ދެމެހެއްޓެނިވި ގޮތެއްގައި ކަންތައްތައް ކުރިއަށް ގެންދަން ފައިސާ ފޯރުކޮށްދީ: ޑރ. ހުސައިން

30 Mar 2019 | 19:43

ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ފައިސާގެ އެހީ އިންސާނީ އަދި ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބެން ފޯރުކޮށްދިނުމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ނިއުޔޯކްގައި ހުންނަ އދ.ގެ ހެޑްކުއާރޓާރސް، ޔޫ.އެން.އެޗްކިއުގައި "ކްލައިމެޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފޮރ އޯލް" ނަމުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

އެ ބައްދަލުވުމުގައި ޑރ. ހުސައިން ބައިވެރިވެ ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައެވެ.

މި ބައްދަލުވުމުގައި ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙްގެ ސަރުކާރުގައި އެންމެ އިސްކަމެއް ދެއްވާފައިވާ އެއް ދާއިރާކަމަށެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމާއި މެދު އަޑުއުފުލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ރައީސް ސޯލިޙްގެ ސަރުކާރުން ފަސްނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާއާއި ޕެރިސް އެގްރީމެންޓްގައި ފޯރުކޮށްދޭން ވަޢުދުވެފައިވާ އެހީ ލަސްނުކޮށް ފޯރުކޮށްދިނުމަށް ވެސް މިނިސްޓަރ ވަނީ ތަރައްޤީވެފައިވާ ޤައުމުތަކަށް ގޮވާލާފައެވެ. 

Advertisement

ކޮމެންޓް