Advertisement

ޓޫރިޒަމަށް ގެއްލުންވާ އެއްވެސްކަމެއް ދިވެހިންނެއް ނުކުރާނެ: ޕީއެންސީ

ޕީއެންސީގެ އިސް ބައެއް ބޭފުޅުން

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގެއްލުންވާ އެއްވެސްކަމެއް ހަމަ އެއްވެސް ދިވެއްސަކު ނުކުރާނޭކަމަށް  ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީއެންސީން ބުނެފިއެވެ.

ޕީއެންސީން މިހެން ބުނެފައިވަނީ ރޭ އެޕާޓީން ބޭއްވި ހަރުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނިހާދު، އެމްޑީޕީން ރާއްޖޭގެ ޓޫރިޒަމަށް ގެއްލުންތަކެއް ދިނުމަށް މަސައްކަތްކުރާކަމަށް ބުނެ ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރާއްޖެއަށް ނިސްބަތްވާ އެއްވެސް ސިޔާސީޕާޓީއަކުންވިއަސް އަދި އެއްވެސް ޖަމިއްޔާ ޖަމާއަތަކުންވިއަސް ރާއްޖޭގެ އިގްތިސާދަށް ގެއްލުންވާ ހަމަ އެއްވެސް އަމަލެއް ނުހިންގާނޭކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގާނަމަ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެކަމެއް ބަލައި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނޭކަމަށް ޕީއެންސީގެ ބަޔާނުގައި ބުންޏެވެ. 

Advertisement

ޕީއެންސީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނޭ ކަމަށާއި ފަތުރުވެރިކަމުގެ އިންވެސްޓްމަންޓުތަކުގެ ރައްކާތެރިކަން ސަރުކާރުން އަބަދުވެސް ކަށަވަރުކުރާނޭ ކަމަށެވެ.

ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ރޭ ނިހާދު ދެއްކެވި ވާހަކަތަކާ ގުޅިގެން މިހާރު އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ. މިކަމާ ގުޅިގެން އެމްޑީޕީންވެސް ވަނީ ނިހާދުގެ ވާހަކަތައް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement