ސަބްމެރިން ކޭބަލެއް ގަނެ، އިންޓަނެޓުގެ އަގު ހެޔޮ ކުރާނަން: ރައީސް

12 Sep 2018 | 15:57

ދެވަނަ ދައުރެއް ލިބިވަޑައިގަންނަވައިފި ނަމަ ރާއްޖޭގައި ފުރަތަމަ ފަހަރަށް އަމިއްލަ ސަބްމެރިން ކޭބަލެއް ގަނެ، ރާއްޖޭގައި އިންޓަނެޓް ބޭނުންކުރާ އަގު 30 ޕަސަންޓު ހެޔޮ ކޮށްދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

"އެންމެން ހިޔާ ޔަގީން"ގެ ނަމުގައި ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދިވެހި ދައުލަތުގެ އަމިއްލަ ސަބްމެރިން ކޭބަލެއް ގަތުމަށް އިންވެސްޓް ކުރަނީ އެ ބޭނުންކޮށްގެން ހިނގާ ހުރިހާ ޑޭޓާއެއްގެ އަގު މިހާރުގެ އަގަށްވުރެ 30 ޕަސެންޓް ހެޔޮ ކުރުމަށް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ހުޅުމާލެ އަކީ ބައިނަލްއަގްވާމީ ވިޔަފާރިތައް ހިނގާނެ ހަބަކަށް ހަދަން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން، ހުޅުމާލޭގައި އިންޓަނޭޝަނަލް ބިޒްނަސް ސެންޓަރުތަކެއް އަޅަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ހުޅުމާލެ އާއި ވިލިމާލޭގައި އައިސީޓީ ޕާކްތަކެއް ތަރައްގީ ކުރަން ބޭނުންފުޅުވާ ކަމަށާއި، އެކަންކަމަށް އިންވެސްޓް ކުރަން އުޅޭއިރު، މިގައުމުގެ ޑޭޓާ ބޭރު ބައެއްގެ ކޭބަލަކުން ޓްރާންސްމިޓް ވާން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ.

"މިކަމަށް އިންވެސްޓް ކުރާއިރު އަޅުގަނޑު ބޭނުމެއް ނުވޭ އަބަދު އަޅުގަނޑުމެންގެ ޑޭޓާ ބޭރު ބައެއްގެ ކޭބަލްއިން ޓްރާންސްމިޓް ވާކަށް، އަޅުގަނޑުމެންގެ އެއްޗަކަށް ވާން ޖެހޭނީ، ހިއްކާނެ ގޮތެއް ނެތީމަ މަހާޖައްރާފު ވެސް ގެނައީ، ތެޔޮ ނެތީމަ ބޮޑު ޓޭންކަރު ވެސް ހެދީ، އައިސީޓީގެ އަގު ހެޔޮކުރަން ބޭނުންވީމަ ސަބްމެރިން ކޭބަލަށް ވެސް އިންވެސްޓް ކުރާނެ މި ރައީސް،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހުޅުމާލެ އަދި ފަހުން ހިއްކަން ނިންމާފައިވާ ވިލިމާލެ ދޭއް ގައި ގާއިމް ކުރުމަށް ރާވާފައިވާ ދެ އައިސީޓީ ޕާކްގެ ސަބަބުން ރާއްޖޭގެ އައިސީޓީ ދާއިރާއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.

Advertisement

ކޮމެންޓް