މޯލްޑިވިއަންގެ އަމާޒު: 2020 ހަމައަށް ޑޭޝް 8ގެ ކެޕްޓަނުންގެ 50 ޕަސެންޓް އަންހެނުން!

09 Mar 2019 | 13:44

2020 ވަނަ އަހަރު އަންނަން ވާއިރަށް ޤައުމީ އެއާލައިން "މޯލްޑިވިއަން"ގެ ޑޭޝް 8ގެ މަރުކާގެ މަތިންދާބޯޓު ދުއްވާ ކެޕްޓަނުންގެ ތެރެއިން 50 އިންސައްތައަކީ އަންހެނުން ކަމަށް ހެދުމަކީ އަމާޒެއް ކަމަށް އެ އެއާލައިނުން ހާމަކޮށްފިއެވެ.

"މޯލްޑިވިއަން" އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަނުގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވި ގޮތުގައި، 2 އަހަރު ފަހުން އަންހެން ކެޕްޓަނުންގެ އަދަދު 50 އިންސައްތަ އަށް އިތުރު ކުރުމަށް ކުންފުނިން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

"ވަރަށް ބައިވަރު ކަންތައްތަކެއް އިންޓާނަލީވެސް އަޅުގަނޑުމެން ކުރަމުން މިގެންދަނީ. އަންހެނުން ބާރުވެރިކުރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން މިދަނީ ކުރަމުން" އަންހެނުންގެ ދުވަހާއި ގުޅިގެން މީޑިޔާތަކަށް ދެއްވި ޚާއްސަ އިންޓަވިއު ގައި ޖެނިފާ ވިދާޅުވިއެވެ.

ޖެނިފާ އިތުރަށް ވިދާޅުވި ގޮތުގައި، މިންތީގެ ހަމަހަމަކަން ޤާއިމްކޮށް އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި، އެކުންފުނީގެ މަޤާމުތަކަށް ޤާބިލް ކޮންމެ އަންހެން ބޭފުޅަކަށްވެސް ކުންފުނިން މަރުހަބާ ކިޔާނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ގިނަ ފްލައިޓް އޮޕަރޭޓް ކުރާ މޯލްޑިވިއަންގެ ފްލީޓުގައި ޑޭޝް 8ގެ 10 މަތިންދާބޯޓު އޮވެއެވެ. އެ ކުންފުނީގައި މިހާރު މަސައްކަތް ކުރާ އަންހެން ކެޕްޓަނުންގެ އަދަދަކީ 24 އިންސައްތައެވެ.

Advertisement

ކޮމެންޓް