ލަންކާ ހޮސްޕިޓަލަށް ވަދެވޭނީ ބުރުގާ ބާލައިގެން!

27 Apr 2019 | 23:39

ސްރީލަންކާގައި މިވަގުތު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ސަލާމަތީ ސަބަބުތަކަށްޓަކައި ދިވެހިން ގިނަ އަދަދަކަށް ގޮސްއުޅޭ ލަންކާ ހޮސްޕިޓަލަށް ވަނުމަށް ބުރުގާ ނަގައިގެން ނޫނީ ނުވަދެވޭގޮތް ހަދައިފިއެވެ.

"ވޮއިސް" އަށް މައުލޫމާތު ދެމުން މިކަން ކުރިމަތިވި ދިވެހި އާއިލާއަކުން މައުލޫމާތު ދިންގޮތުގައި މިއަދު އެ ހޮސްޕިޓަލަށް ވަނުމުގެ ކުރިން މެއިންގޭޓްގެ ޗެކްޕޮއިންޓުން ބުރުގާ ބާލައިގެން ނޫނީ ނުވަދެވޭނެކަމަށް ބުނެފައިވާކަމަށެވެ.

"އަޅުގަނޑު މަންމައާއި އާއިލާއެކު ދިޔައީ. މަންމަ ބުރުގާ ނަގަން ދެކޮޅު ހެދުމުން މަންމަ ނުވައްދާ. އަޅުގަނޑު ޑޮކްޓަރަށް ދައްކަން ޖެހޭތީ ބުރުގާ ބާލައިގެން ވަންނަންޖެހުނީ. މިކަން މިގޮތަށް ކުރަން ޖެހުމުން ބުރުގާ ނަގަންޖެހުނު އަންހެންކުދިން ވަރަށް ރުއި. ވަރަށް ބޮޑަށް މިކަމުން އަސަރުކުރި އަޅުގަނޑުމެނަށް" ވޮއިސްއަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ލަންކާގައި ހުންނަ ދިވެހި އެންބަސީން ބުނެފައިވަނީ އެޤައުމުގެ ސަލާމަތީ ބާރުތަކުން ނިންމާ ނިންމުންތަކަށް ކުރެވޭނެކަމެއް ނޯންނާނެކަމަށާއި ކެތްތެރިކަމާއެކު އެފަރާތްތަކަށް އެއްބާރުލުން ދިނުމަށެވެ.

އަޕްޑޭޓް: މިމައްސަލައާއި ގުޅިގެން ލަންކާ ހޮސްޕިޓަލުން މިހާރު ވަނީ މިކަން ހިނގައިދިޔައީ މިސްކޮމިއުނިކޭޝަންއެއްގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން މީގެ ފަހުން އެއްވެސް ފަރާތެއްގެ ބުރުގާ ބޭލުމަށް ނުބުނާނެކަމަށާއި، ނަމަވެސް މޫނު ބުރުގާ އަޅާފަރާތްތަކުގެ މޫނު ދެއްކުމުން ނޫނީ ނުވަދެވޭނެކަމަށް ލަންކާ ހޮސްޕިޓަލުން ވާހަކަ ދެއްކި މުވަޒަފު ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް