އިއްބެގެ ޚާއްސަ ޝުކުރު ދާއިރާގެ ރައްޔިތުންނަށް

11 Apr 2019 | 01:34

މައްޗަންގޯޅި މެދު ދާއިރާއަށް ވާދަކުރައްވި އިބްރާހީމް މުޙައްމަދު (އިއްެބެ) އެ ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި ހިތްވަރު ދެއްވައިފިއެވެ.

އެޕްރީލް މަހުގެ 6 ވަނަ ދުވަހުގެ ބޭއްވި އިންތިޚާބުގައި ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެހެން ނަމަވެސް އިއްބެ އާއި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ވޯޓުގެ ފަރަގު ކުޑައެވެ. އެހެންވެ ސިޔާސީ ފަރާތްތަކުން ވެސް ވަނީ އިއްބެ އަށް ލިބުނީ ކާމިޔާބީއެއް ކަމަށް ސިފަކޮށްފައެވެ.

ގިނަ ބައެއްގެ ތައުރީފް އޮހެމުން ދަނިކޮށް އިއްެބެ ނެރުއްވި ބަޔާނެއްގައި ޅެން ބައިތުތަކުން ވަނީ ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. މިއީ މިފަހަރުގެ އިންތިޚާބުގައި ނާކާމިޔާބު ވެވަޑައިގެންނެވި ބޭފުޅަކު ދާއިރާގެ ރައްޔިތުންނަށް މިފަދަ ގޮތަކަށް ޝުކުރު އަދާކުރެއްވި ފުރަތަމަ ފަހަރެވެ.

އިއްބެ ބަޔާނުގައި ވަނީ އިންތިޚާބަށް ކުރިމަތިލެއްވި ހިސާބުން ދިމާވެވަޑައިގެންނެވި ގޮންޖެހުންތަކުގެ ވާހަކަ ވެސް ބަޔާންކުރައްވާފައެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވި ދުވަހު ވެސް ހީފުޅުނުކުރައްވާ ފަދަ ހުރަސްތަކެއް ކުރިމަތިވެ ވަޑައިގެންނެވި ކަމަށް އިއްބެ ވަނީ ވިދާޅުފައެވެ.

"ކޮންމެއަކަސް މިހުރިހާ ކަމަކަށް ފަހު ވެސް އަޅުގަނޑުމެން ނަތީޖާ މިވަނީ އަމާޒާ ހިސާބަށް ނުފޯރާފައެވެ. އެކިއެކި ބޮޑެތި ސަބަބުތަކާ ހުރެއެވެ. އެ ހުރިހާ ކަމަކީ މާތް ﷲ ގެ ޙިކުމަތްތެރި އިރާދަފުޅާ އެއްގޮތް ވާގޮތުގެ މަތިން ވެނިމިދިޔަ ކަންކަމެވެ. އެއީ އަޅުގަނޑުމެން މުސްލިމުން އީމާންވާ ޢަޤީދާއެވެ. އޭގައިވަނީ ހުސް ހެވެވެ."

އިންތިޚާބުގައި ނާކާމިޔާބުވި ނަމަވެސް އިއްބެ ވަނީ އެބޭފުޅާއަށް ތާއީދުކުރެއްވި ބޭފުޅުން ފަހަތަށް ޖެހިވަޑައިނުގެން ތެދުވެރިކަމާއިއެކު އިސްލާމްދީނާއި ދިވެހި ޤައުމުގެ މިނިވަންކަން ދިފާޢުކުރުމުގައި ޘާބިތުވެ އެކަތިގަނޑެއްގެ ގޮތުގައި ބައިބައި ނުވެ ތިއްބެވުމަށް ވެސް ގޮވާލައްވާފައެވެ.

އަދި ހުރިހާ އެންމެން ވެސް ދުޢާކުރުން ގިނަކޮށް ހެޔޮ ޢަމަލުތައް އިތުރުކުރުމަށް ވެސް އިއްބެ ވަނީ އިލްތިމާސްކޮށްފައެވެ.

އިއްބެ އަކީ ޕާކިސްތާާނުގެ ސަލަފިއްޔާ އިސްލާމިކް ޔުނިވަރސިޓީގައި އިސްލާމީ ޝަރީއާ އަދި ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

Advertisement

ކޮމެންޓް