ސާބިއާއިން ޖަރުމަން ޓީމް ހިފަހައްޓާލައިފި

21 Mar 2019 | 06:03

ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ސާބިއާ އަދި ޖަރުމަނީ ބައްދަލުކުރި މެޗް 1-1 ކުން އެއްވަރުވެގެން ނިމިއްޖެއެވެ.

ސާބިއާއިން ވަރުގަދަ ޖަރުމަން ޓީމް ހިފަހައްޓާލި މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ކުރި ހޯދާފައިވަނީވެސް ސާބިއާއިންނެވެ. މި ގޯލް ސާބިއާއަށް މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަރުމަން ލީގުގެ ފްރޭންކްފާޓްއަށް ކުޅެމުން އަންނަ ފޯވަޑް ލޫކާ ޖޮވިކްއެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދި ޖަރުމަނު ޓީމަށް ނަތީޖާ ހަމަހަމަ ކޮށްލެވުނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އެރި ބަޔާން މިއުނިކްގެ ތަރި ގޮރެޓްޒްކާ ޖެހި ގޯލުންނެވެ.

މުލާ، ބޮއާޓޭންގް، އަދި ހުމެލްސްއަށް ޖަރުމަން ޓީމުން ޖާގައެއް ނެތް ކަމަށް މީގެ ދުވަސްކޮޅެއް ކުރިން އިއުލާނު ކުރި އެޓީމުގެ ކޯޗް ލޯ، މި މެޗަށް ނެރެފައިވަނީ ޒުވާން ޓީމެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަން ޓީމުން މި މެޗުގައި ފުރަތަމަ އެގާރައިގަ ހިމެނިގެން ކުޅުނު ހަމައެކަނި ކުޅުންތެރިއަކީ ގޯލް ކީޕަރު މެނުއަލް ނުއާއެވެ.

ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ގަޑީގައި ޖަރުމަނުގެ ސާނޭއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ސާބިއާގެ ފޯވަޑް ޕަކޯވްއަށް ވަނީ ސީދާ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މެޗައި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޖަރުމަނުގެ ކޯޗް ލޯ ބުނީ އޭނާގެ ޓީމްވަނީ ދެވަނަ ހާފުގަ ވަރަށް ރަނގަޅަށް ކުޅެ ސާބިއާއަށް ޕްރެޝަރުކޮށް ޓެމްޕޯ ހައި ކުޅުމެއް ދައްކާފަ ކަމަށެވެ. މެޗުގައި ގޯލް ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ދިއުމަކީ ދަސްކުރަން ލިބުނު ފިލާވަޅެއް ކަމަށައި ޖުމްލަކޮށް ޖަރުމަނު ޓީމުން ދެއްކި ކުޅުމައި ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށްވެސް ލޯ ވަނީ ބުނެފައެވެ. 

Advertisement

ކޮމެންޓް