ނަޝީދުގެ ވާހަކަ - މިގަރުނުގެ ޖޯކް

06 Mar 2019 | 19:17

އަވަށްޓެރި އިންޑިޔާއާއި ޕާކިސްތާނާއި ދެމެދު ހިގަމުންދާ އަރާރުންތަކުގެތެރެއަށް އަވަށްޓެރި އެއްވެސް ގައުމެއްގެ ލީޑަރަކު ވަދެ ފާއިތުވިތަނުގައި ބަސްބުނެހަދާފައިނުވެއެވެ. ކަޝްމީރުގެ މައްސަލާގައިވާ އެތަނުގެ ރައްޔިތުންނަށް ބާރުތަކެއް ދިނުމަށް ގޮވާލާފައިވާ އދގެ ގަރާރެއް އޮވެއެވެ. އެކަމަކު ސަރަހައްދުގެ އެހެން އެއްވެސް ގައުމަކުން އެކަމުގެތެރެއަކަށް ނުވަދެއެވެ.

އިއްޔެ ދިވެހި ރާއްޖޭގައި ވެރިކަންކުރައްވާފައި އަދި މިއަދު ވެރިކަމަށް އަލުން ވަޑައިގެންނެވުމަށް އެކިގޮތްގޮތަށް މަސައްކަތްކުރައްވަމުންގެންދަވާ ރައީސް މުހައްމަދު ނަޝީދު އެއައިސްގަނޑު ކަނޑުއްވައި ރައީސް މައުމޫން ވިދާޅުވެފައި އޮންނަ މަޝްހޫރު ވާހަކަފުޅެއްކަމަށްވާ ތޮށިގަނޑު ފަޅާލާފައި ނުކުތުމާއި ހަމައަށެވެ. ނަޝީދު ތޮށިގަނޑުފަޅުއްވައި ދުނިޔޭގެ ހުރިހައި ބިތަކަށް އަޑުއިވޭވަރަށް އެގޮވައިލެއްވީ ޕާކިސްތާނުގެ އެތެރޭގައިވާކަމަށް އިންޑިޔާއިންބުނާ ޓެރަރިސްޓް ގްރޫޕްތައް ނައްތައިނުލެވެނީހެއް ސަރަހައްދަށް ހަމަޖެހުމެއް ނެތްކަމަށެވެ. އާއްމުގޮތެއްގައި ޕާކިސްތާނުން ޓެރަރިޒަމަށް ވާގިވެރިވާކަމާއި ޕާކިސްތާނުގެ ޓެރަރިސްޓް ގްރޫޕްތަކޭ ބުނާބަޔަކީ އިންޑިޔާގެ ހަރުކަށި ހައްދުފަހަނައަޅާފައިވާ ހިންދޫންނާއި ނޭޝަނަލިސްޓުންނެވެ. އަދި އިންޑިޔާގެ މައުތުޕީސްކަމުގައިވާ މީޑިއާއެވެ. އާއްމުގޮތެއްގައި އެމެރިކާއިންވެސް މަދުފަހަރެއްގައިމެނުވީ އެއްޗެކޭ ނުބުނާނެއެވެ. މިހާރުގެ ރައީސް ޓްރަމްޕް ފިޔަވައެވެ. އޭނާގެ ސިކުނޑީގެ ހާލަތުގެ ވާހަކަ އެމެރިކާގެ މީޑިއާއިން ކިޔައެވެ.

މުހައްމަދު ނަޝީދުގެ ވާހަކަފުޅަކީ އިންޑީޔާގެ މީޑިއާތަކާއި ހުޅަނގުގެ ބައެއް މީޑިއާތަކުން މައުލޫމާތު ނަގާ ބަޔަކަށް ތެދު ހަގީގަތެއްކަމަށް ހީވެދާނެއެވެ. އެކަމަކު އެއީ ވަރަށް ބޮޑު އޮޅުވައިލުމެކެވެ. މުހައްމަދު ނަޝީދުވެސް އެކުރެއްވީ އޭނާ ފޮލޯކުރާ ދިވެހި ރައްޔިތުންނަށް އޮޅުވައިލެއްވުންނޫންކަމަކަށް ނުވާނެއެވެ.

އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ހިގާފައިވާ ހަނގުރާމަތަކާއި ކަޝްމީރުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ދުނިޔޭގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދޭތެރެދޭތެރެއިން ވަރަށް ބޮޑަށް ދުނިޔޭގެ ސަމާލުކަމަކަށް ގެނެއެވެ. ފަލަސްތީނުގެ ކުޑަކުއްޖަކު އިސްރާއީލު ސިފައިންނާ ދިމާލަށް ކުޑަކުޑަ އޮއްގާކޮޅެއް އެއްލާލިޔަސް ބަޑިޖަހައި މަރާފަދައިން ކަޝްމީރުގައިވެސް ކުށެއްނެތް އާއްމުންގެތެރެއަށް ބަޑިޖަހައި މީހުންމަރާހެދުމާއި މީހުންގެ ގެދޮރު ސުންނާފަތިކޮށް އެތަނުގެ ރަށްވެހިން ބޭރުކޮށް މާދުރުދުރުން މީހުންގެނެސް ވަޒަންވެރިކޮށް އެއީ ތިމާމެންގެ އަމިއްލަ ކޮމިއުނިޓީއެއްކަމަށް ދައްކަން ހިންގާ ހަރަކާތްތަކާއި ދެކޮޅަށް ކަޝްމީރުގެ ރައްޔިތުން ނުކުމެ ދެކޮޅުވެރިކަން ފާޅުކުރެއެވެ. އަމިއްލަ ދަރިންނާ އާއިލާ މަރާލީމާ އަދި އަމިއްލަގެދޮރު ހަލާކުކޮށްލީމާ އެއުފެދޭ ރުޅިވެރިކަން ހައްދުފަހަނައަޅައިގޮސް މީހުން ހަތިޔާރުގައި ހިފައި އެމީހުންގެ އަމިއްލަ ހައްގުގައި ތެދުވުމުން މިއަދުވެފައިވަނީ ޓެރަރިސްޓުންނަށެވެ. އިންޑިޔާ ސަރުކާރުން ތުހުމަތުކުރާގޮތުގައި ކަޝްމީރުގެ ޓެރަރިސްޓުންނަށް ޕާކިސްތާން ސަރުކާރުން މަދުދެއެވެ.

މިފަދަ ހަރަކާތްތަކެއް ޕާކިސްތާނުގެ ބަލޫޗިސްތާނުގައިވެސް ހިގައެވެ. ބަލޫޗިސްތާނު ސަރަހައްދުގައި ދިރިއުޅޭ މީހުން ދެކެނީ އެސަރަހައްދުގެ މުއްސަނދިކަން ބޭނުންކުރާއިރު ޕާކިސްތާނު ސަރުކާރުން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެއްވެސް އެހީތެރިކަމެއް ނުދޭކަމަށެވެ. އެހެންވެ ހަތިޔާރު އުފުލައިގެން އެމީހުންވެސް އަމިއްލަ މިނިވަންކަމެއް ހޯދަން ހަރަކާތްތެރިވެއެވެ. ހަމައެބުނާ ޓެރަރިސްޓު ޖަމާއަތްތަކެއް އުފައްދައިގެންނެވެ. ޕާކިސްތާނުން ތުހުމަތުކުރާގޮތުގައި މިޖަމާއަތްތައް ޕާކިސްތާނު ސަރުކާރާއި ދެކޮޅަށް ހިންގާ ހަމަލާތަކަށް ވާގިވެރިވަނީ އިންޑިޔާއިންނެވެ.

މިފަދަ ވާދަވެރިކަމަކާ ދެކޮޅުވެރިކަމެއް އުފެދިފައި އޮތްކަމެއްގެތެރެއަށް ދިވެހި ރާއްޖޭގެ ވެރިކަންކުރި މީހަކު އަދި އޭނާގެ ނުފޫޒު މިއަދުގެ ސަރުކާރުގެ މައްޗަށް ވަރަށް ބޮޑަށް އޮންނަ ހިނދު ވަކިކޮޅަކަށްޖެހި ސްޓޭޓްމަންޓެއްދިނުމުން އެދައްކައިދެނީ ކޮންކަމެއްތޯއެވެ.

