބެން ހުންނާނެ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ. މި އިވެންޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 9689913/9180967އަށް ގުޅުމަށް އެކުންފުނިން އެދެއެވެ.

Advertisement

ކޮމެންޓް