އެޗްޑީސީގެ ސީނިއާ 3 މުއައްޒަފަކުވެސް ސަސްޕެންޑްކޮށްފި
ބިންވެރިޔާ ސްކީމުން އުސޫލާ ހިލާފަށް ގެވަޅުތަކެއް ދިން މައްސަލައާ ގުޅިގެން އެންމެފަހުން އެކުންފުނީގެ ސީނިއާ 3 މުއައްޒަފަކުވެސް ސަސްޕެންޑްކޮށްފިއެވެ.
އުސޫލާ ހިލާފަށް އެޗްޑީސީން ގެވަޅު ދިން މައްސަލާގައި މިއަދު ވަނީ ޗެއާމަން ފިޔަވައި އެކުންފުނީގެ ބޯޑު ސަސްޕެންޑްކޮށްފައެވެ. އެންމެފަހުން ސަސްޕެންޑްކުރި އެޗްޑީސީގެ ސީނިއާ 3 މުއައްޒަފުންގެ ތެރޭގައި ހިމެނެނީ:
- ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން
- އައިޓީ ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދު
- ރިއަލްއެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން
ސަސްޕެންޑްކުރި މުއައްޒަފުންގެ ތެރެއިން މައްސަލަ ޖެހުނު ސިޓީތަކުގައި ސޮއިކޮށްފައިވަނީ ރިއަލްސްޓޭޓް އަހުމަދު އައިމަންއެވެ. އުސޫލުން ބޭރުން ގެވަޅުތައް ދިން މައްސަލާގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ރޭ ވިދާޅުވެފައިވަނީ، އެޗްޑީސީން އެފަދަކަމެއް ކޮށްފައި ނުވާނޭ ކަމަށާއި، އެކަން ފާހަގަކުރެވިގެން ހައުސިން މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނައީ އެޗްޑީސީން ކަމަށެވެ. މި މައްސަލާގައި އެޗްޑީސީތެރެއަށް ފުލުހުންވަދެ، ޖިނާއީ ތަހުގީގެއް ހިންގަން ފަށާފައިވާއިރު، ރައީސް އޮފީހުން ބުނެފައިވަނީ، ގޯތި ލިބުނު އެއްވެސް މީހެއްގެ އުނިކަމެއް ލިބިފައި ނުވާނޭ ކަމަށެވެ.
މި މައްސަލާގައި އިދިކޮޅު އެމްޑީޕީން ވަނީ ގެވަޅުތައް ދޫކުރުމުގެ ކަންކަމުގައި ހައުސިން މިނިސްޓްރީގެ އިހުމާލުވާކަން ފާހަގަކޮށް ކުރިއަށްއޮތް މަސްދުވަހުގެ ތެރޭގައި ފްލެޓްތަކާއި ގޯތިތައް ހައްގުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމުމަށް ގޮވާލާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists