މެސީ އެނބުރި އާޖެންޓީނާ ސްކޮޑަށް

08 Mar 2019 | 06:05

2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްއަށް ފަހު ފުރަތަމަ ފަހަރަށް މެސީ އާޖެންޓީނާގެ ސްކޮޑުގައި ހިމަނައިފިއެވެ.

ނިމިދިޔަ ވޯލްޑް ކަޕްގެ ނޮކްއައުޓް ސްޓޭޖުގައި ފްރާންސް އަތުން އާޖެންޓީނާ ބަލިވި ފަހުން އެޓީމް ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ބާސެލޯނާއަށް ކުޅެމުން އަންނަ 31 އަހަރުގެ މެސީ ފެނިގެންގޮސްފައެއް ނުވެއެވެ.

މޮރޮކޯ އަދި ވެނެޒުއެލާއައި ދެކޮޅަށް އާޖެންޓީނާ ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗުތަކުގައި މެސީގެ އިތުރުން ވޯލްޑް ކަޕްއަށް ފަހު ފުރަތަމަ ފަހަރަށް ޑިމާރިއާވެސް ވަނީ ހިމަނާފައެވެ.

އާޖެންޓީނާއިން އެކުލަވާލި 31 މީހުން ސްކޮޑުގައި ޕްރިމިއަރ ލީގުގައި ކުޅެމުން އަންނަ ހަތަރު ކުޅުންތެރިން ހިމަނާފައިވާއިރު މަޝްހޫރު ފޯވަޑުން ކަމުގައިވާ އިންޓަ މިލާންގެ މައުރޯ އިކާޑީ، މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯ، އަދި ޗެލްސީއަށް ކުޅެމުން އަންނަ ގޮންޒާލޯ ހިގުއައިން ހިމަނާފަ ނުވާކަން ފާހަގަކޮށްލެވެއެވެ.

އާޖެންޓީނާ ޓީމުގެ ކެޕްޓަންވެސް ކުރަމުން އަންނަ މެސީވަނީ 2016 ވަނަ އަހަރު އޮތް ކޯޕާ އެމެރިކާ ފައިނަލުގައި ޗިލީ އަތުން ބަލިވުމުން ގައުމީ ޓީމުން ރިޓަޔާ ކޮށްފައެވެ. ނަމަވެސް މިކަން އިއުލާނު ކުރިތާ ދެމަސް ފަހުން މެސީވަނީ އޭނާ ނިންމި ނިންމުން އަނބުރާ ގެންދިޔަކަމަށް ބުނެ ގައުމީ ޓީމައި އަލުން ގުޅިފައެވެ.

Advertisement

ކޮމެންޓް