ކުއްލިއަކަށް އަޅުގަނޑު ހަނދާނަށްއައީ އަޅުގަނޑުކީ ފޮތްތަކުގެތެރެއިން ފޮތެކެވެ. އެފޮތުގައި ދިވެހި ރާއްޖޭގައި ފުރަތަމަ ޖުމްހޫރިއްޔާއެއް ހައްދަވައި ރައީސްކަންކުރެއްވި މުހައްމަދު އަމީން ދީދީ ދޫނިދޫގައި އޭނާ ހައްޔަރުކޮށްފައި ހުންނެވިއިރު އޭނާގެ ދަރިކނބަލުންނަށް ލިޔުއްވި ސިޓީއެއްގައިވާ އިބާރާތްކޮޅެކެވެ. " ލަވަހޮޅިތަކެކޭ އެމީހުންނެކޭ އެއްވެސް ތަފާތެއް ވޭހެއްޔެވެ. އިވެމުންދަނީ އަޅާދީފައިވާ އެއްޗެކެވެ. ގަލަމާއި ދުލުގެ ބޭނުންކުރަނީ އެފަހަރަކުތިބި ވެރީންގެ ބަޔަކު އުހައުވާނޭހާ ވާހަކައެކެވެ" ރައީސް މުހައްމަދު ނަޝީދު ދާދިފަހުން އިންޑިޔާއަށް ވަޑައިގެން އެގައުމުގެ ހަރުކަށި ބޮޑުވަޒީރު ނަރަންދުރަ މޯދީއާއި ބައްދަލުކުރެއްވިއެވެ. އެގައުމުގެ މަހުޖަނުންނާ ބައްދަލުކުރެއްވިއެވެ. ދެން މާލެވަޑައިގެން ޕާކިސްތާނަށް ފާޑުކިޔައިވާހަކަތަކެއްދައްކަން ފެށުމުން އަމީންދީދީގެ އެވާހަކަކޮޅުގެ ތެދުކަން ހިތަށް ނުގެނެވޭތޯއެވެ. އިވެނީ އަގަޔަށް އަޅާދީފައިވާ އެއްޗެކެވެ. އަމިއްލަ ސިކުނޑިއާއި ބުއްދި އިސްކުރުމެއްނެތިއެވެ. އަމިއްލަ ގައުމުގެ މަސްލަހަތަކީ ކިހާ އަގުހުރި އެއްޗެއްކަން ހަނދާން ނައްތާލާފައެވެ. އޭނާގެ ވާހަކައިން އިންޑީޔާގެ މީހުން ވަރަށް ތާރީފްގެ ބަސްތައް ނަޝީދަށް އެބަ އޮއްސައެވެ. އެއީ ކީއްވެގެންހެއްޔެވެ. ރައްޔިތުން އިންތިޚާބު ނުކުރިޔަސް ދިވެހި ރާއްޖެ ހިންގާ އަސްލު ޖަޒީރާ ރައީސަކީ ނަޝީދުކަމަށް އެމީހުން ދެކޭތީއެވެ. އެކަމަކު ވަރަށް ގިނަ ދިވެހިން ނަޝީދުގެ މި ވާހަކަތަކާއި ރުހޭކަމަކަށްނުވެއެވެ.

ދިވެހި ރާއްޖެކަހަލަ ގައުމެއްގެ ވެރިޔަކު އެހެން ގައުމެއްގެ ޚާއްސަކޮށް ޕާކިސްތާންކަހަލަ ބޮޑު ގައުމެއްގެ ދާޚިލީކަންކަމާއިބެހި ހެދުމަކީ އިންޑިޔާ މީހަކު ނަޝީދުގެ ސްޓޭޓަސްއަށް ރިޕްލައިކުރަމުން ލިޔެފައިވާގޮތަށް މިގަރުނުގެ ބޮޑު ޖޯކެވެ. ތިމާގެ ފެންވަރާއި ލަޔާގަތާއި ނުބައްދަލް މިންވަރަކަށް އަގަހުޅުވައި ބަސްބުނުމުން، މަލިކާއި ބެހޭގޮތުން އެއްޗެއް ވިދާޅުވެގެން އެއް ދުވަސްވަރެއްގައި އިންޑިޔާއިން ރައީސް މައުމޫންއަށް ކާޓޫން ކުރަހައި ތިއީ ދެން އަހަރެމެންނާދިމާއަށްއެއްޗެއް ބުނަން ކާކުހޭ ސިފަކޮށްފައިވާ ހަނދާނެއް ނުވޭތޯއެވެ.

Advertisement

ކޮމެންޓް